އިލެކްޝަންސް ކޮމިޝަން (އީސީ) މެމްބަރު އަލީ ނަޝާތުގެ ދައުރު މިއަދު ހަމަވެއްޖެއެވެ.

އިލެކްޝަން ކޮމިޝަނުގެ މެންބަރުން އައްޔަން ކުރަނީ 5 އަހަރުގެ މުއްދަތަކަށް ކަމަށްވާއިރު ނަޝާތު އެ މަގާމަށް އައްޔަންކޮށްފައިވަނީ ޖުލައި 25، 2018 ގައެވެ. އަދި މިއަދަށް އޭނާގެ ދައުރުހަމަވެފައިވާއިރު އީސީއިން ވަނީ ކާމިޔާބުކަމާއެކު މެންބަރުކަމުގެ ދައުރު ފުރިހަމަ ކުރައްވާފައިވާތީ ނަޝާތަށް މަރުހަބާ ކިޔާފައެވެ.

ނަޝާތުގެ ދައުރު ހަމަވާތީ އޭނާ އިތުރު ދައުރަކަށް އައްޔަން ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މިދިޔަ މޭ މަހުގެ ތެރޭގައި މަޖިލީހަށް ފޮނުއްވައިފައެވެ. އެހެންނަމަވެސް އެ މައްސަލައަށް ގޮތެއް ނުނިންމާ ޖޫން 22 ގައި މަޖިލިސް ވަނީ ޗުއްޓީއަށް ގޮސްފައެވެ.

އީސީއިން ވަނީ ވޭތުވެދިޔަ 12 އަހަރުދުވަހު މެދުކެނޑުމެއްނެތި އިލެކްޝަންސް ކޮމިޝަނުގެ ތަރައްގީއަށް ނަޝާތު ކޮށްދެއްވާފައިވާ އެތަކެއް އިހުލާސްތެރި ހިދުމަތްތަކަކަށް އިލެކްޝަންސް ކޮމިޝަނާއި މުވައްޒަފުންގެ ނަމުގައި ޝުކުރު އަދާކޮށްފައެވެ.

ރިޔާސީ އިންތިހާބަށް 45 ދުވަހަށްވެފައިވާއިރު އީސީގެ ގާނޫނުގައި ބަޔާންކުރައްވާފައިވާ އަދަދަށްވުރެ އީސީގެ މެންބަރުން ވަނީ މަދުވެފައެވެ. އަދި މިދަނޑިވަޅުގައި ނަޝާތު ހިމެނޭހެން ތިން މެމްބަރަކު ވަނީ އެ ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގުގެ އިތުބާރު ނެތް ކަމަށް ފާސްކޮށްފައެވެ.

ފުވާދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ފެންމަތިވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސް ރަޖިސްޓްރީ ކުރުމަށް ބާއްވާ ޖަލްސާ ބޭއްވުމުގެ ހުއްދަ ދިނުން ފުވާދު އަވަސް ކުރެއްވި ކަމަށް ބުނެ މެންބަރުންގެ ތުހުމަތުތައް އަމާޒުވެފައި ވަނިކޮށެވެ.

އީސީގެ ޖަލްސާއަކުން ފުވާދުގެ އިތުބާރު ނެތް ކަމަށް ނިންމި ނަމަވެސް އީސީގެ ގާނޫނު ބުނާ ގޮތުން ފުވާދު ވަކިކުރުމުގެ ބާރު ލިބިގެން ވަނީ ރައްޔިތުންގެ މަޖިލީހަށެވެ.

ފުވާދު "ދަ ޕްރެސް" އަށް ވިދާޅުވީ ގާނޫނާއި ގަވާއިދު އަދި އުސޫލުތަކާވެސް ހިލާފުވެ ވަޑައިގެންފައި ނުވާނެ ކަމަށާއި މަގާމުން އިސްތިއުފާ ނުދެއްވާނެ ކަމަށެވެ.