އިމިގްރޭޝަނުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، ފުޅާކުރުމާ ގުޅޭގޮތުން އިންޑިއާއާއެކު ރާއްޖެ އިން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އިމިގްރޭޝަނުން ބުނީ، މި އެއްބަސްވުމަކީ ދެގައުމުގެ ދެމެދުގައި އިމިގްރޭޝަނުގެ މަސައްކަތްތަކާ ގުޅުން ހުރި މައުލޫމާތު ބަދަލުކުރުމަށާއި، ބޯޑާ ކޮންޓްރޯލް މެނޭޖްމެންޓް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ފޯރުކޮށްދެވެން ހުރި އެހީތެރިކަން ފޯރުކޮށްދިނުމަށް ވެވުނު އެއްބަސްވުމެއް ކަމަށެވެ.

މި އެއްބަސްވުމުގެ ދަށުން އިމިގްރޭޝަން ހިދުމަތްތަކާއި ގުޅޭގޮތުން އޮފިސަރުން ތަމްރީނު ކުރުމުގައި އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

މީގެއިތުރުން އިންސާނީ ވަގުފާރި އާއި އެހެނިހެން އިމިގްރޭޝަނާ ގުޅުންހުރި ކުށްތައް މަދުކުރުމަށް ބޭނުންވާ އެހީތެރިކަން ވެސް މި އެއްބަސްވުމުގެ ދަށުން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

އިމިގްރޭޝަނުން ބުނީ، ފޮރިން މިނިސްޓްރީގައި ބޭއްވި ބައްދަލުވުމެއްގައި ރާއްޖޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު އަހުމަދު ހުސެއިން ކަމަށެވެ. އަދި އިންޑިއާގެ ފަރާތުން ސޮއިުރެއްވީ އެގައުމުގެ ހޯމް މިނިސްޓްރީގެ ޖޮއިންޓް ސެކެޓްރީ، ސުމާންތް ސިންހް ކަމަށް އިމިގްރޭޝަނުން ބުނެއެވެ.