ފުލުހުންގެ މަސައްކަތަށް އިތުރުކުރެވިގެން ދާ ކޮންމެ އާ ވަސީލަތަކީ ރައްޔިތުންގެ ޖީބުން ކުރާ ހަރަދެއް ކަމަށާއި ފުލުހުންނާ ހަވާލު ކުރެވިފައިވާ މަސްއޫލިއްޔަތަކީ ގާނޫނީ ހުކޫމަތުގެ ތެރެއިން ކުށާއި ކުށުގެ ބިރުވެރިކަން ނައްތާލުންކަން އަބަދުވެސް ހަނދާން ބަހައްޓަންވާނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.
ފުލުހުންގެ ތަހުގީގު ތަކަށް ހާއްސަ ކޮށްގެން ހ. ފޯވިންޑުގައި ހަދާފައިވާ އިމާރާތް، ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިން ހުޅުވުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ހަމީދު ވިދާޅުވީ ކޮންމެ ވަގުތެއްގައިވެސް ފުލުހުންގެ ޒިންމާއަކަށް ވާން ވާނީ ގާނޫނާއި ގަވާއިދުތަކުގެ ތެރެއިން ރައްޔިތުން ހަވާލުކޮށްފައި ވާ ޒިންމާ، ވީ އެންމެ ފުރިހަމައަކަށް އަދާކުރުން ކަމަށެވެ.
ފުލުހުންގެ މަސައްކަތަކީ ބާރުތަކަކާއެކު އިހުތިޔާރު ތަކެއް ވަކިވަކި ފުލުހުންނަށް ހަވާލުކުރެވިފައިވާ މަސައްކަތްތަކެއްކަން ފާހަގަކުރައްވައި ހަމީދު ވިދާޅުވީ ފުލުހުން އަދާކުރާ ދައުރުތަކުގެ ތެރެއިން ތަހުގީގު ކުރުމުގެ މަސައްކަތަކީ ވަރަށް މުހިންމު މަސައްކަތެއް ކަމަށެވެ. އެހެންކަމުން ފުލުހުންގެ ތަހުގީގު ކުރުމުގެ ފަންނު އިތުރަށް ތަރައްގީކޮށް ހަރުދަނާ ކުރުމަކީ ވަރަށް ހާއްސަ އަހަމިއްޔަތެއް ދެއްވަމުން ގެންދަވާ ކަމެއް ކަމަށް ހަމީދު ވިދާޅުވިއެވެ. ހަމައެއާއެކު ތަހުގީގު ކުރާ މުވައްޒަފުން ބިނާކުރުމާއި ހަރުދަނާ އޮނިގަނޑުތައް އެކުލަވާލާ، ވަސީލަތްތައް އިތުރުކުރުމަކީ ފުލުހުންގެ ފަސް އަހަރުގެ ސްޓްރެޓެޖިކް ޕްލޭނުގެ ވޮލިއުމް އެންޑް ހައި ކްރައިމް އިމްޕެކްޓް ކްރައިމްގެ ޕްރައިއޯރިޓީއާ ގުޅިފައިވާ ވަރަށް މުހިންމު ބައިތަކެއް ކަމަށް ހަމީދު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ ފުލުހުންގެ ފަރާތުން ރައްޔިތުންނަށް ދެވޭ ހިދުމަތް ފުރިހަމަ ކުރެވޭނީ ފުލުހުންގެ މަސައްކަތަށް ފޯރުކޮށްދެވޭ ވަސީލަތާއި ފުލުހުންނަށް ފަހިކޮށްދެވޭ މަގުތަކާއި ގޮތްތަށް ބޮޑަށް ފަހިކުރެވުނު މިންވަރަކުން ކަމަށެވެ. އަދި ރައްޔިތުންނަށް ފުލުހުންގެ ފަރާތުން ލިބެންޖެހޭ ނަތީޖާއާ އެއްވަރަށް ފުލުހުންނަށް ވަސީލަތާއި މަގުތައް ފަހިކޮށްދިނުމަކީ އަމާޒަކަށް ވާތީ ދައުލަތުގެ ކެރިފޯރުންތެރިކަން ހުރި މިންވަރަކުން އެންމެ އިސްކަމެއް ދީގެން ފުލުހުންގެ ވަސީލަތްތަށް ފަހިކޮށްދިނުން އެއީ ކުރެވެމުން ދިޔަ ކަމެއް ކަމަށެވެ.