މިއަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ ޖުލައި 25ވާ އަންގާރަ ދުވަހުގެރޭ ބޭއްވުމަށް ހަމަޖައްސާފައިވާ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
ރައީސް އޮފީހުން ބުނީ، މިނިވަންދުވަހުގެ މުނާސަބާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހާއި، އެ މަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ބާއްވަވާ ރަސްމީ ބައްދަލުކުރެއްވުން ބޭއްވުމަށް ހަމަޖެހިފައިވަނީ އިސްލާމީ މަރުކަޒު މައިދާނުގައި ކަމަށެވެ. އަދި މި ޖަލްސާގައި ގިނަ އަދަދެއްގެ އިއްޒަތްތެރިން ބައިވެރި ވުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
އެގޮތުން ރައީސުލްޖުމްހޫރިއްޔާކަން ކުރެއްވި ބޭފުޅުންނާއި، ދައުލަތުގެ އިސްވެރިންނާއި، ދިވެހި ދައުލަތުން އިއްޒަތް އަރުވާފައިވާ ބޭފުޅުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، އެކި ދައުރުތަކުގައި ވަޒީރުކަން ކުރެއްވި ބޭފުޅުން ހިމެނެއެވެ. މީގެ އިތުރުންވެސް އެކި މަގާމުތައް ފުރުއްވަމުން ގެންދަވާ ބޭފުޅުންގެ އިތުރުން ރާއްޖެއިން ބޭރުންވެސް އިއްޒަތްތެރިން އައުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ މިދިޔަ އަހަރު ބާއްވާފައެއް ނުވެއެވެ. ޖަލްސާ ނުބޭއްވި ވަކި ސަބަބެއް ހާމަކޮށްފައި ނުވި ނަމަވެސް މާލޭގެ އިތުރުން އަތޮޅުގެ ތެރޭގައި ޖުލައި 26ގައި ދިދަ ނެގުމުގެ ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައި ވެއެވެ.
މިނިވަން ދުވަހަކީ އިނގިރޭސީންގެ ހިމާޔަތުން ފުރިހަމަ މިނިވަންކަމެއް ލިބި ސިޔާސީ ގޮތުން ރާއްޖެއަށް މިނިވަންކަން ލިބުނު ދުވަހެެވެ. އިނގިރޭސިވިލާތްގެ ހިމާޔަތުގެ ދަށަށް ދިވެހިރާއްޖެ ގޮސްފައިވަނީ ޑިސެމްބަރު 16, 1887 ވަނަ އަހަރު ދިވެހިރާއްޖޭގެ އޭރުގެ ރަދުން އައްސުލްތާން މުހައްމަދު މުއީނުއްދީން ދެވަނަ އާއި އިނގިރޭސީންގެ އިއްޒަތްތެރި ކްއީން, ވިކްޓޯރިއާގެ ބަދަލުގައި ސިލޯނުގައި ހުންނަވާ އިނގިރޭސި ގަވަރުނަރު ސާ އޭ.އެޗް.ގޯޑްން އާއި ދެމެދު އާދެ، ދެގައުމުގެ ދެމެދުގައި ކުރެވުނު މުއާހަދާއެއްގެ ދަށުންނެވެ.
ނަމަވެސް، ޖުލައި 26, 1965 ވަނަ އަހަރު ދިވެހި ސަރުކާރާއި އިނގިރޭސި ސަރުކާރާއި ދެމެދު ކުރެވުނު އެގްރީމެންޓަކުން ދިވެހިރާއްޖެއަކީ ވަކިވަކި ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ ވެރިކަން ހިންގުމުގެ ފުރިހަމަ ބާރު ލިބިފައިވާ މިނިވަން ދައުލަތެއް ކަމަށް އިނގިރޭސި ސަރުކާރު ގަބޫލު ކުރީއެވެ.