އިންޑިއާގެ މަހަރާޝްތްރަ ސްޓޭޓްގެ ރައިގަދް އަވަށުގައި ހުރި ގެތަކުގެ މައްޗަށް ފަރުފަދަ މަތިން ފޭބި ޗަކަ ފަސްގަނޑު އެޅި ފޮރުވިފައިވާ އިރު މިހާތަނަށް 22 މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށް އޮފިޝަލުން ބުނެފިއެވެ.
ފަގީރު އެ އަވަށުގައި ގިނަ ގެތަކަކީ ޖިފްޓިގޮތަށް ހުރި ގެތަކަކަށް ވާއިރު، ފަރުބަދައިގެ ވާދީއަށް ވާގޮތަށް ތިރިއަށް އަންނަ ބައިގައި ގެތައް ހުރުމުގެ ސަބަބުން ބިންގަނޑު ކަނޑައިގެން ދިޔުމާއެކު ފޭބި ފަސްގަނޑުގެ ދަށުގެ ގިނަ ގެތައް ވަނީ ވަޅުލެވިފައެވެ.
އޮފިޝަލުން ހަބަރުދޭގޮތުން މިހާތަނަށް ނުފެނިވާ 105 މީހަކު ވެއެވެ.
މި ފާއިތުވާ 2 ހަފްތާ އަކީ އިންޑިއާގެ ގިނަ ސަރަހައްދުތަކަށް ބޯކޮށް ވާރެ ވެހި ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިޔުމާއި ފަރުބަދަމަތިން ފަސްގަނޑު ދޫވެ ފޭބުމުގެ ހާދިސާތައް ހިނގަމުން އަންނަ 2 ހަފްތާއެވެ.
މޫސުމާ ބެހޭ އިދާރާތަކުން ބުނެފައި ވާ ގޮތުގައި މޫސުމީ ވިއްސާރަ ކުރިއަށް އޮތް 3-4 ދުވަހަށް ދެމިގެން ދާނެއެވެ.
ރައިގަދް ގެ އެ ހާދިސާ ދިމާވި ވާދީގައި 50 އެއްހާ ގެ ހުރި ކަމަށާއި 17 ގެއަކަށް ބޮޑެތި ގެއްލުން ވެފައި ވާކަމަށް ވެސް އޮފިޝަލުން ބުނެއެވެ.
އެ ހާދިސާއިން ސަލާމަތް ވި މީހަކާ ހަވާލާދީ މީޑިއާތަކުން ބުނީ، ކުއްލިއަކަށް ބިންގަނޑު ހެލިގަންހެން ހީވި ކަމަށާއި އެއާއެކު އެވަހަށް ގެއިން ނިކުމެ ދުއްވައިގަތީ ކަމަށެވެ. އޭނާ އިތުރަށް ބުނީ، މީގެ ކުރިން ދުވަހަކުވެސް ފަރުބަދަ ކަނޑައިގެން ގޮސް އެހެން ވެލިގަނޑު ނުފައިބަ ކަމަށާއި އެ ސަރަހައްދުގައި މީހުން ދިރިއުޅެމުން ދަނީ އެފަދަ ހާދިސާއެއް ކުރިމަތިވެދާނެ ކަމުގެ އިހުސާސެއްވެސް ނެތި ކަމަށެވެ.
ވަޅުލެވިފައިވާ ގެތަކާ ހަމައަށް ސަލާމަތީ އޮފިޝަލުންނަށް ވެހިކަލްތަކުގައި ދިޔުމަށް ވެސް ވަނީ އުނދަގޫތަކާ ކުރިމަތިވެފައެވެ. ފެނާއެކު ވެލިގަނޑު ފައިވެ ޗަކަވެފައި ވުމުން، ވެހިކަލްތައް ކައްސާ ކަމަށާއި އެއީ ވާދީން މައްޗަށް އަރަން ދިމާވެފައިވާ ގޮންޖެހުމެއް ކަމަށް ބުނެއެވެ.
މިހާތަނަށް 98 މީހަކު ސަލަމަތް ކޮށްފައި ވާ އިރު މަރުވި މީހުންގެ އާއިލާތަކަށް 6000 އެމެރިކާ ޑޮލަރު ދޭން މަހާރާޝްތްރަ ސަރުކާރުން ވަނީ ނިންމާފައެވެ.