މިއަހަރު ބާއްވާ ރިޔާސީ އިންތިހާބާ ގުޅޭގޮތުން ހުށަހެޅޭ ޝަކުވާތައް ބަލައިގަތުމަށްޓަކައި "ގައުމީ ކޮމްޕްލެއިންޓްސް ބިއުރޯ" ގާއިމު ކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ކުރި އިއުލާނުގައި ވަނީ އިންތިހާބާ ބެހޭ ޝަކުވާތައް ބަލައިގަތުމުގެ އިންތިޒާމު މިހާރު އިންތިހާބާ ބެހޭ މަރުކަޒު ދަރުބާރުގޭގައި ހަމަޖެހިފައި ވާކަމަށެވެ.

ގައުމީ ކޮމްޕްލެއިންޓްސް ބިއުރޯ ހުޅުވިފައި ހުންނާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރުފަހު 15:00 އަށެވެ. އަދި ހުކުރު ދުވަހު ހުޅުވިފައި ހުންނާނީ މެންދުރުފަހު 14:00 އިން ހަވީރު 17:00 އަށެވެ.

އީސީ އިން ބުނީ ޝަކުވާ ހުށަހަޅާ ފޯމު އެ ކޮމިޝަނުގެ ވެބްސައިޓުންނާއި އިންތިހާބާ ބެހޭ މަރުކަޒުގެ އިތުރުން އިލެކްޝަންސް ކޮމިޝަނުގެ އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެ ކަމަށެވެ. އަދި ރަށްރަށުގެ ރަށު ކައުންސިލް އިދާރާ އަދި އަތޮޅު/ސިޓީ ތަކުގައި ގާއިމް ކުރެވިފައިވާ އިލެކްޝަންސް ފޯކަލް ޕޮއިންޓް ތަކުން ލިބެން ހުންނާނެ ކަމަށް އީސީ އިން ވަނީ ބުނެފައެވެ.

މީގެ އިތުރުން ރާއްޖެއިން ބޭރުގައި ގާއިމް ކުރެވިފައި ވާ ފޯކަލް ޕޮއިންޓުތަކުން ވެސް ޝަކުވާ ހުށަހަޅާ ފޯމު ލިބެން ހުންނާނެ ކަމަށް އީސީއިން ވަނީ ބުނެފައެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަހަރު ބާއްވާ ރިޔާސީ އިންތިހާބަށް ތައްޔާރު ވަމުން އަންނައިރު މިއަދު އެ ކޮމިޝަނުން ވަނީ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތުވެސް ހުށަހަޅާފައެވެ. މީގެ އިތުރުން މިއަހަރު ބާއްވާ އިންތިހާބުގައި އޮފިޝަލުން ހަމަނުވާ ރަށްތަކަށް އޮފިޝަލުން ހަމަކުރުމަށްވެސް ކައުންސިލްތަކާ ގުޅިގެން އީސީ އިން އަންނަނީ މަސައްކަތް ކުރަމުންނެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓްލުމުގެ ހައްގު 282،755 މީހަކަށް ލިބިގެންވެއެވެ.