ބޮލީވުޑް ފިލްމެއްގެ ޓްރެއިލާ ދުބާއީގައި ރިލީޒްކުރުމުން މި ފިލްމަށް ޝައުގުވެރިކަން އުފެދުނެވެ. ފިލްމުގެ ޓްރެއިލާ ޔޫޓިއުބަށް ދޫކޮށްލުމާއެކު މި ފިލްމު ބެލުމަށް ޝައުގުވެރިވިއެވެ. ޓްރެއިލާ އިން ފެނުނު މަންޒަރުތަކުން މި ފިލްމު ހަގީގަތުގައި ވެސް ތަފާތުވާނެ ކަން އެނގުނެވެ. ހަނގުރާމައިގެ މަންޒަރުތަކާއި ލޯބީގެ މަންޒަރުތަކާއި އަމިއްލަ އެދުން ބޮޑު މަންޒަރުތައް ވެސް ޓްރެއިލާ އިން ފެނުނެވެ. ފިލްމު އެމެޒޮން ޕްރައިމް ވީޑިއޯގައި ސްޓްރީމްކުރުމާއެކު، ފިލްމު ބަލަން ސޯފާގައި އިށީދެލީމެވެ.

  • ތަރިން

ވަރުން ދަވަން (އަޖޭ ޑިކްސިޓް)، ޖާންވީ ކަޕޫރު (ނިޝާ ޑިކްސިޓް)، މަނޯޖް (އަޖޭގެ ބައްޕަ)، ޕާރްތް ސިދްޕޫރާ (އަޖޭގެ ރަހުމަތްތެރިޔާ) އަދި އަންޖުމަން ސަކްސޭނާ (އަޖޭގެ މަންމަ) އެވެ.

  • މައިގަނޑު ވާހަކަ (ސްޕޮއިލާ ނުލާ)

ފިލްމު ފެށިގެންދަނީ އަޖޭ ސައިކަލަކަށް އަރައި ދުއްވާފައި ދާ މަންޒަރަކުންނެވެ. އެންމެ ފަހުގެ ފެޝަން އަށް ލޯބިކުރާ އަޖޭގެ ހެދުން އެޅުމާއި ވަށްޓަފާޅި ހުންނަ ގޮތުން ކޮންމެ މީހަކުވެސް ހީކުރަނީ އޭނާ އަކީ ވަރަށް މަތީ ވަޒީފާއެއްގައި އުޅޭ މީހެއް ކަމަށެވެ. ބައެއް މީހުން ހީކުރާ ގޮތުގައި އޭނާ އަކީ ވަރަށް މަތީ ސިޔާސީ މީހެކެވެ. އަނެއް ބައި މީހުން ހީކުރާ ގޮތުގައި އަޖޭ އަކީ ބޭންކުގައި މަސައްކަތްކުރާ މީހެއް ކަމަށެވެ. ކޮންމެއަކަސް އަޖޭ ވެގެންދިޔައީ ސްކޫލެއްގައި މަސައްކަތްކުރާ ޓީޗަރަކަށެވެ. އެއީ ވެސް އާދައިގެ ޓީޗަރަކަށް ނޫނެވެ. ހިސްޓަރީ މާއްދާ ކިޔައިވައިދޭ ޓީޗަރެކެވެ. ނަމަވެސް އަޖޭގެ ގަޑީގައި އޭނާ ކިޔަވައެއް ނުދެއެވެ. ކުދިން ޖެހޭނީ ފޮތް ބަލައިގެން އަމިއްލަ އަށް ދަސްކުރާށެވެ. މާއްދާ އާ ގުޅޭ އެއްވެސް މައުލޫމާތެއް، އަދި ކިޔަވައިދޭ ހިތެއްވެސް އަޖޭ އެއް ނުވެއެވެ. ހަމައެކަނި ބޭނުމަކީ މީހުންނަށް ކަންދައްކާލުމެވެ. މީހުންގެ ސަމާލުކަން ހޯދުމެވެ. ކޮރިޑޯ އިން ސްކޫލުގެ ޕްރިންސިޕަލް ދާއިރު އޭނާ އަށް ކަންދައްކާލަން އަޖޭ ގޮނޑިން ތެދުވެ ކުދިންނަށް ކިޔަވައިދެއެވެ. ކޮންމެ އަކަސް މިއީ އަޖޭގެ ދިރިއުޅުމެވެ. ބައްޕަ އަތުން ރުފިޔާ ނަގައި ހިތަށް އެރި އެއްޗެއް ގަނެލާ އަޖޭގެ އަނތްބެއް ވެސް ހުރެއެވެ. އެއީ ނިޝާ އެވެ. އެކަމަކު އަޖޭގެ އަނތްބެއް ހުންނަ ކަން ގިނަ މީހުންނަކަށް ނޭނގެއެވެ. އަޖޭ ދުވަހަކުވެސް ނިޝާ ގޮވައިގެން ބޭރަކަށް ނުދެއެވެ. އެއް އެނދުގައި ދެމީހުން ނުވެސް ނިދައެވެ. ގޭގައި އުޅޭއިރުވެސް ނިޝާ އާއި އަނގައިން ނުބުނެއެވެ. ނިޝާގެ ހުރިހާވެސް މައްސަލައަކަށްވީ އެޕިލެޕްސީ (ފިޓް) ހުރުމެވެ. ނިޝާ ގޮވައިގެން ބޭރަށް ގޮސް ހުއްޓާ އޭނާއަށް ފިޓެއް ޖެހިއްޖެ ނަމަ އަޖޭގެ އަގުވެއްޓޭނެ ކަމަށް އޭނާ ގަބޫލުކުރެއެވެ. ނަމަވެސް ކައިވެނިކުރުމުގެ ކުރިން ނިޝާ އެވާހަކަ އަޖޭ ގާތު ބުނެއެވެ. އެކަމަކު ދެމީހުންގެ ދިރިއުޅުން ބަދަލުވީ ކައިވެނީގެ ފުރަތަމަ ރޭ ނިޝާ އަށް އެޕިލެޕްސީ އެޕިސޯޑެއް އައުމުންނެވެ.

ކުލާސް ދަރިވަރަކު އަޖޭ ގާތު ސުވާލެއް ކުރުމުން އެ ސުވާލުގެ ޖަވާބު އަޖޭ އަށް ނޭނގުމުން ކުލާސްކުރިން ހޭން ފަށައެވެ. ރުޅިއައިސް ހުރި އަޖޭ އެ ކުއްޖާ މޫނު މަތީ ޖަހައެވެ. އަޖޭ އަށް ނޭނގުނީ މި ޖެހުނީ ވަރުގަދަ ސިޔާސީ މީހެއްގެ ދަރިއެއްގެ ގައިގައި ކަމަށެވެ. ވަގުތުން ސިޔާސީ މީހާ ސްކޫލަށް އައިސް އޭނާގެ ބާރުގެ ބޭނުންކުރުމުން ޕްރިންސިޕަލް އަށް މަޖުބޫރުވީ އަޖޭ ސަސްޕެންޑްކުރުމަށެވެ. އަޖޭގެ ދިރިއުޅުން ހުއްޓުނެވެ. އިސާހިތަކު އެ ހަބަރު މުޅި ހިސާބުގަނޑަށް ފެތުރުނެވެ. މީހުން އަޖޭ އަށް ކުރަމުން އައި އިހްތިރާމް ގެއްލުނެވެ. އަޖޭއަށް ގެއްލުނު އިހްތިރާމް ހޯދަން އޭނާ ބޮޑު ޕްލޭނެއް ކުރެއެވެ. އޭނާ އަކީ ރަނގަޅު ޓީޗަރެއްކަން ސާބިތުކޮށްދޭން ބޭނުންވިއެވެ. އެވެސް އަލުން މީހުންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދުމުގެ ބޭނުމުގައެވެ. ބައްޕަ ގާތު ނިޝާ އާއެކު ޓްރިޕެއް ދާން ބޭނުންވޭ ބުނުމުން ވަގުތުން ބައްޕަ ޓިކެޓް ހަމަޖައްސައިދިނެވެ. ނަމަވެސް ހަގީގަތަކީ އަޖޭ އެކަން ކުރީ ވެސް އެންމެންނަށް ކަންދެއްކުމަށެވެ. ނިޝާ ގޮވައިގެން ޔޫރަޕް ޓުއާއަކަށް ދިޔުމުގެ ބޭނުމަކަށްވީ އޮންލައިން ޕްލެޓްފޯމުން އަޖޭގެ ދަރިވަރުންނަށް ވޯލްޑް ވާ 2 ކިޔަވައިދިނުމަށެވެ. އެކަން އަޖޭ ކާމިޔާބުކުރިއެވެ. މީހުންގެ ލޮލުގައި އަނދުން އަޅުވައިލިއެވެ. ނަމަވެސް އަޖޭގެ ހަޔާތުގައި އެ ދަތުރު ވެގެންދިޔައީ އޭނާގެ ދިރިއުޅުމަށް އައި އެންމެ ބޮޑު ބަދަލަށެވެ. ފިލްމުގެ ޓްވިސްޓައް އައީ އެހިސާބުންނެވެ.

މި ފިލްމަކީ ހަމަގައިމުވެސް ޖާންވީގެ އެންމެ މޮޅު ފިލްމެވެ. ވަރުން އުޅޭ ފިލްމެއް ވެއްޖެނަމަ އަބަދުވެސް ކޮމެޑީ/ރޮމޭންޓިކް ބައި އޮންނާނެއެވެ. ވަރުންގެ އެންމެ މޮޅު އެކްޓިން އަށް ނުވިނަމަވެސް ހުރިހާ އެންމެންގެ ލޯތައް އަމާޒުވީ ޖާންވީއަށެވެ.