މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 09 ވަނަ ދުވަހު ބާއްވާ ރާއްޖޭގެ ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ކުރި އިއުލާނެއްގައި ބުނެފައިވަނީ ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ޖުލައި 23، 2023 ވާ އާދީއްތަ ދުވަހުގެ ހެނދުނު 9:00 ން ފެށިގެން އޮގަސްޓު 7، 2023 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 2:00 އާ ހަމަޔަށް ހުޅުވާލާފައިވާ ކަމަށެވެ.
އީސީ އިން ބުނީ ރިޔާސީ އިންތިހާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކުން އެކަމަށް ހާއްސަކުރެވިފައިވާ ފޯމާ، ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި ފުރިހަމަ ކުރުމަށް ފަހު ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 9:00 ން މެންދުރުފަހު 2:00 އިންތިހާބާ ބެހޭ މަރުކަޒު (ދަރުބާރުގެ)އަށް ހުށަހެޅުމަށް އެދިފައެވެ.
ރައިސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމަށް ކުރިމަތިލާ ފަރާތްތަކުން 7 ޝަރުތެއް ފުރިހަމަވާން ޖެހޭނެ ކަމަށް ގާނޫނު އަސާސީގައި ބުނެއެވެ. މި ގޮތުން ރައީސްކަމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި ދިވެހި މަންމައަކާ ދިވެހި ބައްޕައަކަށް އުފަން ދިވެހި ރައްޔިތަކު ކަމުގައިވުން އަދި ބޭރު ގައުމެއްގެ ރައްޔިތަކު ކަމުގައި ނުވުން ހިމެނެއެވެ. އަދި މުސްލިމަކު ކަމުގައިވުމާއި، ސުންނަތް ޖަމާއަތުގެ މީހަކު ކަމުގައިވުމުގެ އިތުރުން އުމުރުން ތިރީސް ފަސް އަހަރުވެފައިވާ މީހަކު ކަމުގައިވުން ހިމެނެއެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިޔާ ކަމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައު ބުއްދި ހަމައަށް ހުރި މީހަކު ކަމުގައިވުމާ، އަދާކުރާންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ، އެ ދަރަނި ހަލާސްކޮށްފައިވާ މީހަަކަށް ވާންޖެހެއެވެ. އަދި ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން ބާރަ މަސްދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކު ނަމަ، އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާފްކުރެވުނުތާ ތިން އަހަރު ވެފައިވާ މީހަކު ކަމުގައިވުން ހިމެނެއެވެ. އެހެން ނަމަވެސް އެ މީހަކީ އިސްލާމްދީނުގައި ހައްދު ކަނޑައެޅިފައިވާ ކުށެއް ނުވަތަ މަކަރާ ހީލަތް، ޓެކުން، ހިޔާނާތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.
ރިޔާސީ އިންތިހާބަށް އަމިއްލަ ގޮތުން ވާދަކުރާ މީހެއް ނަމަ އެ މީހަކަށް ތާއީދު ކުރާ 18 އަހަރުން މަތީގެ 1،500 މީހުންގެ ނަމާއި އެޑްރެސް އަދި ސޮޔާއެކު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ޖެހޭނެއެވެ. މީގެ އިތުރުން އިންތިހާބުގައި ވާދަކުރާ ފަރާތްތަކުން އެއްލައްކަ ރުފިޔާގެ ޑިޕޮސިޓެއް ދައްކަންޖެހެއެވެ.