އިންޑިއާގައި ބާސްމަތީ ނޫން، އާދައިގެ ހުދުހަނޑުލުގެ އަގު އުފުލެއްމުން ދާތީ އަޅާ ފިޔަވަޅެއްގެ ގޮތުން އާދައިގެ ހަނޑޫ އެގައުމުން ބޭރުކުރުން މަނާކޮށްފިއެވެ.

ހިސާބުތައް ދައްކާގޮތުން ވޭތުގެ ދިޔަ 12 މަހެއްހާ ދުވަހުގެ ތެރޭގައި އިންޑިއާގައި ހަނޑޫގެ އަގު ވަނީ 11 ޕަސެންޓަށް އުފުލިފައެވެ.

ބޯކޮށް ވާރޭ ވެހި ދަނޑުބިންތައް ހަލާކުވާ މައްސަލައިގައި އިންޑިއާގެ އެތެރޭގެ ބޭނުންތަކަށް ބޭނުންވާ ވަރަށް ވެސް ހަނޑޫލިބުމުގައި ދަތިތަކާ ކުރިމަތިވަމުން އަންނާތީ އެޅި މި ފިޔަވަޅާއެކު އިންޑިއާއިން ހަނޑޫ އެތެރެ ކުރާ ގައުމުތަކުގައި ހަނޑުގެ އަގަށް ބަދަލު އަންނާނެ ކަަމަށް ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.

ރާއްޖެ އަކީވެސް އިންޑިއާއިން ހަނޑޫ އެތެރެެ ކުރާ ގައުމެކެވެ. ނަމަވެސް ރާއްޖޭގައި އާންމު ކާޑުގެ ބާވަތްތަކުގެ އަގު ސަރުކާރުން ކޮންޓްރޯލް ކޮށްފައި އޮންނާތީ، ރާއްޖޭގެ ބާޒާރުގައި ހަނޑުލުގެ އަގު އުފުލިގެނެއް ނުދާނެއެވެ.

ދުނިޔޭގެ އެކި ހިސާބުތަކަށް އެންމެ ގިނައިން ހަނޑޫ އެކްސްޕޯޓު ކުރަނީ އިންޑިއާ އިން ކަމަށް ވާއިރު މި ފިޔަވަޅާއެކު ކާޑުގެ އަގުގެ ކޮންޓްރޯލް ނޯންނަ ގައުމުތަކުގައި އަގު އުފުލޭނެ ކަމަށް ދިރާސާވެރިން ބުނެއެވެ.

ހަނޑޫ ލިބުން މަދުވާ މައްސަލަ ހައްލު ކުރަން މިދިޔަ އަހަރުވެސް އިންޑިއާ އިން ފިޔަވަޅުތަކެއް އެޅިއެވެ. އެފަހަރު އެކްސްޕޯޓް ޓެކްސް 20 ޕަސެންޓަށް އުފުލާލުމުން ބޭރުކުރާ މިންވަރަށް ކުޑަ އަސަރެއް ކުރިއެވެ.

ޔޫކްރައިން ރަޝިއާ ހަނގުރާމަ އާ ހެދި އާންމު ކާބޯތަކެތީގެ އަގުތަކަށް ވެސް ބަދަލު އަންނަ އިރު، އެކިއެކި ބޭނުންތަކުގައި ކާން ބޭނުން ކުރާ ގޮދަނުގެ ބޮޑު އަދަދެއް އެކްސްޕޯޓް ކުރަނީ ޔޫކްރައިނުންނެވެ.

ޔޫކްރައިންގެ ގޮދަން ދުނިޔޭގެ އެކި ބައްރުތަކަށް އެކްސްޕޯޓް ކުރެވޭ ގޮތަށް، ޔޫކްރައިން، ރަޝިއާ، އދ އަދި ތުރުކީ ހިމެނޭ އެއްބަސްވުމުން ރަޝިއާ ނިކުމެފައި ވާ އިރު، ޔޫކްރައިންގެ ގޮދަން އެކްސްޕޯޓް ކުރުމަށް މިދުވަސް ވަރު ވަނީ ހުރަސް އެޅިފައެވެ.

މިސަބަބުތަކާ ހުރެ ކާބޯތަކެތީގެ އަގުތައް ދުނިޔޭގައި އުފުލިދާނެ ކަމަށް މާހިރުން ވަނީ އިންޒާރު ދީފައެވެ.

އިންޑިއާގައި މޫސުމީ ވިއްސާރައާ ހެދި ދަނޑުބިންތަކަށް ލިބެމުން ދާ ގެއްލުމުގެ ނަތީޖާއެއްގެ ގޮތުން، ތަރުކާރީއާއި މޭވާގެ އަގުތައްވެސް ދަނީ އުފުލެމުންނެވެ. މި ހުސްވި މެއި އިން ޖޫން އަށް އައި އިރު ތަރުކާރީގެ އަގުތައް ވަނީ 12 ޕަސެންޓް އުފުލިފައެވެ. ދިރިއުޅުމުގެ އަގުތައްވެސް އުފުލެމުން އަންނަ އިރު އިންޑިއާގެ އިންފްލޭޝަން މިހާރު ހުރީ 4.8 ޕަސެންޓަށް އަރާފައެވެ.