އިންސްޕެކްޓާ ކޯހުން މަތީ ވަނަ ހޯދާ ފުލުހުންނަށް، ކޮމިޝަނާ އޮފް ޕޮލިސްގެ ހާއްސަ ފެލޯޝިޕެއް ތައާރަފު ކުރުމަށް ނިންމާފައި ވާކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.
ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓުން ކުރިއަށް ގެންދިޔަ ދެވަނަ ”އިންސްޕެކްޓާ ކޯސް” ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވަމުން ހަމީދު ވިދާޅުވީ ކޮމިޝަނާ އޮފް ޕޮލިސްގެ ހާއްސަ ފެލޯޝިޕް ލިބޭ ފުލުހުންނަށް، އެ ފުލުހެއްގެ މަސައްކަތުގެ ދާއިރާއިން ބޭރު ގައުމެއްގެ ފުލުހުންގެ އިދާރާއެއްގައި ކަނޑައެޅޭ މުއްދަތަކަށް ތަޖުރިބާ ހޯދުމަށް އެޓޭޗްމަންޓުގެ ފުރުސަތު ފަހިކޮށް ދެވިގެންދާނެ ކަމަށެވެ. އަދި މި ފެލޯޝިޕާ ގުޅޭ އިތުރު ތަފްސީލު އެކަމާ ގުޅޭ ބަހާއިން ވަރަށް އަވަހަށް އިއުލާން ކުރާނެކަމަށް ހަމީދު ވިދާޅުވިއެވެ.
މީގެ އިތުރުން ހަމީދު ވިދާޅުވީ ކޮންމެ ފުލުހަކީވެސް އެ ފުލުހެއްގެ މަގާމުގެ ނިސްބަތުން، އަދާކުރާ މަސްއޫލިއްޔަތުގައި ލީޑާޝިޕް ދައްކަން ޖެހޭނެ މުވައްޒަފެއް ކަަމަށެވެ. ޒަމާނީ ޕޮލިސިންގެ އޮނިގަނޑުތަކާ އިންތިޒާމުތައް ފުލުހުންގެ ތެރޭގައިވެސް އެބަހުރިކަން ފާހަގަކޮށް ހަމީދު ވިދާޅުވީ މިއަދު ފުލުހުންގެ މުއައްސަސާއަށް ވެސް ބޭނުން ވަނީ މުސްތަގުބަލުގެ ދިމާވެދާނެ ގޮންޖެހުންތަކާ އާންމުންގެ ރައްކާތެރިކަމަށް ހުރި ރިސްކުތައް ދަށްކުރުމަށް ހައްލު ހޯދޭނެ ގާބިލުކަމާއި ހުނަރު ހުރި ފުލުހުން ކަމަށެވެ.
ފުލުހުންނަށް ދެވޭ ތަމްރީނުތަކުގެ ތެރެއިން އިންސްޕެކްޓާ ކޯހުގެ މުހިއްމު ކަން ހާމަކޮށްދެމުން ހަމީދު ވިދާޅުވީ މިއީ ދިވެހި ފުލުހުންގެ ހިދުމަތުގެ ކޮމިޝަންޑު ރޭންކުތަކުގެ އޮފިސަރުންގެ ގިންތިއަށް ކުރިއެރުން ހޯދުމަށް ފުރިހަމަކުރަން ކަނޑައެޅިފައިވާ ތަމްރީނެއް ކަމަށެވެ. މި ތަމްރީނުގައި މި ގިންތީގެ ރޭންކުތަކަށް ބޭނުންވާ ލީޑާޝިޕާއި މެނޭޖްމަންޓުގެ ހުނަރު ކޯހުގެ ބައިވެރިންނަށް ދެވިފައިވާކަމަށް ހަމީދު ވިދާޅުވިއެވެ.
ކޯސް ނިންމި ފުލުހުންގެ ތެރެއިން މި ހާއްސަ ކްލަބަށް ވަނުމުގެ ފުރުސަތު މުސްތަގުބަލުގައި ލިބިގެންދާ ފުލުހުންނަށް އެ ލިބެނީ ވަރަށް ހާއްސަ ޝަރަފެއްކަން ފާހަގަކޮށް ހަމީދު ވިދާޅުވީ ފުލުހުންގެ ހިދުމަތުގެ މުސްތަގުބަލުގެ ލީޑަރުން ބިނާކުރުމަށްޓަކައި ކުރަމުންދާ މަސައްކަތުގައި، ކޯސް ނިންމި ފުލުހުންނަށްވެސް ތަފާތު ފުރުސަތުތަކާއި ތަޖުރިބާތައް ހޯދައިދިނުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ. އަދި ގަދައަޅައި މަސައްކަތްކުރާ ފުލުހުންނަށް އެ މީހަކަށް ހައްގު ފުރުސަތު ހޯދައިދިނުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ހަމީދު ދެއްވިއެވެ.
ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުން ކުރިއަށް ގެންދިޔަ ދެވަނަ ”އިންސްޕެކްޓަ ކޯހުގެ" 41 ފުލުހުން ބައިވެރިވެފައި ވާއިރު މި ކޯހުގެ އެއްވަނަ އަށް ހޮވިފައިވަނީ ސަބް އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝަހީދުއެވެ. ކޯހުން ދެވަނަ އަށް ސަބް އިންސްޕެކްޓާ އޮފް ޕޮލިސް އާމިނަތު އަލީ ހޮވިފައިވާއިރު ތިންވަނަ އަށް ހޮވިފައިވަނީ ސަބް އިންސްޕެކްޓާ އޮފް ޕޮލިސް ޝަޒީނާ ސައީދުއެވެ.