އިންޑިއާގައި ނަސްލީ ތަފާތު ކުރުން ބޮޑުވެ މަނިޕޫރު ސްޓޭޓްގައި ހަމަނުޖެހުން ހިނގަމުން ދަނިކޮށް ގޭންގަކުން، 2 އަންހެނަކު އޮރިޔާމުން މަގުމަތީ ހިންގުވި މައްސަލައެއް ހޫނުވެއްޖެއެވެ.

ގޭންގް ރޭޕްގެ ތުހުމަތު ކޮށް ފުލުހުން މައްސަލަ ބަލަން ފަށާފައި ވާ އިރު، އެ 2 އަންހެނުން މަގުމަތީގައި ހިންގުވުމުގައި އިސްކޮށް އުޅުނު މީހުންގެ ތެރެއިން އެކަކު ފުލުހުން ވަނީ ހައްޔަރު ކޮށްފައެވެ. އަދި އިތުރު މީހުން ވަރަށް އަވަހަށް ހައްޔަރު ކުރާނެ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައިގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވިދާޅުވެފައި ވަނީ އެއީ "އިންޑިއާ އަށް ލަދުވެތި ކަމެއް" ކަމަށާއި ކުށްވެރިވާ އެކަކުވެސް ދޫނުކުރައްވާނެ ކަމަށެވެ.

"މަނިޕޫރުގެ އަންހެން ދަރިންނަށް ދިމާވި ކަންތަކަށް މައާފެއް ނެތް، އެ އަމަލު ހިންގުވި މީހުންނާ ގާނޫނު އަރާ އަމަކުރާނެ ކަމުގެ ޔަގީންކަން ދެން"

އެ 2 އަންހެނުން އޮރިޔާމުން ހިންގުމާ މަންޒަރު ފެންނަ ވީޑިއޯތައް ސޯޝަލް މީޑިއާގައި އާންމު ވެފައި ވާ އިރު އެގައުމުގެ ޗީފް ޖަސްޓިސް ޑީވައި ޗަންދްރަޗޫޑް ވިދާޅުވީ އެއީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އެކަމުގައި ސަރުކާރުން އަޅާ ފިޔަވަޅުތައް ނާންގައިފިނަމަ ކޯޓުން އިސްވެ ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.

ފުލުހުން ބުނެފައި ވަނީ އެހާދިސާ އަކީ މެއި މަހުގެ 4 ވަނަ ދުވަހު ހިނގާފައި ވާ ހާދިސާއެއް ކަމަށާއި އެކަން މީޑިއާތަކުގެ ސަމާލުކަމަށް އައީ މިއަދު ވީޑިއޯތައް އާންމުވުމުން ކަމަށެވެ. މިއާއެކު ސަރަހައްދީ ސަރުކާރުތަކުން ވަނީ އެ ވީޑިއޯ ޑިލީޓް ކުރުމަށް ހުރިހާ ސޯޝަލްމީޑިއާ ކުންފުނިތަކަށް އަންގާފައެވެ.

ނިމިދިޔަ މެއި މަހު މަނިޕޫރުގައި ހަމަނުޖެހުން ފެށުނު ފަހުން މިހާތަނަށް 130 މީހަކު ވަނީ މަރުވެފައެވެ. އަދި 60،000 އެއްހާ މީހުން ވަނީ ގެދޮރު ދޫކޮށް އެހެން ސަރަހައްދުތަކަށް ގޮސްފައެވެ.

މަނިޕޫރުގައި ހަމަނުޖެހުން ހިނގަމުން ދަނީ އެތާނގައި އޮންނަ މެއިޓީ ކޮމިއުނިޓީ އާއި ކޫކީ ކޮމިއުނިޓީ އާ ދެމެދުގައެވެ. ބާރުތައް ހޯދުމަށް ދެފަރާތުގެ ދެމެދުގައި ފެށުނު ހަމަނުޖެހުމުގައި މީހުން މަރާ، ލޫޓުވާ، އަނިޔާކޮށް ހުޅުޖަހާ ހަދާފައި ވެއެވެ.

އާންމު ވި ވީޑިއޯގައިވެސް ފެންނަނީ ހަމަނުޖެހުން އެންމެ ބޮޑުވި ދުވަސްވަރު އެ ދެ އަންހެނުން ދަމާ ކޮއްޕަމުން ގެންގޮސް ދަނޑެއްގެ ތެރެއަށް ކޮއްޕާ ވައްޓާލާތަނެވެ.

އިންޑީޖިނަސް ޓްރައިބަލް ލިޑާސް ފޯރަމް (އައިޓީއެލްއެފް) އިން ނެރުނު ބަޔާނެއްގައި ބުނީ އެ ޖަރީމާ ހިންގީ މަނިޕޫރުގެ ކަންގްޕޮކީ އަވަށުގައި ކަމަށާއި އެ 2 އަންހެނުން ނިސްބަތްވަނީ ކޫކީ ދަރިކޮޅަށް ކަމަށެވެ. އަދި އެ 2 އަންހެނުން ގޭންގް ރޭޕް ކޮށްފައި ވާ ކަމަށްވެސް އެ ޖަމާއަތުން ވަނީ ތުހުމަތު ކޮށްފައެވެ.