އަމިއްލަ ކުންފުނިތަކަށް މުޅިން އެކީ އެކަށް މަސްވެރިކަން ދޫކޮށްލުމަކީ އަދި އެންމެ ރަނގަޅު ގޮތް ކަމަކަށް ގަބޫލުނުކުރައްވާ ކަމަށާއި، މަސްވެރިކަން ކުރިއަރުވަން ޖެހޭނީ ސަރުކާރުން ކަމަށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ހއ. އަތޮޅަށް މިހާރު ކުރައްވާ ދަތުރުފުޅުގައި ރައީސް ރޭ ވަނީ އެ އަތޮޅުގެ އިހަވަންދޫގައި ތިބި އެމްޑީޕީގެ ސަޕޯޓަރުންނާ ބައްދަލުކުރައްވައިފައެވެ. މޫސުން ގޯސްވުމުގެ ސަބަބުން އެ ރަށުގައި ބާއްވަން ހަމަޖެހިފައި އޮތް ބޮޑު ޖަލްސާ ފަހުން ކުރިއަށް ގެންގޮސްފައި ވަނީ ރަށުގެ ޖަގަހައިގައެވެ. އެ ތަނުގައި ތިބި ސަޕޯޓަރުންނާ މުހާތަބުކުރައްވައި ރައީސް ވިދާޅުވީ، އިހަވަންދޫ ހިމެނޭހެން މުޅި އެ ސަރަހައްދަކީ ފުދުންތެރި ބައެއް އުޅުނު ސަރަހައްދެއް ކަމަށެވެ. ނަމަވެސް، ވިދާޅުވީ 1950 އިިން ފެށިގެން މުޅި އެ ސަރަހައްދުގެ އިގްތިސޯދު ބަލިކަށިވެފައިވާ ކަމަށެވެ.

"[އެހެންކަމުން] އަޅުގަނޑުމެން އަނެއްކާ ވެސް ނިކުމެ މި ތިބީ ބޮޑުތިލަދުންމަތީގެ މާޒީ އަނެއްކާ ބޮޑު ތިލަދުންމަތީގެ ރައްޔިތުންނަށް ހޯދައިދޭން،" ރައީސް ވިދާޅުވިއެވެ.

އެއާއެކު ރައީސް ވަނީ އިހަވަންދު އަށް ސަރުކާރުން ފެށި ހޮސްޕިޓަލް އެޅުމުގެ މަޝްރޫއުގެ ކުޑަ ނަމަވެސް ތަފްސީލެއް ދެއްވައިފައެވެ. އެގޮތުން ރައީސް ވިދާޅުވީ އެ މަޝްރޫއަށް ފައިސާ ހޯދައި ޓެންޑާކޮށް ކޮންޓްރެކްޓުކުރެވި ނިމިފައިވާ ކަމަށާއި، ނަމަވެސް ލަސްވެފައިވާތީ ކޮންޓްރެކްޓަރާ މަޝްވަރާކުރެވުމުން، އޮގަސްޓް ނިމުމުގެ ކުރިން މަސައްކަތް ފެށޭނެ ކަމުގެ ޔަގީންކަން ކޮންޓްރެކްޓަރު ދީފައިވާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ހޮސްޕިޓަލްގެ މަސައްކަތް ނިމުމުން، އިހަވަންދޫގެ ރައްޔިތުންނަށް ފަސޭހަވެގެން ދާނެ ކަމަށެވެ.

މީގެ އިތުރުން، މަސްވެރިންނަށް ހުރި ދަތިތަކަށް ވެސް ރައީސްގެ ވާހަކަފުޅުގައި އަލިއަޅުވާލެއްވިއެވެ. ކުރިން އޮތް ސަރުކާރުތަކަށް ފާޑުވިދާޅުވެ އެމަނިކުފާނު ވިދާޅުވި ގޮތުގައި، ތެޔޮ ލިބުމާއި ފައިސާ ލިބުމުގެ ދަތިތަކުގެ އިތުރުން މަސްވެރިންނާ މެދު އަޅާނުލާ އޮތުމުގެ ސަބަބުންނެވެ. ރައީސް ވިދާޅުވި ގޮތުގައި، ކުރީގެ ސަރުކާރުތަކުން މަސްވެރިންނަށް ވައުދުވެ، ދެއްކީ ހުސް ވާހަކަތަކެވެ.

"މާ ބޮޑެތި މަޝްރޫއުތައް ހިންގައި، މާ މޮޅެތި ކަންތައްތަކެއް ކޮށްގެން މުޅި އިންޑަސްޓްރީ ފުޅާކޮށް ގެންދާނެ ވާހަކަ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ގަބޫލުކުރައްވާ ގޮތުގައި، މަސްވެރިކަމުގެ ސިނާއަތް އަމިއްލަ ކުންފުނިތަކަށް މުޅިން އެކީ ދޫކޮށްލައިގެން ކުރުމަކީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ. ނަމަވެސް ރައީސް އެހެން ވިދާޅުވީ ކީއްވެ ކަމެއް ކަން ވިދާޅެއްނުވެއެވެ.

"އަޅުގަނޑު ދަންނަވާނީ މަސްވެރިކަމަކީ ތަރައްގީކުރުމުގައި ސަރުކާރުން އަދި އަތް ދޫކޮށްލައިގެން ނުވާނެއޭ، ސަރުކާރުންނޭ މަސްވެރިކަމުގެ އިންޑަސްޓްރީ ކުރިއަށް ގެންދަން ޖެހޭނީ، ޕްރައިވެޓް ސެކްޓަރަށް އެކީގަ ދޫކޮށްލައިގެން އެކަން ކުރުމަކީ އެންމެ ފައިދާ ހުރި ގޮތް ކަމަކަށް އަޅުގަނޑެއް ނުދެކެން، އެހެންކަމުން ސަރުކާރުގެ ވިސްނުމަކީ މިފްކޯ އަށް މިހާރަށް ވުރެ ބޮޑަށް އިންވެސްޓްކޮށް، މަސްވެރިންނަށް ފަސޭހައިން މަސް ކިރޭނެ ގޮތް ހަދައި، ކިރޭ މަސް ރަނގަޅަށް ސްޓޯ ކުރެވި ރަނގަޅު އަގުގައި ބޭރަށް ވިއްކޭނެ ގޮތް ހެދުން،"
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު

އެމަނިކުފާނު ވަނީ، އިހަވަންދޫގެ މަސްވެރިންނަށް ބޮޑެތި ވައުދުތަކެއް ވެވަޑައިގެންފައެވެ. އެގޮތުން:

  • އިހަވަންދޫގައި މަސް ފެކްޓްރީ އަކާއި މަސް ގަންނަ މަރުކަޒެއް ގާއިމް ކުރުން
  • މަސް ގަންނަ ބަނދަރު ހެދުމުގެ މަސައްކަތް ފެށުމަށް އެމްޓީސީސީ އާ ހަވާލުކުރުން
  • އެ ތަނުގައި ސްލިޕްވޭ އަކާއި ސޭލްސް ސެންޓަރެއް، އަދި 50 ޓަނުގެ ބްރައިން ފްރީޒްކުރެވޭ 1000 މެޓްރިކް ޓަނުގެ މަސް ރައްކާ ކުރެވޭ ތަނެއް ހެދުން

އެއާއެކު އިހަވަންދޫގެ މައި މަގު ތަރައްގީކުރުމުގެ މަޝްރޫއަށް މަގުތަށް އިތުރުކޮށް، ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭ އެ މަޝްރޫއު ނިންމާލާނެ ކަމަށް ރައީސް ވައުދުވެވަޑައިގެންފިއެވެ.