މިއަހަރުގެ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް ގާސިމް އިބްރާހީމް އަށް ތާއިދު ހޯދުމުގެ ގޮތުން އެ މަނިކުފާނުގެ ކެމްޕެއިން ޓީމުން މިއަދު އައްޑޫއަށް ހިނގައްޖެއެވެ.

ކޮންމެ ރިޔާސީ އިންތިހާބެއްގައިވެސް ސިޔާސީ ޕާޓީތަކުން ހާއްސަ އިސްކަމެއް ދީގެން ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންދާ އައްޑޫ ސިޓީއަށް މިއަދު ދިޔަ ކެމްޕެއިން ޓީމްގައި އެންމެ އިސްކޮށް ހަރަކާތްތެރި ވާނީ ޖޭޕީގެ ދެކުނު ކެމްޕެއިން މެނޭޖަރު އަދި ގާސިމްގެ ސްޕެޝަލް އެންވޯއީ އިލްހާމް އަހުމަދުއެވެ.

މީގެ އިތުރުން މި ދަތުރުގައި ގާސިމްގެ ސްޕެޝަލް އެޑްވައިޒަރު ރިޔާޒް ރަޝީދު، ގާސިމްގެ އެޑްވައިޒަރު ހަސަން މުއްނީ ވަނީ ބައިވެރިވެފައެވެ. އަދި ޖޭޕީގެ ކައުންސިލް މެމްބަރުންނާ، ގާސިމްގެ ކެމްޕެއިން ހަރަކާތްތަކުގައި އިސްކޮށް ހަރަކާތްތެރިވާ އައްޑޫ ސިޓީގެ އެކި ރަށްރަށުގެ މީހުން ވަނީ ބައިވެރިވެފައެވެ.

ޖުމްހޫރީ ޕާޓީން ބުނީ މި ދަތުރުގައި އެ ޕާޓީ އަށް މެންބަރުން އިތުރު ކުރުމުގެ ގޮތުން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަަމަށެވެ. އަދި އެ ސިޓީގެ ހުރިހާ އަވަށެއްގައި ދޮރުން ދޮރަށް ހިނގުމާއި ރައްޔިތުންނާ ބައްދަލު ކުރުން ފަދަ ހަރަކާތްތައް ކުރިއަށް ދާނެކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.

އިތުރަށް އެ ޕާޓީން ބުނީ މި ދަތުރުގައި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމްގެ މެނިފެސްޓޯ އާއި ރިޔާސީ ވައުދުތަކާ އަދި ގައުމާއި ރައްޔިތުންނާ ގުޅިފައިވާ އެކި ދާއިރާތަކުން އޭނާ ގެންގުޅުއްވާ ތަސައްވުރު ސާފުކޮށްދީ މައުލޫމާތު ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަަމަށެވެ.