ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ކުށް ބޮޑުތަނުން މަދުކުރެވިއްޖެ ކަމަށާއި، ކުރިއަށް އޮތް ފަސް އަހަރު މިއަށް ވުރެ ބޮޑަށް މަދުކުރައްވާނެ ކަމަށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވައުދުވެވަޑައިގެންފިއެވެ.
ހއ. އަތޮޅުގެ ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގެ ތެރެއިން ތުރާކުނަށް ވަޑައިގެން ރައީސް ވިދާޅުވީ، ތުރާކުނަކީ އާބާދީގެ ގޮތުން ކުޑަ އެހެން ރަށްރަށާ އަޅާ ބަލާއިރު އެކަހެރިކޮށް އޮތް ރަށެއް ކަމަށާއި، އެ ރަށުގެ ތަރައްގީއަށްޓަކައި ކުރަން ޖެހޭ ގިނަ މަސައްކަތްތަކެއް މީގެ ކުރީ ސަރުކާރުތަކުން ނުކުރާ ކަމަށެވެ.
މީގެ ކުރިން ތުރާކުނުގައި ތަރައްގީގެ މަޝްރޫއެއް ހިންގާފައިވާ ނަމަ، އެ މަޝްރޫއެއް ހިންގާފައި ވަނީ ކޮންމެވެސް އަމިއްލަ މީހެއްގެ އެހީތެރިކަމާ އެކުގައި ކަމަށާއި، ވޭތުވެދިޔަ ސަރުކާރުތަކުން މި ރަށަށް ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށް ވިދާޅުވިއެވެ. ނަމަވެސް 2018 ވަނަ އަހަރު ވެރިކަމާ ހަވާލުވުމަށް ފަހު ތުރާކުނަށް މަސައްކަތްތަކެއް ކޮށްދެވިއްޖެ ކަމަށް ގަބޫލުކުރައްވާ ކަމަށާއި، ހާއްސަކޮށް އެ ރަށުގެ ޒުވާނުންނާ ގުޅުންހުރި ބައެއް މަޝްރޫއުތައް ވަނީ މިހާރު ނިމިފައި ކަމަށް ވެސް ވިދާޅުވިއެވެ.
ތުރާކުނު ފަދަ ރަށްރަށަށް ދިރުން އަންނަނީ ރައީސް ވިދާޅުވި ގޮތުގައި، އެ ރަށް އެހެން ރަށްރަށާ ގުޅުވާލެވި، ކައިރި ރަށްރަށުގައި ލިބެން ހުރި ހިދުމަތްތައް ފަސޭހަކަމާ އެކު ލިބޭ ގޮތް ހެދުމުންނެވެ. އެގޮތުން މި ސަރުކާރުން ފެށި އާރުޓީއެލްގެ ހިދުމަތަށް އަލިއަޅުވާލައްވައި އެމަނިކުފާނު ވިދާޅުވީ، އާރުޓީއެލްގެ ސަބަބުން ކުޅުދުއްފުށި ސިޓީ އާއި ހއ. ދިއްދު އަށް ކުރާ ދަތުރުތަކުގެ އަގުތައް 5،000 ރުފިޔާ އިން 1،500 ރުފިޔާ އަށް ތިރިވެއްޖެ ކަމަށާއި، މިއީ ތުރާކުނުގެ ރައްޔިތުން ސިއްހީ ހިދުމަތް ހޯދުމަށް ކޮށްދެވުނު ރަނގަޅު މަސައްކަތެއް ކަމަށެވެ.
އެއަށްފަހު ރައީސް އަލިއަޅުވާލެއްވީ ހިލޭ ޑިގްރީގެ ދަށުން ކިޔަވާ ދަރިވަރުންގެ ތަފާސްހިސާބަށެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، ހިލޭ ޑިގްރީގެ ސިޔާސަތުގެ ދަށުން ކިޔަވާ 18،000 ދަރިވަރުންގެ ތެރެއިން 6،000 ދަރިވަރުން ޑިގްރީ ހާސިލްކޮށްފައިވެއެވެ. އެގޮތުން ޑިގްރީ ހާސިލްކުރި ދަރިވަރުންގެ ތެރޭގައި ތުރާކުނުގެ 13 ދަރިވަރަކު ހިމެނޭއިރު، 23 ދަރިވަރުން މިހާރު ވެސް ޑިގްރީ އަށް ކިޔަވަމުންދާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ހަމަ އެއާއެކު، އެ ރަށު ރައްޔިތުން ބޭނުންވާ ގޮތަށް ބަދަލުތައް ގެނެސްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ:
- ހއ. ވަނގާރު ތުރާކުނު ކައުންސިލްގެ އިހްތިސޯސްގެ ތެރެއަށް ލައިދެއްވާނެ ކަމަށް
- ތުރާކުނުގެ ބަނދަރު ބޮޑުކޮށް، ލަފާފުރުމުގެ މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށް
- އެ ރަށުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީ އާ ހަވާލުކޮށްފައިވާނެ ކަމަށާއި، އެ މަސައްކަތް އަވަހަށް ފަށްޓަވާނެ ކަމަށް
ރައީސް ވިދާޅުވީ، ރަށްރަށް ތަރައްގީކުރަނީ ރާއްޖެ އަމާން ތަނަކަށް ހެދުމުގެ ބޭނުމުގައި ކަމަށެވެ. ފުލުހުންގެ ތަފާސްހިސާބުތަކަށް އަލިއަޅުވާލައްވައި އެމަނިކުފާނު ވިދާޅުވީ މި ވެރިކަމުގައި ވަރަށް ބޮޑުތަނުން ކުށް މަދުކުރެވިއްޖެ ކަމަށާއި، އެއަށް ވުރެ ބޮޑަށް އަންނަ ދައުރުގައި ކުށް މަދުކުރުމަކީ އެމަނިކުފާނުގެ އަމާޒު ކަމަށެވެ.