ޕީޕީއެމްއާ ވާހަކަ ދައްކައިގެން އެންމެނަށް ރުހެވޭނަމަ 1 ކެންޑިޑޭޓަކު ނެރެން ޑިމޮކްރެޓްސް އާއި އެމްއެންޕީ އަދި ޖޭޕީ އެއްބަސް ވެއްޖެއެވެ.

މިއަދު ޖޭޕީ ރަސްމީ އޮފީސް، ކުނޫޒުގައި ޖޭޕީ އާއި އެމްއެންޕީ އަދި ޑިމޮކްރެޓްސް ބޭއްވި ބައްދަލުވުމަށް ފަހު ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވީ، 3 ޕާޓީގެ މަޝްވަރާ އިން 1 ކެންޑިޑޭޓަކު ނެރޭނެ ފޯމިއުލާއެއް އެބައޮތް ކަމަށާއި ޕީޕީއެމް އާ ވެސް ވާހަކަ ދައްކާ އެންމެނަށް އެއްބަސް ވެވޭނަމަ އެއް ކެންޑިޑޭޓަކު ނެރުމަށް މިއަދު އެއްބަސްވެވިފައި ވާ ކަމަށެވެ.

މިއަދު 1:30 ގައި ފަށާއި ބައިގަޑިއެއްހާ އިރު ތެރޭ ނިންމާލި ބައްދަލުވުމަށް ފަހު 3 ލީޑަރުން ނޫސްވެރިންނާ ބައްދަލު ކުރައްވާ ދެއްކެވި ވާހަކައިގައި އިތުރަށް ވިދާޅުވީ، އެއް ކެންޑިޑޭޓަކު ނެރޭ ފޯމިއުލާއަށް މަސައްކަތް ކުރެއްވި ނަމަވެސް ޕީޕީއެމް އާއި އެމްއާރުއެމް އިން އެ ގޮތަށް އެއްބަސް ނުވާނަމަ އެ 3 ޕާޓީންވެސް ވަކިން ވާދަ ކުރާނެ ކަމަށެވެ.

ގާސިމް އިތުރަށް ވިދާޅުވީ، އެކަމުގައި އެ 3 ޕާޓީއަށް އެއްވިސްނުމެއް ނެރެވިފައި ވާ ކަމަށާއި ޕީޕީއެމް އާއި އެމްއާރުއެމްއާ އެކު އެކަމުގައި މަޝްވަރާ ކުރައްވާނެ ކަމަށެވެ.

އެމްއެންޕީގެ ލީޑަރު ކާނަލް މުހައްމަދު ނާޒިމް ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ނިންމަން ޖެހޭކަމަށް 3 ބޭފުޅުންނަށް ވެސް އެއްބަސްވެވަޑައިގެންނެވޭ ކަމަށާއި ގައުމު މިހާރު އޮތް ހާލަތުންވެސް އެކަން އެގޮތަށް ކުރަން ޖެހޭ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓަކަށް ވާނެކަމަށް ބެލެވޭ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، އެއް ކެންޑިޑޭޓަކު ނެރެން މަސައްކަތް ކުރުމަށް 3 ޕާޓީއަށް ވެސް އެއްބަސްވެވޭ ކަމަށެވެ. އެހެން ކަމުން އިދިކޮޅު ޕާޓީތަކަށް އެއްބަސްވެވޭ ކެންޑިޑޭޓަކު ހޯދުމުގެ މަސައްކަތް ފެށިގެން ދާނެ ކަމަށެވެ.

ރިޔާސީ އިންތިހާބުގައި ފުރަތަމަ ބުރުގައި އެއްވެސް ބޭފުޅުންގެ ފަތަށް ވަޑަައިނުގަންނަވާނެ ކަމަށް މީގެ ކުރިން ކާނަލް ނާޒިމް ވިދާޅުވެފައި ވެއެވެ. އަދި ގާސިމްވެސް ވިދާޅުވެފައި ވަނީ، އެހެން ބަޔަކާއެކު ކޯލިޝަނެއް ހެދިނަމަވެސް އެބަޔަކު އަންނަން ޖެހޭނީ ގާސިމްގެ ފަހަތަށް ކަމަށެވެ. ނުވަތަ ޖޭޕީގެ ފަހަތަށް ކަމަށެވެ. ރައިށް ނަޝީދު ތަމްސީލު ކުރައްވާ ޑިމޮކްރެޓްސް އިން މީގެ ކުރިންވެސް ކޮމަން ކެންޑިޑޭޓަކަށް ޖޭޕީއާއެކު މަޝްވަރާ ކުރި ނަމަވެސް އެކަން ކާމިޔާބުވެފައި ނުވާ އިރު އެ ޕާޓީން ފަހުން ބުނެފައި ވަނީ އެޕާޓީންވެސް ކެންޑިޑޭޓަކު ނެރޭނެ ކަމަށެވެ.

މިއަދު 3 ޕާޓީން ޕީޕީއެމްއާވެސް މަޝްވަރާކޮށް އެއް ކެންޑިޑޭޓެއް ނެރުމުގެ ވާހަކަ ބުނެފައި ވާ އިރު ޕީޕީއެމް އިން ބުނަމުން ދަނީ އެ ޕާޓީން ކެންޑިޑޭޓަކު ކަނޑައަޅާފައި ވާ ކަމަށާާއި އެހެން ޕާޓީއެއްގެ ފަހަތަށް ނާރާނެ ކަމަށެވެ. ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންއެވެ. ނަމަވެސް ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އޮތުމާއި އެ ހުކުމުގެ އިސްތިއުނާފު މަރުހަލާ ހުއްޓިފައި އޮތުމުން، އިންތިހާބުގެ ކުރިން މިނިވަންވެވަޑައިގެން އިންތިހާބުގައި ވާދަ ކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގަންނަވާނެ ކަމަކަށް ނުބެލެވެއެވެ.

ކުޑަޔަސް މި ސަރުކާރުގެ ކޯލިޝަަން ޕާޓުނަރެއް ކަމަށް ވާ އެމްއާރުއެމްގެ މަޝްވަރާ ހޯއްދަވާ ވާހަކަ ގާސިމް ވިދާޅުވި، އަންނަ އިންތިހާބުގައި ކުރިއަށް ދާން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހެއްދެވި ކޯލިޝަންގައި އެމްއާރުއެމް އިން ބައިވެރިއެއް ނުވެއެވެ. އެ ކޯލިޝަންގައި ހިމެނެނީ އަދާލަތު ޕާޓީއާއި އެމްޑީއޭއެވެ.

ރާއްޖޭގެ ސިޔާސީ ޕާޓީތަކަށް މެންބަރުން ބެހިފައި ހުރި ގޮތަށް ބަލާއިރު، މެންބަރުން އެންމެ ގިނަ 2 ޕާޓީއަކީ އެމްޑީޕީ އާއި ޕީޕީއެމްއެވެ. ދެން ހުރި ޕާޓީތައް ވަކިން އިންތިހާބަށް ނުކުމެގެން ފުރަތަމަ ބުރުގައި 1،2 އަށް އަންނާނެ ކަމަކަށް މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން ގަބޫލެއް ނުކުރެއެވެ.

އެއް ބުރުން އިންތިހާބު ކާމިޔާބު ކުރުމަށާއި ދެވަނަ ބުރަކަށް ދާނަމަ ކުރަން ޖެހޭ ހަރަދު ދެގުނަ ވިޔަ ނުދިނުމަށް އެންމެނަށް އެއްބަސްވެވޭ 1 ކެންޑިޑޭޓަކު ނެރުމަކީ ފުރަތަމަ ބުރުން އިންތިހާބު ކާމިޔާބު ވާނެ ފޯމިއުލާއެއް ކަމަށް ވެސް ގިނަ ބަޔަކު ގަބޫލު ކުރެއެވެ.