މާދަމާ ރިލީޒް ކުރުމަށް ހަމަޖެހިފައިވާ 'އަޖްމީރް 92' އަކީ ވަރަށް ގިނަ ބައެއްގެ އިހްސާސްތަކާ ކުޅެލާނެ ފިލްމެއްކަން ޔަގީނެއެވެ.

އިންޑިއާގެ އަޖްމީރްގައި 1992 ވަނަ އަހަރު ހިނގައި ދިޔަ ހާދިސާތަކެއްގެ މައްޗަށް އުފައްދާފައިވާ މި ފިލްމު ސިނާމާތަކުގައި އެޅުވުމަށް ތައްޔާރުވަމުން އަންނައިރު ފިލްމުގެ ޓްރައިލާއިން އެކަނިވެސް މިހާދިސާގެ ހިތްދަތިކަން އިހްސާސް ކުރެވިގެން ދެއެވެ.

ޑައިރެކްޓަރު ޕުޝްޕެންދަރު ސިންގު، ބެލުންތެރިންނާ ހަމައަށް ގެނެސްދޭން ތައްޔާރު ކޮށްފައި ވާ، އަޖްމީރް 92 ގައި ފެނިގެން ދަނީ އަޖްމީރް ގައި ކުޑަ އަންހެން ކުދިންނާ، ކޮލެޖްގައި ކިޔަވަމުން ދިޔަ ޒުވާން އަންހެން ކުދިން ބްލެކްމެއިލްކޮށް ނުފޫޒުގަދަ ވެރިންތަކެއް އެ ކުދިން ރޭޕްކުރާ ހާދިސާއެކެވެ. ސިޔާސީ ވެރިންގެ އަމިއްލަ ފައިދާއަށް އެ އަވަށުގެ ވަކި ހިސާބަކަށް ކުދިން ގެންގޮސް ގަދަކަމުން އެ ކުދިންނާ އެކު ބަދުއަހްލާގީ އަމަލު ހިންގާ، ފޮޓޯ ނަގައެވެ. އަދި އެ ފޮޓޯތައް ބޭނުން ކޮށްގެން އެ ކުދިން ބްލެކްމެއިލް ކުރެއެވެ. މި ހިތްދަތިކަމާ ކުރިމަތިލި ގިނަ ކުދިން އަމިއްލައަށް މަރުވެފައި ވާއިރު ރޭޕްކުރާ ކުއްޖަކު ބަނޑުބޮޑުވެ އެކަން އެނގިގެންދާ ހިސާބުން އެ މީހުން އެކުއްޖާ ބަދުނާމުކޮށް އެ ހުރިހާ ކަމެއް އެ ކުއްޖާގެ ބޮލުގައި އަޅުވައެވެ.

https://youtu.be/XprP6_jjUp8

މި އަނިޔާވެރިންގެ އަމަލު އެންމެ ފުރަތަމަ ފަޅާއަރަނީ އެ ކުދިންގެ ފޮޓޯތައް ޕްރިންޓް ކުރަން އުޅުމުގެ ތެރެއިން ލީކުވާ ފޮޓޯއެއްގެ ޒަރީއާއިންނެވެ. އަދި އެހާ ހިސާބުން ދެ ނޫސްވެރިއަކާއި ފުލުސް އޮފިސަރަކު ވެގެން މިކަމުގެ ހަގީގަތް ހޯދާ އެ ކުދިންނަށް އިންސާފު ހޯދައި ދިނުމުގެ މަސައްކަތް ފަށައެވެ. އަދި މި ހާދިސާ ކުރިމަތިވި ކުދިންނާ ބައްދަލުކޮށް އެ ކުދިންނަށް ހިތްވަރު ދީ އެމީހުންނާ [ސިޔާސީ މީހުންނާ] ދެކޮޅަށް މި މައްސަލަ ފުލުހަށް ހުށަހަޅައެވެ.

މި ފިލްމިގެ ޓްރެއިލާ އާންމު ކުރުމާއެކު، މީގައި އަޖްމީރް ބަދުނާމު ކުރުމަށް މަސައްކަތް ކޮށްފައިވާ ކަަމަށް ބުނެ ފިލްމާ ދެކޮޅަށް ބައެއް މީހުން ވަނީ މައްސަލަ ޖައްސާފައެވެ. އަދި އެއީ އެ ހާދިސާ އާ ކުރިމަތިލާން ޖެހުނު ފަރާތްތަކާ، އެ އާއިލާތަކަށް ލިބިގެން ދާ ބޮޑު ހިތާމައެއް ކަމައް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.