ބަތަލާ ޝްރައްދާ ކަޕޫރު އާއި ރަންބީރު ކަޕޫރު އެކުގައި ކުޅޭ ފުރަތަމަ ފިލްމުކަމުން "ތޫ ޖޫތީ މޭ މައްކާރު" ބަލާހިތްވިއެވެ. ދެމީހުންގެ އޮން ސްކްރީން ކެމިސްޓްރީ ދިމާވަނީ ކިހާވަރަކަށްތޯ ބެލުމަށް ޝައުގުވެރިވިއެވެ. ފުރަތަމަ މި ފިލްމު ސިނަމާތަކުގައި އަޅުވައިގެން ބޮކްސް އޮފީހުގައި މި ފިލްމަށް ރަނގަޅު އާމްދަނީއެއް ލިބުނެވެ. ދެމީހުން އެކުގައި ކުޅޭ ފުރަތަމަ ފިލްމުކަމުން ބެލުންތެރިންވެސް މި ފިލްމު ބަލަން ވަންނާނެތާއެވެ. ފިލްމު ނެޓްފްލިކްސް އަށް ލުމާއެކު އަވަސްވެގަތީ މި ފިލްމު ބެލުމަށެވެ. ފިލްމުގައި ވަނީ ކިހިނެއްތޯ ބެލުމަށް ހިތުގައި ޝައުގުވެރިކަން އުފެދުނެވެ. ހަމަގައިމުވެސް މިއީ ދެތަރިންގެ ވެސް ވަރަށް ތަފާތު ފިލްމެކެވެ.

  • މައިގަނޑު ތަރިން

ރަންބީރު ކަޕޫރު (ރޯހަން އަރޯރާ)، ޝްރައްދާ ކަޕޫރު (ނިޝާ މަލްހަތްރާ)، އަނުބަވް ސިންހް (ދައްބާސް) އަދި ޑިމްޕަލް ކަޕާޑިއާ (ރޭނޫ އަރޯރާ) އެވެ.

  • މައިގަނޑު ވާހަކަ (ސްޕޮއިލާ ނުލާ)

ރޯހަން އާއި ދައްބާސް އަކީ އެންމެ ކުރީއްސުރެވެސް އެންމެ ގާތް ދެއެކުވެރިންނެވެ. އާއިލީ ވިޔަފާރި މިދެމީހުން ހިންގަމުން އަންނައިރު ދެމީހުން ވަރަށް ސިއްރު ވިޔަފާރިއެއްވެސް ހިންގައެވެ. ރިލޭޝަންޝިޕް ތައް ދެކެ ފޫހިވާ މި ދެމީހުންނަކީ އިޝްތިހާރުކޮށް، ލޯބިވެރިން ވަކިކުރުވުމުގެ ފިޔަފާރި ކުރާ ދެމީހުންނެވެ. ދެމީހެއްގެ ދެމެދުގައި މައްސަލައެއް ޖެހުމުން އެކަން ހައްލުކުރާނެ ގޮތް ކިޔައިދީ ރުޅިވާން ބޭނުންވެ، ރުޅިވާނެ ގޮތެއް ނޭނގިފައި ތިބޭ މީހުން ރޯހަން އާއި ދައްބާސްގެ އޮފީހަށް ގުޅާލުމުން އެކަން ހަމަޖެހިގެންދެއެވެ. އެކި ލެވެލްގެ ޕެކޭޖްތައް ހަދައިގެން އުޅޭ މި ދެމީހުންގެ ވިޔަފާރީގެ ޕްލެޓިނަމް ޕެކޭޖަށް ދެ ލައްކަ ރުޕީސް ހޭދަކުރާ މީހުންވެސް ތިބެއެވެ. ބިޒީ ޝެޑިއުލެއްގައި އުޅޭ ދެމީހުން ރެއާ ދުވާލު ކުރާ މަސައްކަތަކީ ލޯބިވެރިންނަށް ނަސޭހަތްދީ ދެމީހުން ވަކިކުރުވުމެވެ. އެކަމަކު އެއީ އެމީހުން ބޭނުންވާ ގޮތް ކަމަށް ވާނަމައެވެ. ރޯހަން އަކީ ބޮޑު އާއިލާއަކާއެކު ދިރިއުޅޭ މީހެކެވެ.

ދެމީހުން މިހެން އުޅުމުގެ ތެރޭގައި ނިޝާ އާއި އޭނާގެ އެންމެ ގާތް އެކުވެރިޔާ އާއި ދިމާވަނީ ޕާޓީއެއްގެ ތެރެއިންނެވެ. ހަތަރު މީހުންގެ ގުޅުން ބަދަހިވެ، ނިޝާގެ ގާތް އެކުވެރިޔާ ދައްބާސް އާ ގުޅުނެވެ. އަދި ނިޝާ ވެސް ރޯހަން އާ ގުޅުނެވެ. ހަތަރު މީހުން އެއްކޮށް ޗުއްޓީއަކަށް ގޮސް މަޖާކުރާ މަންޒަރު ފެނިގެން ދެއެވެ. ރޯހަންގެ މަޖާ ބަސްތަކުން ނިޝާ ހެއްވާލައެވެ. އަދި ނިޝާ އަށް ވެސް ރޯހަން ދެކެ ލޯބިވެވެން ފަށައެވެ. ޗުއްޓީ ނިންމާލުމަށް ފަހު ނިޝާ، ރޯހަންގެ އާއިލާ އާ ބައްދަލު ކުރިއެވެ. ނަމަވެސް ނިޝާ އަށް ރޯހަންގެ އާއިލާ މާ ކަމަކު ނުދިޔައެވެ. ސަބަބަކީ ދެމީހުންނަށް އެކަނި ވަގުތު ކޮޅެއް ހޭދަކޮށް ނުލެވުމާއި ޑޭޓަކަށް ދިޔަޔަސް ރޯހަން، އޭނާގެ ބޮޑު އާއިލާ ގޮވައިގެން ދާތީއެވެ. ނަމަވެސް ރޯހަން ގާތު އެވާހަކަ ނުބުނެ ސިއްރު ކުރީ ރޯހަން އޭނާގެ އާއިލާ ދެކެ އިންތިހާ އަށް ލޯބިވާތީއެވެ.

ކޮންމެއަކަސް ދެމީހުން ކައިވެންޏާ ހަމައަށް ގޮސްފިއެވެ. ނިޝާ އަށް އެއްކަލަ ވިޔަފާރީގެ ނަންބަރު ފެނެއެވެ. ވަރަށް ވިސްނުމަށް ފަހު އެ ނަންބަރަށް ގުޅީ އެކޮޅުން ވާހަކަ ދައްކާނީ ރޯހަން ކަން ނޭނގޭ ހާލުއެވެ. ރޯހަންގެ އެ ވިޔަފާރި ނިޝާ އަށް ސިއްރުކުރީ ނިޝާ އޭނާ ދޫކޮށް ގޮސްދާނެތީއެވެ. ނަމަވެސް ދެމީހުން ކައިވެނިކުރަން އޮތް ދުވަހު ރޯހަން އަށް އެ ނަންބަރަށް ގުޅަނީ ނިޝާކަން އެނގުނެވެ. ރޯހަންގެ ހިތަށް އަސަރު ކުރިއެވެ. ނަމަވެސް އޭނާ ނިޝާ ގާތަށް ގޮސް ހުރިހާ ވާހަކައެއް ކިޔައިދިނެވެ. ނިޝާ ބޭނުންވީ ކައިވެނިކޮށްގެން ދެމީހުން ވަކިން އުޅޭށެވެ. އެކަމަކު ރޯހަން ބޭނުންވީ ކައިވެނިކޮށްގެން އޭނާގެ އާއިލާ އާއެކު ނިޝާ އުޅޭށެވެ. ދެމީހުންގެ ދެބަސްވުމާއެކު ކައިވެނި ކެންސަލްވިއެވެ. ދެފަރާތުގެ އާއިލާ ވެސް ތިބީ ވާނުވާ ނޭނގިފައެވެ. ފިލްމުގައި ދެން ކަންތައްތައް ވެގެންދާނެ ގޮތް ބަލަން ފިލްމު ބަލައިލާށެވެ. 2 ގަޑިއިރާއި 45 މިނެޓުގެ މި ފިލްމަކީ ހުރިހާ އިހުސާސެއް އެކުލެވޭ ފިލްމެކެއެވެ. ނިޝާ އާއި ރޯހަން އަލުން ގުޅޭތޯ ބަލަން ފިލްމު އަޅެ ބަލައިލާށެވެ.