އިންޑިއާގެ ވެރިކަން ކުރާ ބީޖޭޕީ ކޯލިޝަނާ ދެކޮޅަށް ހަރަކާތްތެރި 26 ޕާޓީއެއް ބައިވެރިވެ އިންޑިއަން ނެޝަނަލް ޑިވެލޮޕްމަންޓް އިންކްލީސިވް އެލަޔަންސް (އިންޑިއާ) ގެ ނަމުގައި ވަރުގަދަ ކޯލިޝަނެއް ހަދައިފިއެވެ.
އިދިކޮޅު އެންމެ ބޮޑު ޕާޓީ ކޮންގްރެސް އިން ލީޑް ކުރާ މި ކޯލީޝަންގައި ހުޅަނގު ބެންގާލްގެ ޗީފް މިނިސްޓަރު މަމަތާ ބެޖަރްޖީ އާއި ދިއްލީގައި އެންމެ ވަރުދަގަ ޕާޓީ، އާމްއާދަމި ޕާޓީގެ ޗީފް މިނިސްޓަރު އަރްވިންދް ކެޖްރިވާލް އާއި ސިވްސެނާ ޕާޓީ ފަދަ ގަދަ ޕާޓީތައް ހިމެނެއެވެ.
އާ ކޯލިޝަން އުފެއްދުމަށް ފަހު އިންތިޒާމް ކޮމިޓީއަށް 11 މެންބަރުން ހޮވާ މިހާރު ވަނީ ބައްދަލުވުންތައް ފަށާފައެވެ. އަންނަ އާންމު އިންތިހާބުގައި ކޯލިޝަން ތަމްސީލު ކުރާނެ ބޮޑުވަޒީރަކާއި، މަޖިލީހުގެ ދެ ގޭގެ ގޮނޑިތައް ބަހާނެ ގޮތްތަކާއި އެހެނިހެން ސިޔާސަތުތަކާ ބެހޭގޮތުން މި ކޮމިޓީން މަޝްވަރާ ކުރާނެއެވެ.
"ދެން ވާދަކުރަނީ އިންޑިއާ އާއި އެންޑީއޭ، އިންޑިއާ އަކީ އެކަތިގަނޑެއް، ބީޖޭޕީން އުޅެނީ އެ ބައިބާކޮށްލަން، އެހެންވީމައި މިހަފަރު މިއީ އިންޑިއާ އާއި މޯދީގެ ކުރިމަތިލުން"
އާ ނަމާ ގުޅުވައި ކޯލީޝަންގެ ބައިވެރިން ވަނީ ބީޖޭޕީ ހިމެނޭ ނޭޝަނަލް ޑިމޮކްރެޓިކް އެލަޔަންސް (އެންޑީއޭ) އަށް "އިންޑިއާ" އާ ކުރިމަތިލެވިދާނެ ތޯ އަހާ މަލާމާތުގެ ބަސްތައް ރައްދުކޮށްފައެވެ. އަދި "އިންޑިއާ" އެލަޔަންސްގެ ރަމްޒަކީ މުޅި އިންޑިއާ ކަމަށާއި އިންޑިއާ ސަލާމަތް ކުރާނީ އަލަށް ހެދި ކޯލީޝަނުން ކަމަށް ވެސް ބުނެފައެވެ.
ކޯލިޝަންގައި ހިމެނޭ އެހެން ބައެއް މެންބަރުން ބުނީ، ފާއިތުވި 9 އަހަރު މޯދީ އިންޑިއާ ހަލާކު ކުރައްވައިފި ކަމަށާއި އަލަށް އެކުލަވާލި ކޯލިޝަނަކީ ހަލާކުވެފައިވާ އިންޑިއާ އާރާސްތު ކުރާނެ ކޯލިޝަން ކަމަށެވެ.
ކޮންގްރެސް ޕާޓީގެ ރައީސް މަލިކައަރުޖުން ކަރްޖޭ ވިދާޅުވީ، އާ ކޮޅިޝަނާއެކު މޯދީ ބިރުގަންފި ކަމަށާއި މީގެ ކުރިން ނުބާއްވާ ބައްދަލުވުންތައް މޯދީގެ ކޯލިޝަނާއެކު ބާއްވަން ފަށައިފި ކަމަށެވެ. އެގޮތުން 30 ކުދި ޕާޓީއަކާ ވަކިވަކިން ބައްދަލުކުރަމުން ދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އިތުރަށް އޭނާ ވިދާޅުވީ، އާ ކޯލިޝަން ހެދުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ އިންޑިއާގެ ގާނޫނު އަސާސީ އާއި ޑިމޮކްރަސީ ހިމާޔަތް ކޮށް ރައްކާތެރި ކުރުން ކަމަށެވެ.
އިންޑިއާގެ އާންމު އިންތިހާބު އޮންނާނީ އަންނަ އަހަރުގެ އޭޕްރީލް އާއި މެއި މަހުގެ ތެރޭގައެވެ.