ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއާ ބައްދަލު ކުރެއްވުމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް މުހައްމަދު ނާޒިމް ސަން އައިލެންޑް ރިސޯޓަށް ވަޑައިގެންފިއެވެ.
އެ ބައްދަލުވުމުގައި ގާސިމްއާ އެމްއެންޕީގެ ފާރާތުން ބައްދަލު ކުރެއްވީ އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓު ނާޒިމްގެ އިތުރުން ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމް އަދި ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒެވެ.
މި ބައްދަލުވުމާ ގުޅޭ ތަފްސީލް ނުދެއްވި ނަމަވެސް ގާސިމްގެ އެޑްވައިޒަރު އަހްމަދު ނިހާން ވިދާޅުވެފައި ވަނީ މި ބައްދަލުވުމަކީ ވަރަށް ހާއްސަ ބައްދަލު ވުމެއް ކަމުގައެވެ.
ގާސިމް އަދި ނާޒިމް ބައްދަލު ކުރައްވާފައި ވާއިރު 2 ޕާޓީއިން ވެސް އަންނަނީ ރިޔާސީ ކެނޑިޑޭޓެއް ނެރެ ކެމްޕެއިން ކުރަމުންނެވެ. ގާސިމް ވަނީ ކޯލިޝަން ހެއްދެވި ނަމަވެސް ރިޔާސީ ކެނޑިޑޭޓެއްގެ ފަހަތަށް ވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވެފައެވެ.
މިދިޔަ އަންގާރަ ދުވަހު ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީންގެ ލަފާފުޅުގެ މަތިން އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވެސް ވަނީ ގާސިމްއާއެކު ބައްދަލުވުމެއް ބާއްވާފައެވެ. ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެފައި ވަނީ އެ ބައްދަލުވުމަކީ ގައުމުގައި ހުރި ބޮޑެތި މައްސަލަތަކާ ގުޅޭގޮތުން ރައީސް ޔާމީންގެ ލަފާފުޅާއި އިރުޝާދުގެ ދަށުން ބޭއްވި މުހިންމު ބައްދަލުވުމެއް ކަމަށެވެ.
މީގެ އިތުރަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ މިދިޔަ ހުކުރު ދުވަހު ގާސިމްއާ ބައްދަލު ކުރައްވާފައެވެ.