"ދިލިޕް އާއި އަހަރެންގެ ގުޅުން ސަލާމަތްކުރަން ވަރަށް މަސައްކަތްކުރިން. ބައްޕަ ގާތު މައާފަށް އެދޭށޭ ކިތަންމެ ފަހަރަކުވެސް ދިލިޕް ގާތު ބުނެފައި ހުންނާނެ. އެކަމަކު އޭނާ ބޭނުންވީ ބައްޕަ އާއި އޮންނަ ގުޅުން ކަނޑާލައިފައި ގޮސް ކައިވެނިކުރަން. އެހެނެއް އެކަމެއް ނުވާނެއްނު ދޯ. އެކަމަކު ދިލިޕް އަކީ އަހަރެން އެންމެ ލޯބިވި މީހާ،" މީގެ އެތައް އަހަރު ކުރިން މަޖައްލާއަކަށް ދިން އިންޓަވިއުއެއްގައި މަދޫބާލާ ބުނެފައިވެއެވެ.
1933 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހު ދިއްލީ އަށް އުފަން މަދޫބާލާ އަކީ ބޮލީވުޑުން މިހާތަނަށް ފެނުނު އެންމެ ރީތި ބަތަލާއެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި މަދޫބާލާ ކަހަލަ އެކަކުވެސް ބޮލީވުޑަކަށް ނާދެއެވެ. އަދި ނުވެސް އަންނާނެއެވެ. ރީތި ކަމާ އެއްވަރަށް މަދޫބާލާ އަކީ މުޅި ދުނިޔޭގެ އެންމެންވެސް ހިތްތަށް ފަތަހަކޮށްލި ބަތަލާއެކެވެ. ފިލްމީ ދާއިރާގެ ތެރެއިން ވެސް އޭނާ އަކީ އެންމެ ނަން ހިނގާ ބަތަލާއެވެ. ނަމަވެސް ދިރިއުޅުމުގެ ހުރިހާކަމެއް އޭރު މަދޫބާލާ އަށް ފުރިހަމަވިނަމަވެސް އޭނާ އަކީ ލޯބީގައި އެންމެ ނާކާމިޔާބު ބަތަލާއޭ ބުންޏަސް ދޮގަކަށްނުވާނެއެވެ. އަދި މުޅި ބޮލީވުޑުންވެސް އެންމެ ހިތްދަތި މަރަކުން މަރުވި ބަތަލާ އަކަށްވެސް މަދޫބާލާ ވެގެންދާނެއެވެ.
އުމުރުން އެންމެ އަށް އަހަރުގައި ފިލްމުތަކުން ފެންނަން ފެށި މަދޫބާލާ ބޮލީވުޑްގައި ފިޔަޖަހާލީ 50 އަދި 60ގެ އަހަރުތަކުގައެވެ. އެ އަހަރުތަކުގައި މަދޫބާލާ ބޮލީވުޑްގައި ރަނިކަން ކުރިއެވެ. ޖުމްލަ 60 އަށްވުރެ ގިނަ ފިލްމުތަކުން ފެނިފައިވާ މަދޫބާލާގެ ހަނދާންތައް މިއަދުވެސް ގިނަ ބަޔަކު އާކުރެއެވެ. މުސްލިމް ބައްޕަ އެއް ހުންނަ މަދޫބާލާ އަކީ އެންމެ ކުޑައިރުންފެށިގެންވެސް ދީނީ ކަންކަމަށް ވަރަށް ސަމާލުކަންދޭ މީހެކެވެ.
1948 ވަނަ އަހަރު ނެރުނު "ލާލް ދޯބައްޓާ" މި ފިލްމަކީ ބަތަލާގެ ބްރޭކްތްރޫ ފިލްމެވެ. މި ފިލްމަށްފަހު ގިނަ ފިލްމުތަކުން ޖާގަ ލިބެމުން އައިއިރު އޭނާގެ ހުރިހާ ވަގުތެއް ބޮލީވުޑަށް ހުސްކުރިއެވެ. ފިލްމަކަށްފަހު ފިލްމެއް ކުޅެމުން ގޮސް މަދޫބާލާ ވެގެން ދިޔައީ އޭރު މުޅި ބޮލީވުޑްގައި ވެސް އެންމެ މޮޅު ތަރިއަށެވެ. ފިލްމީ މަސައްކަތުގައި ކިތަންމެ ފާހަގަކޮށްލެވުނަސް އޭނާ އަކީ ލޯބީގެ ހަޔާތުގައި ވަރަށް ނާކާމިޔާބު ބަތަލާއެވެ.
1951 ވަނަ އަހަރު "ބަދަލު"ގައި އޭނާ އާއެކު ފެނުނު ތަރި ޕްރޭމް ނަތު އާއި މަދޫބާލާ ލޯބީގެ ގޮތުން ގުޅި އެ ގުޅުން ނިންމާލީ އެންމެ ހަމަސް ދުވަސްތެރޭގައެވެ. ދެމީހުންގެ ގުޅުން ނިންމާލަން ޖެހުނީ މަދޫބާލާ އަކީ މުސްލިމަކަށްވެފައި ޕްރޭމް އަކީ ހިންދޫ އަކަށްވުމުންނެވެ. އެ ގުޅުން ނިންމާލި ނަމަވެސް ޕްރޭމް އާއި މަދޫބާލާގެ ރަހުމަތްތެރިކަމުގެ ގުޅުން ދެމިއޮތެވެ. މަދޫބާލާގެ އާއިލާ އާއި ވެސް ގުޅުން އޮތެވެ. އޭގެ ފަހުން ހަމަ އެއަހަރު މަދޫބާލާ، އެކްޓަރު ދިލިޕް ކުމާރު އާ ލޯބީގެ ގޮތުން ގުޅުނެވެ. ދިލިޕް އަކީ އެދުވަސް ވަރު ފިލްމު އިންޑަސްޓްރީގައި އެންމެ ގަދައަށް ވިދާލި އެކްޓަރުވެސްމެއެވެ. އަދި މަދޫބާލާގެ ހިތްހަލާކުވެސްމެއެވެ. މިދެތަރިންގެ ގުޅުން މީޑިއާތަކަށް ފަޅާއެރުމުން ޕަޕަރާޒީން އަބަދުހެން އުޅުނީ އެމީހުންގެ ފަސްފަހަތުގައެވެ. މެދުކެނޑުމެއްނެތި ބާރު ސްޕީޑުގައި ދެމީހުންގެ ލޯބީގެ ވާހަކަތައް އޭރު މީޑިއާތަކުގައި ރިޕޯޓްކުރިއެވެ. ދިލިޕް އާއެކު އުޅުނު ފުރަތަމަ ފަސް އަހަރުވެގެން ދިޔައީ މަދޫބާލާގެ ހަޔާތުގައި އެންމެ އުފާވެރި ދުވަސްތަކަށެވެ. ކައިވެނިކުރަން ތައްޔާރުވެ ދެމީހުން އެންގޭޖްވެސްކުރިއެވެ. ނަމަވެސް ކަންދިމާކުރި ގޮތުން ދެމީހުންނަށް ކައިވެނިނުކުރެވި ވަކިވާންޖެހުނެވެ.
ދެމީހުންގެ މެދުގައި މައްސަލަތައް ޖެހެން ފެށިއެވެ. ބަތަލާގެ ބައްޕަ އަތައުﷲ ހާން ބޭނުންވީ ދިލިޕް ލައްވައި އޭނާގެ ޕްރޮޑަކްޝަން ތަކުގައި މަސައްކަތްކުރުވުމަށެވެ. ނަމަވެސް އެކަމަށް ދިލިޕް އިންކާރުކުރިއެވެ. އޭގެ ފަހުން ދެމީހުންގެ މެދުގައި މައްސަލަތައް ޖެހެން ފެށިއެވެ. ދިލިޕް އާއި ކައިވެނިކުރެވޭނީ ޝަރުތެއްގެ މަތިން ކަމަށް މަދުބާލާ ގާތު ބުނެއެވެ. އެ ޝަރުތަކަށްވީ އޭނާގެ ބައްޕައާއި އޮންނަ ގުޅުން އެއްކޮށް ކަނޑާލުމަށްފަހު އައިސް ދިލިޕް އާއި ކައިވެނިކޮށްގެން އުޅުމަށެވެ. ނަމަވެސް މަދޫބާލާ އަށް ބައްޕަ ދޫކޮށްލުމަށްފަހު ދިލިޕް ގާތަށް ނުދެވުނެވެ. އެކަމާ މައްސަލަގަނޑު ބޮޑުވެ، ދެމީހުންވެސް ގޮތްދޫނުކުރުމުން ދެމީހުންނަށްވެސް މަޖުބޫރުވީ ވަކިވުމަށެވެ. އޭގެ ފަހުން 1957 ވަނަ އަހަރު ނުކުތް ކާމިޔާބު ފިލްމު "ނަޔާ ދޯރު"ގެ ޕްރޮޑަކްޝަންގެ މައްސަލައެއްގައި ދިލިޕް ކޯޓަށް ދިޔައެވެ. އަދި މަދޫބާލާ އާއި އޭނާގެ ބައްޕަ އާއި ދެކޮޅަށް ހެކިބަސްދިނެވެ. އެކަމާ މަދޫބާލާގެ ހިތް މުޅިން މާޔޫސްވިއެވެ. އޭރު މަދޫބާލާ އާއި ކައިވެނިކުރަން މަޝްހޫރު ލަވަކިޔުންތެރިޔާ ކިޝޯރު ކުމާރު ހުރީ ތައްޔާރަށެވެ. ހިތުން ދިލިޕްގެ ހަނދާންތައް ފޮހެލުމަށް އޮތް އެންމެ ރަނގަޅު ގޮތަކީ ކިޝޯރު އާއި ކައިވެނިކުރުން ކަމަށް ބަތަލާ އަށް ވިސްނި ކިޝޯރު އާއި ކައިވެނިކުރީ 1960 ވަނަ އަހަރުގައެވެ. ވަރަށް ސިއްރިއްޔާތުގައި ދެމީހުން ކައިވެނިކުރިއިރު ދެމީހުންގެ ކައިވެނި ވެގެންދިޔައީ މާއުފާވެރި ކައިވެންޏަކަށް ނޫނެވެ. ކުދި ކުދި ކަންކަމާއި ޒުވާބުކުރުން އާންމުވިއެވެ.
މަދޫބާލާ އާއި ކައިވެނިކުރިއިރުވެސް އޭނާގެ ހިތުގައި ލޯވަޅެއް އިންކަން ކިޝޯރުއަށް އެނގެއެވެ. ހަނީމޫނަށް ދެމީހުން ލަންޑަނަށް ދިޔައީވެސް މަދޫބާލާގެ ޑަކްޓަރުވެސް ގޮވައިގެންނެވެ. 1954 ވަނަ އަހަރު ބަތަލާ ކުޅުނު ފިލްމެއްގެ ޝޫޓިން ތެރެއިން ބޮލަށް އެނބުރުން އަރައި، ލޭ ހޮޑު ލެވުމުން ހޮސްޕިޓަލަށް ދެއްކުމުން ހިތުގައި ލޯވަޅެއް އިންކަން ހާމަވިއެވެ. ތިން މަސްދުވަސް ބެޑްރެސްޓް ދިން ނަމަވެސް މަދޫބާލާ އަށް ފިލްމީ މަސައްކަތްތައް ހުއްޓައެއްނުލެވުނެވެ. ސޮއިކޮށްފައިވާ ގިނަ ފިލްމުތަކެއް ހުރުމުން ފަހަރަކު ފިލްމެއްގެ ޝޫޓިން މަދޫބާލާ ނިންމަމުން ގެންދިޔައެވެ. ލަންޑަނުގައި ހުއްޓާ ޑަކްޓަރުން އޭނާ އަށް މުހުލަތެއް ދިނެވެ. އެޒަމާނުގައި ހެދޭނެ ހުރިހާ ސްކޭނެއްކޮށް ބޭސްތަކެއް ދީގެންވެސް ދުނިޔޭގައި މަދޫބާލާ އަށް ހުރެވޭނީ ދެ އަހަރެއްހާ ދުވަސްކަމަށް ޑަކްޓަރުން ބުންޏެވެ.
ކިޝޯރު އާއި މަދޫބާލާގެ ކޯޅުންގަނޑު ބޮޑުވުމުގެ ސަބަބުން މަދުބާލާ ބަންޑްރާގައި ހުންނަ ފްލެޓަކަށް ބަދަލުވިއެވެ. ކުޑަދުވަސްކޮޅެއް ވަންދެން މަދޫބާލާ އާއެކު ކިޝޯރު އެގޭގައި އުޅުނު ނަމަވެސް އޭނާ އެގެއިން ދިޔައީ ޑްރައިވަރާއި ނަރުސް މީހެއް މަދޫބަލާ ގާތު ބަހައްޓާފައެވެ. އޭގެފަހުން ކިޝޯރު އެގެއަށް ވަދެލަނީވެސް އަހަރަކު ދެފަހަރެވެ. އެދުވަސްވަރު ފިލްމީ މަސައްކަތް ނުކުރެވޭ ވަރަށް ބަތަލާ ބަލިވިއެވެ. ނަމަވެސް 1966 ވަނަ އަހަރުގެ ޖޫން މަހު ބަލި ކުޑަކޮށް ރަނގަޅުވުމުން މަދޫބާލާ އަނެއްކާވެސް ފިލްމީ މަސައްކަތް ފެށިއެވެ. އެއީ އޭނާ ޝޫޓްކުރަން ފަށާފައި އޮތް ފިލްމެއްގެ ނުނިމޭ މަންޒަރުތަކެވެ. ނަމަވެސް ޝޫޓިންގެ ތެރެއިން މަދޫބާލާ ހޭނެތުމުގެ ސަބަބުން ހޮސްޕިޓަލަށް ގެންދިޔުމުން ވަގުތުން ބަތަލާ އެޑްމިޓްކުރިއެވެ. އެ ފިލްމުގެ ޝޫޓިން ނުނިމި އުޅެނިކޮށް ބަތަލާ މަރުވިއެވެ. ހޮސްޕިޓަލުތެރެއިން ކުރީގެ ލޯބިވެރިޔާ ދިލިޕް އާއި ބައްދަލުވެ، ހާލު ރަނގަޅުވާން ފެށުމުން އަނެއްކާވެސް ބަތަލާ ގެއަށް ދޫކޮށްލިއެވެ.
ބަތަލާގެ ފަހު ދުވަސްތައް ގުނަމުން އައީ ވަރަށް ވޭނުގައެވެ. މަދު އަހަރުތަކެއްތެރޭ މީހާ އެއްކޮށް ހިކި މީހާގެ ރީތިކަން ވެސް އެއްކޮށް ގެއްލުނެވެ. އެދުވަސްވަރު މަދޫބާލާގެ ހާލު ބަލައިލަން އަންނަ ހަމައެކަނި ބަޔަކީ ގީތާ ދަތު އާއި ވަހީދާ ރަހުމާނުއެވެ. އެއީ އޭނާ އާއެކު ފިލްމީ އިންޑަސްޓްރީގައި މަސައްކަތްކުރި ދެމީހުންނެވެ. ހަފްތާއަކު ކޮންމެފަހަރަކު ޓްރާންސްފިއުޝަން ހަދަމުން ދިޔަ މަދޫބާލާގެ އަނގައިންނާއި ނޭފަތުން ލޭ ފައިބަން ފެށިއެވެ. ނޭވާލުމަށް އޮކްސިޖަން ސިލިންޖަރުގެ އެހީ ބޭނުންކުރަން ޖެހުނެވެ. އޭރުވެސް ފިލްމީ މަސައްކަތަށް އޮތް ލޯބި އޭނާގެ ހިތަކުން ނުފިލައެވެ. އެކްޓްކުރާނެ ހިތްވަރެއް ނެތުމުން އޭނާ ނިންމީ ފިލްމެއް ޑައިރެކްޓްކުރާށެވެ. 1969 ވަނަ އަހަރު "ފަރްޒް އޯރް އިޝްގް" ކިޔާ ފިލްމެއް އުފައްދަން އޭނާ ނިންމައި އޭގެ މަސައްކަތް ފެށިއެވެ. ނަމަވެސް ބަލިހާލަތު އިތުރަށް ގޯސްވެ މަދޫބާލާ އަށް ހީމަޓޫރިއާ (ކުޑަކަމުދާއިރު ލޭ އައުން) ޖެހުނެވެ. އެހިސާބުން އޭނާގެ އަލަތު ޑައިރެކްޝަންގެ މަސައްކަތްވެސް ހުއްޓުނެވެ. 1969 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހު ބަތަލާ އަށް ހާޓްއެޓޭކެއް ޖެހުނެވެ. ވޭންދެނިވި މަރަކުން މަދޫބާލާ މަރުވީ އޭގެ އަނެއް ދުވަހުއެވެ. އެއީ އޭނާ އަށް 36 އަހަރުފުރުނުތާ ނުވަ ދުވަސް ފަހުންނެވެ. މަދޫބާލާ ވަޅުލިއިރު ބޮލީވުޑްގެ ގިނަ ބަޔަކު އައެވެ. ވަޅުލާ ނިމުމުން އޭނާގެ މަހާނަ ކައިރިއަށް ބަތަލާގެ ކުރީގެ ލޯބިވެރިޔާ ދިލިޕް ކުމާރުވެސް އައި ކަމަށްވެއެވެ. އޭގެ ފަހުންވެސް ދިލިޕް، މަދޫބާލާގެ މަހާނަ ކައިރިއަށް ޒިޔާރާތްކުރެއެވެ. މަދޫބާލާ ވަކިވެގެން ދިޔައީ ފޭނުންގެ ހިތްތައް ރޮއްވާލަމުންނެވެ. މުޅި ބޮލީވުޑްވެސް މަދުބާލާގެ މަރާއެކު ކަރުނަހިލުނެވެ.
މި އާޓިކަލް ކިޔާ ނިމުނު އިރު މަދޫބާލާ ދެފަހަރު މަރުވެފަ އެބައިިން.