އެސް ޕްރޮޑަކްޝަންސް އަދި ސެޓާން ސްޓޫޑިއޯ ގުޅިގެން އުފައްދާފައިވާ ސިންހަޅަ ފިލްމު "ކައުޝީ"ގެ ޕްރިމިއާ އަށް ފިލްމުގެ ލީޑު ތަރިން ރާއްޖެ އަތުވެއްޖެއެވެ.

މި ފިލްމަކީ ރާއްޖޭގެ ކުޅަދާނަ އެކްޓަރު/ޑައިރެކްޓަރު އަލީ ސީޒަން ޑައިރެކްޓްކޮށް ލަންކާ ތަރިން އެކްޓްކޮށްފައިވާ ފިލްމެކެވެ. މާދަމާ ރޭ ޕްރިމިއާ ކުރާ މި ފިލްމުގެ އިވެންޓައް ރާއްޖެ އައީ ފިލްމުގެ ލީޑު އެކްޓަރު އަމިލަ ކަރުނަޔަކަ އާއި ފިލްމުގެ ލީޑު އެކްޓްރެސް ރަންގި ރާޖަބަކްޝާއެވެ. އަވައްޓެރި ސްރީލަންކާގެ ސިންހަޅަ ފިލްމުތައް ކުޅެމުން އަންނަ އަމިލަ އާއި ރަންގި ރާއްޖެ އައިސްފައި ވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ. މި ދެފަންނާނުންނަށް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން މަރުހަބާ ކިޔާފައިވަނީ ފިލްމުގެ ޑައިރެކްޓަރު އަލީ ސީޒަންއެވެ.

ފިލްމުގެ ބަތަލާ ރަންގި މީޑިއާތަކާއި ވާހަކަ ދައްކަމުން ބުނީ މި ފިލްމަކީ ގައުމުން ބޭރުގެ މީހުންނާއެކު ކުޅުނު ފިލްމެއް ކަމަށާއި އެހެންވެ މި ފިލްމަށް ކުރާ އުންމީދު ވަރަށް ބޮޑު ކަމަށެވެ. އުންމީދަކީ ގިނަ މީހުން މި ފިލްމު ބަލަން އައުން ކަމަށް ބަތަލާ ބުންޏެވެ. ފިލްމުގެ އެކްޓަރު އަމިލަ ރާއްޖެއައިސް މީޑިއާތަކާއި ވާހަކަ ދައްކަމުން ބުނީ މި ފިލްމަކީ ލަންކާ އާއި ރާއްޖޭގެ ފިލްމު އިންޑަސްޓްރީ ދެމެދު ހެދުނު ކޮލާބްރޭޝަނެއް ކަމަށާއި "ކައުޝީ" އަކީ އަދި ފެށުން ކަމަށެވެ. މުސްތަގްބަލުގައިވެސް ރާއްޖޭގެ ފިލްމު އިންޑަސްޓްރީއާއެކު ގިނަ ޕްރޮޖެކްޓް ތަކަކަކުން ފެނުން އެކަށީގެންވާ ކަމަށެވެ.

ފިލްމުގެ ޑައިރެކްޓަރު ސީޒަން ބުނީ، ކުލަގަދަ ރަސްމިއްޔާތަކާއި އެކު "ކައުޝީ" ޕްރިމިއާ ކުރުމުގެ ހަފްލާގެ ތައްޔާރީތައް ކުރިއަށް ދާއިރު މި އިވެންޓުގައި ދިވެހި ފިލްމީ ދާއިރާގެ ގިނަ ފަންނާނުންތަކެއް ބައިވެރިވާނެ ކަމަށެވެ. ފިލްމުގެ ޓިކެޓް މިހާރު އޮލިމްޕަސް ސިނަމާއިން ވިއްކަމުން ދާއިރު ފިލްމްގެ ޓިކެޓްގެ އަގަކީ 150 ރުފިޔާ އެވެ. މި ފިލްމްގެ މަންޒަރުތައް ނަގާދީފައިވަނީ ރާއްޖޭގެ ޒުވާން ކެމެރާމަން ޝިވާޒް އަބްދުﷲ (މާސްކޭ) އެވެ. ފިލްމްގެ ބެކް މިއުޒިކް ހަދައިދީފައި ވަނީ އައްޔުމަން ޝަރީފެވެ.

"ކައުޝީ"ގެ ޝޯތައް މި މަހުގެ 19 ވަނަ ދުވަހުން ފެށިގެން 28 ވަނަ ދުވަހާއި ހަމަޔަށް އޮލިޕްހުގައި ކުރިއަށް ދާނެއެވެ. އޮލިމްޕަސް ސިނަމާއަށް މި ފިލްމު ގެންނައިރު މި ފިލްމު އޮލިމްޕަހުގައި ދައްކާނީ ދިވެހި ބަހުންނެވެ. ލޯބީގެ ބިރުވެރި ހާދިސާ އަކަށް ބިނާކޮށް ސީޒަން ގެނެސްދޭ މި ފިލްމަކީ ހަގީގީ ހާދިސާތަކަކުން އިންސްޕަޔާ ވެގެން އުފައްދާފައިވާ ފިލްމެކެވެ. ފިލްމު މާދަމާރޭ އޮލިމްޕަހުގައި އަޅުވާއިރު މި ފިލްމު ވެގެންދާނީ މިއަހަރު އޮލިމްޕަހުގައި އަޅުވާ ފުރަތަމަ ބިރުވެރި ފިލްމަށެވެ.

މި ފިލްމަކީ މިއަހަރު ސީޒަން އޮލިމްޕަހަށް ގެނެސްދޭ ދެވަނަ ފިލްމެވެ. އެކްޓަރު ސީޒަންގެ "ލޯބިވެވިއްޖެ" ދާދިފަހުން އޮލިމްޕަހުގައި އަޅުވާފައިވާއިރު އެ ފިލްމަށް ވަނީ އާންމުންގެ ތަރުހީބެއް ލިބިފައެވެ. އަދި މި ފިލްމު ބެލުމަށް އިންޑިއާގެ މަޝްހޫރު އެކްޓަރު އަފްތާބު ވެސް ރާއްޖެ އައިސް ވަނީ މި ފިލްމު ބަލާފައެވެ.