އެންމެންވެސް ބުނީ މި ފިލްމަކީ ވަރަށް ރީތި ފިލްމެއް ކަމަށެވެ. އެހެން ބިރުވެރި ފިލްމުތަކާ ހިލާފަށް މި ފިލްމުގެ ރީތިކަން އެންމެންވެސް ފާހަގަކުރިއެވެ. ކޮލެޖު ރަހުމަތްތެރިންނާ ދިމާވުމުން ވެސް އަހަނީ މި ފިލްމުގެ ވާހަކައެވެ. އާއިލާ އެންމެން އެއްވެ މަޖާކޮށްލާ ސަކާރަތްޖެހުމުގެ ތެރެއިންވެސް އެހީ މި ފިލްމުގެ ވާހަކައެވެ. އެންމެ ފަހުން މި ފިލްމު ބަލާހިތްވެއްޖެއެވެ. ނެޓްފްލިކްސް އާއި ޕްރައިމް ވީޑިއޯގައި މި ފިލްމެއް ނެތެވެ. އެންމެ ފަހުން މޫވީ ލިންކަށް 10 ރުފިޔާ ދައްކައިގެން މި ފިލްމު ބަލަން ފެށީ ދަންވަރުގެ ވަގުތެއްގައެވެ. އަދި އެވެސް އެކަނިމާ އެކަނިއެވެ. ބައެއްފަހަރު ފިލްމު ސްޓޮޕްވެސް ކޮށްލަމެވެ. ބިރަކުން ނޫނެވެ. ސިއްސަސިއްސައިގެން ދާވަރުންނެވެ.
- ތަރިން
އެލީސާ ސަދާލޭންޑް (އެލީ)، މޯގަން ޑޭވިސް (ޑެނީ)، ގެބްރިއެލް (ބްރިޖެޓް)، ނެލް ފިޝާ (ކޭސީ) އަދި ލިލީ ސުލީވަން (ބެތް) އެވެ.
- މައިގަނޑު ވާހަކަ (ސްޕޮއިލާ ނުލާ)
ފިލްމު ފެށިގެންދިޔައީ ގެއެއްގެ ތެރެއިންނެވެ. މަންމަ އާއި އޭނާގެ ތިން ދަރިން އެކުގައި ދިރިއުޅެމުން އައީ އުފަލުގައެވެ. ފިރިމީހާ އެލީ ދޫކޮށް ދިޔުމުން ދަރިންގެ ހުރިހާ ޒިންމާއެއް ނަގަމުން ދަރިންނާ އެއްކޮށް އުޅެމުން އައީ ހަމައެކަނި އެލީއެވެ. ފިލްމުގައި ދެން ފެނިގެން ދަނީ ބެތް ޕްރެގްނެންސީ ޓެސްޓެއް ހަދައިގެން އެއަށް ޕޮޒިޓިވް ވާތަނެވެ. ބެތަށް ހަދާނެ ގޮތެއް ނޭނގުމުން އޭނާ އައީ އޭނާގެ ހަމައެކަނި ހުރި ދައްތަ އެލީގެ ގާތަށެވެ. ދުވަސްތަކަކަށްފަހު ބެތް ގެއަށް އައުމުން އެލީ ބެތް އާއެކު ވަގުތުކޮޅެއް ހޭދަކޮށްލަން ބޭނުންވިއެވެ. ޑެނީ އާއެކު އޭނާގެ ދެ ދަރިން ފޮނުވީ ކައިރީގައި ހުންނަ ޕިއްޒާ ވިއްކާ ތަނަށެވެ. ބެތް އަށް އޭނާ ބަނޑުބޮޑު ވާހަކަ ނުބުނެވެނީސް އެހިސާބަށް ބޮޑު ބިންހެލުމެއް އާދެއެވެ. އެ ވަގުތަކީ ޑެނީ އާއި އޭނާގެ ދެ ކޮއްކޮ ޕިއްޒާ ގަނެގެން ޕާކިންލޮޓަށް ވަތް ވަގުތެވެ. ބިންހެލުން ނިމެންދެން އެމީހުން އެތަނުގައި ފިލާއިނެވެ. ގެއަށް އަރަން ހިނގައިގަތްތަނާ ޑެނީއަށް އާދަޔާ ހިލާފު ތަނެއް ފެނެއެވެ. ބިންގަނޑު އަޑިން ބޮޑު ލޯވަޅެއް ކެނޑިފައި ހުރި މަންޒަރެވެ. ޑެނީ އެތަން ބަލަން ދާހިތުން އެތަނަށް ވަނެވެ. ކަމަކު ދާކަށްނެތެވެ. އެތަނުގައި ހުރީ އާދަޔާ ހިލާފު އެެއްޗެއްސެެވެ. އެތަނުން ފެނުނު ފޮތަކާއި ސީޑީތަކެއް ޑެނީގެ ދަބަހަށް ލުމަށްފަހު އެމީހުން ގެއަށް ވަނެވެ.
ފިލްމުގެ އަސްލު ވާހަކަ ފެށެނީ މިހިސާބުންނެވެ. އެ ފޮތް ބެލުމަށް ޑެނީ ހިތުގައި ޝައުގުވެރިކަން އުފެދި އެ ފޮތް ހުޅުވާލުމަށްފަހު ސީޑީ ޕްލޭ ކޮށްލިއެވެ. އަޑުއިވެނީ ކޮންމެވެސް ރޫހާނީ އެއްޗެއް ނައްތާލަން ބަޔަކު ކުރާ މަސައްކަތެވެ. ފޮތް ހުޅުވާލުމާއެކު ރޫހާނީ އެތި މިނިވަންވިއެވެ. އެވަގުތު އެލީ ހުރީ އެއްޗެހި ދޮންނަންވެގެން ލޯންޑަރީ އަށް ދިޔުމަށް ލިފްޓް ތެރޭގައެވެ. ކަންދިމާކުރި ގޮތުން އެ އެތި ވަނީ އެލީގެ ގަޔަށެވެ. ވަގުތުން އެލީ ޖިންނި މޮޔަވިއެވެ. ގެއަށް ވަތް އިރުވެސް އެލީ ހުރީ ދެލޯ ބޮޑުވެފައެވެ. ގައިގައި އެތަން މިތަނުން ލޭ ފައިބައެވެ. ބިރުވެރި އަޑަކުން ވާހަކަ ދައްކާ އޭނާގެ އަމިއްލަ ދަރިން މަރާލަން އެލީ މަސައްކަތް ކުރެއެވެ. ބިރުވެރި ކަންތައްގަނޑު ނުނިމިގެން އުޅެނިކޮށް ދެން ފެނިގެންދަނީ ބްރިޖެޓްގެ ގައިތެރެއަށް ވެސް ޖިންނި ވަންނަ ތަނެވެ. އޭރު ހަމަހޭގައި ތިބި އެންމެން ބިރުން ރޫރޫއަޅަނީއެވެ. ކުޑަކުޑަ ކޭސީ ވެސް ހުރީ ބިރުން ފިތްކަނޑައިގެން ގޮސްފައެވެ. ނާމާން ބިރުވެރި އެތައް ހާދިސާތަކަކަށްފަހު ފިލްމުގައި ދެން ފެނިގެންދަނީ ޑެނީގެ ގައިތެރެއަަށް ޖިންނި ވަންނަތަނެވެ. ޖިންނި އެއްވެގަތެވެ. ޑެނީ، ބްރިޖެޓް އަދި އެލީގެ ހަށިގަނޑު ގުޅުނެވެ. ބެތް ހުރީ ހަދާނެ ގޮތް ހުސްވެފައެވެ. ހުރި ހަމައެކަނި ދައްތަ އާއި އޭނާގެ ދަރިން ސަލާމަތްކުރަން މަޖުބޫރުވެއެވެ. ގިނަ ޓްވިސްޓްތަކަކާއެކު މި ފިލްމު ފެށިގެން ނިމެންދެންވެސް އިނދެވުނީ ކަޅި ނުޖަހާ ބަލާށެވެ. ހަމަ އަސްލުވެސް ރީތި ފިލްމެކެވެ. އެހެން ބިރުވެރި ފިލްމުތަކާ ހިލާފަށް ރީއްޗެވެ. ގިނަ ފަހަރު ބިރުވެރިވެއްޖެނަމަ ފިލްމުގެ ވާހަކަ ރީއްޗެއް ނުވާނެއެވެ. އެކަމަކު މި ފިލްމު ހަމަ ވަރަށް ރީތިވެއްޖެއެވެ. ފިލްމު ނިމިގެންދިޔައީ ފިލްމުގެ އެހެން ބައެއްވެސް އަންނާނެ ކަމުގެ އިޝާރާތަކާއެކުގައެވެ. ފިލްމުގައި ދެން ކަންތައްތައް ވެގެންދާނެ ގޮތް ހޯދަން ކިޔުންތެރިން އަވަހަށް ބަލައިލާށެވެ.