ވ. ފުލިދޫއާ ދުރުގައި ބަނދަރު ހެދުމަށްފަހު ބްރިޖަކުން ގުޅާލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވައުދުވެ ވަޑައިގަންނަވައިފިއެވެ.

މި އަހަރު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި މިހާރު މ އަތޮޅަށާއި ވ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ވ. ފުލިދޫއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ފުލިދޫގެ ބަނދަރުގެ ވާހަކައަކީ މީގެ ކުރިންވެސް ދެކެވުނު ވާހަކަތަކެއް ކަމަށާއި އެހެންނަމަވެސް އޭރު އެކަމަށް އަމަލީ ސިފައެއް ގެންނަން ވައުދުވެވަޑައިނުގަންނަވާ ކަމަށެވެ.

ރައީސް ސޯލިހު ވިދާޅުވީ އެމަނިކުފާނު ގަބޫލުކުރައްވާ ގޮތުގައި ފުލިދޫއަށް ބަނދަރެއް ބޭނުންވާ ކަމަށާއި އޭރުވެސް އޮތް އެއް ކަންބޮޑުވުމަކީ އެކަމުގެ ސަބަބުން ފުލިދޫގެ ރީތި ގޮނޑުދޮށަށް ވެގެންދާނެ ގޮތް ކަމަށެވެ. އަދި މިހާރު އެކަމަށް ޕްލޭނެއް ކުރެވިއްޖެ ކަމަށާއި ރަށާ ދުރުގައި ބަނދަރެއް ހެދުމަށް ފަހުގައި އެ ބަނދަރުން ރަށާ ގުޅޭނެ ކުޑަ ބްރިޖެއް އަޅައިގެން އެކަން ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތަށް ބަނދަރު ތަރައްގީ ކޮށްފިނަމަ އޭގެ ސަބަބުން ރަށަށް ގެއްލުން ނުލިބި، ރީތިކަން ނުގެއްލި، ރައްޔިތުން ބޭނުންވާ ގޮތަށް އަދި އޮޑިދޯނި ފަހަރު ގެންގުޅޭ މީހުންނަށް އެ ބަނދަރުގެ ފަސޭހަ ލިބިގެންދާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. އަދި މި އަހަރުގެ ފަހުކޮޅު އެ މަސައްކަތް ޓެންޑަރަށް ލެވި، އަންނަ އަހަރު ތެރޭގައި އެ މަސައްކަތް ފެށިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ.

ރައީސް ސޯލިހު ވިދާޅުވީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ރާއްޖޭގައި އޮތް އެންމެ ކުޑަ ދެ އަތޮޅުން ފެށިގެން ދިއުމުން ހާމަވެގެން ދަނީ އެމްޑީޕީގެ ސިޔާސަތު އޭގެ މައްޗަށް ބިނާވެފައި އޮތް ގޮތް ކަމަށާއި ތަފާތު ކުރުމެއް ނުގެންގުޅޭކަން ކަމަށެވެ.

ކުޑަ ބޮޑު ރަށެއް ނުބަލައި ހިންގާ ތަރައްގީގެ މަޝްރޫއުތަކުގެ ތެރެއިން ފުލިދޫއަށްވެސް މަސައްކަތްތަކެއް ކުރެވިއްޖެކަން ފާހަގަކުރައްވާ ރައީސް ސޯލިހު ވިދާޅުވީ ފުލިދޫގެ ރީތި ގޮނޑުދޮށް ހިމާޔަތް ކުރެވުނީ އޭގެ ސަބަބުން ކަމަށާއި އަދިވެސް އެކަމަށް އިތުރު މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ. އަދި އަހަރެއްހާ ދުވަހު ދިރާސާ ކުރުމަށްފަހު ފުލިދޫ ގޮނޑުދޮށް ހިމާޔަތްކުރުމަށް ގެންނަން ޖެހޭ ހައްލެއް ގެނެސްދެއްވާނެ ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ.