ރާއްޖޭގައި ހިންގާ ފަތުރުވެރިކަމުގެ މަޝްރޫއުތަކުގެ ތެރެއިން އެންމެ ބޮޑު އެއް މަޝްރޫއު ވ. އަތޮޅުގައި ސަރުކާރުން ހިންގާނެ ކަމަށް އިއުލާނު ކުރައްވައި، ރައީސް ކެޔޮދު އަށް ބޮޑެތި ވައުދުތަކެއް ވެވަޑައިގެންފިއެވެ.

ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރެއްވުމުގެ ގޮތުން މިހާރު އެމަނިކުފާނު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ކެޔޮދު އަށް ވަޑައިގެން ރައީސް ވިދާޅުވީ، މިދިޔަ އިންތިހާބަށް ކުރެއްވި ކެމްޕެއިންގައި އެ ރަށަށް ހަތް ވައުދެއް އޭރު ވެފައިވާ ކަމަށާއި، އޭރު އެހާ ގިނައިން ވައުދުވެވަޑައިގަންނަވަން ޖެހުނީ އެއްވެސް ކަމެއް ކުރީ ސަރުކާރުތަކުގައި އެ ރަށަށް ކޮށްދެވިފައި ނެތުމުން ކަމަށެވެ.

ރައީސް ވިދާޅުވީ، އެމަނިކުފާނު ރަށްރަށަށް ވަޑައިގެން ކައުންސިލަރުންނާ ބައްދަލުކުރެއްވުމުން އަބަދު ވެސް އެ ރަށަކުން ބޭނުންވާ ކަންކަމުގެ ދިގު ލިސްޓެއް ލިބެމުންދާ ކަމަށެވެ. ނަމަވެސް މި ސަރުކާރުން އަންނަނީ ވައުދުތައް ފުއްދަމުން ކަމަށާއި، އެގޮތުން ވައުދުތައް ފުދެމުން ދިޔަ ވަރަކަށް ލިސްޓު ކުޑަވަމުން ދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެމަނިކުފާނު ގަބޫލުކުރައްވާ ގޮތުގައި، ސަބަބަކީ ރައްޔިތުން ބޭނުންވާ ގޮތަށް ބަދަލުތައް ގެނައުމެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އިތުރު ކަންކަމަކީ:

  • ކެޔޮދޫ ސްކޫލަށް އިތުރުކުރާ ހަތަރު ކްލާސްރޫމްގެ މަސައްކަތް ކުރިއަށްދާ ކަމާއި، ހަތަރު ބުރީގެ އިމާރާތެއް އެޅުމަށް ރޭވިފައިވާ ކަން
  • އެ ރަށުގެ ފުޓްބޯޅަ ދަނޑުގެ މަސައްކަތް އެވޯޑުކުރެވިފައިވާ ކަމަށާއި، ވޮލީ ކޯޓުގެ މަސައްކަތް ކޮންޓްރެކްޓް ކުރެވި ލަސްތަކެއް ނުވެ މަސައްކަތް ފެށޭނެ ކަން
  • ހެލްތު ސެންޓަރު ތަރައްގީކުރުމުގެ މަޝްރޫއު އަވަސްކޮށް،، ފެންވަރު ރަނގަޅު ހިދުމަތްތައް ދެވެން ފެށޭނެ ކަން

އޭގެ އިތުރުން، މުޅި ވ. އަތޮޅަށް އަމާޒުކޮށް އިގްތިސޯދީ ބޮޑެތި ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ސަރުކާރުން ރާވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އިތުރު ތަފްސީލެއް ނުދެއްވި ނަމަވެސް، އެމަނިކުފާނި ވަނީ ޓޫރިޒަމްގެ ބޮޑު މަޝްރޫއެއް އެ އަތޮޅުގައި ފެށޭނެ ކަމަށް އިއުލާނުކުރައްވައިފައެވެ. އެ މަޝްރޫއު ފެށި، ވައިގެ މަގުން ވ. އަތޮޅާ ގުޅާލެވޭނެ ކަމަށާއި، މިހާރު ވެސް އެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރެވިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.