ރާއްޖޭގައި އެންމެ މަގްބޫލު އެއް ފިލްމު ކުންފުނި ކަމަށްވާ ޑާކްރެއިން އެންޓަޓެއިންމަންޓުން ގެނެސްދޭ ފިލްމު "ބަޅިނދު" ރިލީޒްކުރުން ފަސްކޮށްފިއެވެ.

ފިލްމުގެ ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ދަ ޕްރެސް އަށް ބުނީ މި ފިލްމު ކުރިން މިއަހަރު އަޅުވަން ހަމަޖެހުނު ކަމަށެވެ. ނަމަވެސް މި ފިލްމުގެ ބަދަލުގައި މިއަހަރު ޑާކްރެއިނުން އޮލިމްޕަހުގައި އަޅުވާނެ ދެވަނަ ފިލްމަކީ "ފުރޭތަ" ކަމަށާއި "ބަޅިނދު" އަންނަ އަހަރު އޮލިމްޕަހަށް ގެނެސްދޭނެ ކަމަށްވެސް މޮގާ ވަނީ ބުނެފައެވެ. ކުރިން އޮތް ގޮތުން ނަމަ މި ފިލްމު ރިލީޒްކުރަން ހަމަޖެހިފައި އޮތީ އަންނަ ޑިސެމްބަރު މަހުގެ ހަތަރު ވަނަ ދުވަހުގައެވެ. ނަމަވެސް މިހާރު ފިލްމު ކުންފުނި ޑާކްރެއިން އިން ނިންމީ އެ ތާރީހުގައި އޮލިމްޕަހަށް "ފުރޭތަ" ގެނައުމަށެވެ.

ބަޅިނދުގެ ތަރިންނަކީ އާޝާ، ޖުމައިހު، ހުނޫ، ދޮން އައްޔަ، ނުޒުހަތު ޝުއައިބު، އައިޝާ، ޝަރަފް އަދި މަޖޫ އެވެ. މީގެ ކުރިން "ބަޅިނދު"ގެ ޓީޒާ އެއް ސޯޝަލް މީޑިއާއަށް ދޫކޮށްލިއިރު އެ ޓީޒާ ވަރަށް ތަފާތެވެ. އެ ޓީޒާ އިން ފެނިގެންދަނީ އަކަ ޖެހި ދޮލަގެކެވެ. އެއީ ތަށި ދުއްވަން ބޭނުންކުރާ އާލާތެކެވެ. މާލެ އަދި ހުޅުމާލޭގައި ޝޫޓްކޮށްފައިވާ މި ފިލްމަކީ ހޫދު އިބްރާހިމް ލިޔެ އަހްމަދު ޝިނާން ޑައިރެކްޓްކުރާ ބިރުވެރި ފިލްމެކެވެ. ފިލްމުގެ ޓީޒާކޮޅުން ވެސް އެ ފިލްމަކީ ބިރުވެރި ފިލްމެއްކަން ހާމަވެގެން ދެއެވެ. މި ފިލްމަކީ ހަގީގީ ހާދިސާތަކުން އިންސްޕަޔާވެގެން އުފައްދާ ފިލްމެކެވެ.

އޮލިމްޕަސް ބަންދުކޮށްފައި ހުންނަތާ ގާތްގަނޑަކަށް ތިން އަހަރުފަހުން މިއަހަރު އޮލިމްޕަސް ސިނަމާ ހުޅުވީ ޑާކްރެއިންގެ "ބީވީމާ" އިންނެވެ. އެ ފިލްމަށް އާންމުންގެ ބޮޑު ކާމިޔާބީއެއް ލިބިގެން ދިޔައިރު މި ފިލްމުގެ ލީޑު ތަރިންނަކީ އާޝާ، ޒިޔާން، އަޝްފާ އަދި ކޮޕީ އިއްސެއެވެ. ޑާކްރެއިންގެ ކުރިއަށް ހުރި ޕްރޮޖެކްޓްތަކުގެ ތެރޭގައި "ނޮވެމްބަރު"، "ކައިވެނީގެ އަމާޒު" އަދި "ފުރޭތަ" ހިމެނެއެވެ.