މި ފިލްމު ސިނަމާތަކުގައި އެޅުވިއިރު ރާއްޖޭގެ ޝްވެކް ސިނަމާގައިވެސް އެޅުވިއެވެ. ފިލްމު ބަލަން ޝްވެކް ސިނަމާއަށް ނުގޮސް އެންމެ ފުރަތަމަ ބެލީ މޫވީ ލިންކްގައި މި ފިލްމު އިންތޯއެވެ. މޫވީ ލިންކުން ފިލްމު ބެލުމުގެ ފުރުސަތު އޮތެވެ. ނަމަވެސް އޮތީ ސްކްރީން ކޮޕީގަނޑެކެވެ. ކާރްތިކް އާރްޔަން އާއި ކިއާރާ އަދުވާނީ އުޅޭ ފިލްމަކަށް ވުމުން މި ފިލްމަށް ބޭރުގެ ކްރިޓީކުން ދީފައިވާ ހިޔާލުތައް ވެސް ބަލައިލީމެވެ. އެންމެފަހުން ކެތްނުވެގެން ޝްވެކް ސިނަމާއަށް ގޮސް ޓިކެޓް ގަނެގެން ފިލްމު ބަލަން ވަނީމެވެ.
- ތަރިން
ކާރްތިކް އާރްޔަން (ސަތްޔަޕްރޭމް/ ސައްޓޫ)، ކިއާރާ އަދުވާނީ (ކަތާ)، ގަޖްރާޖް ރާއޯ (ނާރަޔަން ބާއީ)، ސުޕްރިޔާ ޕާތަކް (ދިވާލީ) އަދި ޝިކާ (ސޭޖަލް)އެވެ.
- މައިގަނޑު ވާހަކަ (ސްޕޮއިލާ ނުލާ)
މި ފިލްމަކީ ސައްޓޫ އާއި ކަތާ ދިމާވެ، ފުރަތަމަ ނަޒަރުން ވެވުނު ލޯބީގެ ވާހަކައެކެވެ. މި ފިލްމުގައި ކިއާރާ އަކީ އަހްމަދުއާބާދުގެ ގުޖުރާތު އާއިލާ އަކަށް ނިސްބަތްވާ ވަރަށް މަޝްހުރު ލަވަކިޔުންތެރިއެކެވެ. ކާރްތިކް އަކީ މި ފިލްމުގައި ލޯޔަރަކަށް ވާން އުޅެފައި ފާސްނުވެގެން ލޯޔަރަކަށް ނުވެވި ހުރި މީހެެކެވެ. މި ދެމީހުން ދިމާވެ ކާރްތިކް އަށް ކިއާރާ ދެކެ ލޯބި ވެވުނު ނަމަވެސް މި ލޯތްބަކީ އޭނާ ހީކުރިހާ ފަސޭހަ ލޯތްބެއް ނޫނެވެ. މި ފިލްމު ފެށިގެން އަންނަނީ ސައްޓޫ މެން އަވަށުގައި ވަރުގަދަ ކައިވެނި ޕާޓީއެއްގެ ތެރެއިންނެވެ. ސައްޓޫގެ އާއިލާ އަކީ މެދުފަންތީގެ އާއިލާއަކަށްވެފައި އޭރު ސައްޓޫގެ އަތުގައި އެއްވެސް ވަޒީފާއެއް ނެތުމުން ގޭތެރޭ އަންހެނަކު ކުރާ ހުރިހާ މަސައްކަތެއްވެސް ސައްޓޫކުރެއެވެ. ކާ އެއްޗެހި ތައްޔާރުކުރުމާއި ތަށިތައް ދޮވުމަކީ އާދައިގެ ފިރިހެނަކު ކޮންމެ ދުވަހަކު ކުރާ ކަމަކަށް ނުވިނަމަވެސް ސައްޓޫ އެކަންތައްތައް ކުރަމުން ދިޔައެވެ. ސައްޓޫ އަތުގައި ވަޒީފާގަނޑެއްހާ ހިސާބު ނެތުމުން އޭނާއަކަށް ކައިވެނީގެ ހުށައެޅުމެއްވެސް ނާދައެވެ. ވަޒީފާ ނެތް ރުފިޔާ ނުލިބޭ މީހަކާ އިންނާނެ މީހަކު ނުވާނެ ކަމަށް އޭނާގެ މަންމަ އަބަދުވެސް ބުނަމުން ދިޔައެވެ. ނަމަވެސް މި ހުރިހާ ކަމަކާއެކުވެސް ސައްޓޫ އަކީ ކަންކަމާ ވަރަށް ކެރިގެން ކުރިމަތިލާ އޭނާގެ ހިނިތުންވުމުން މީހުން އޭނާގެ ޖާދޫގައި ޖައްސާ އުޅޭ މީހެކެވެ. މަންމަ ދެކެ ވަރަށް ފޫހިވާ ސަައްޓޫގެ ހުރިހާ ވެސް މީހަކީ އޭނާގެ ބައްޕަ އެވެ. ސައްޓޫ ދެކޭ ގޮތުގައި އޭނާގެ އިހުސާސްތައް އެންމެ ރަނގަޅަށް އެނގެނީ އޭނާގެ ބައްޕައަށެވެ.
މިހެން ދުވަސްތައް ވޭދުވަމުން ދަމުން ގޮސް އެއްދުވަހު ސައްޓޫ އަށް އޭނާ ހިއްކިޔާ ކަހަލަ އަންހެން ކުއްޖަކު ފެނެއެވެ. ކަތާ ފެނުނު ފުރަތަމަ ވަގުތުވެސް ސައްޓޫގެ ހިތަށް ބަޔާންކުރަން ނޭނގޭ ކަހަލަ އިހުސާސްތަކެއް ކުރެވުނެވެ. އެހިސާބުން ސައްޓޫ ނިންމީ އޭނާ އަށް ކަތާ ދެކެ ލޯބިވެވުނީ ކަމަށެވެ. ނަމަވެސް ކަތާ އަކީ އޭރުވެސް އޭނާ އާއި އެންމެ އެކަށީގެންވާ މީހާ ނޫންކަން ވެސް ސައްޓޫ އަށް އެނގުނެވެ. އެތައް މަސައްކަތެއް ކޮށްގެން ހާމަވީ ކަތާގެ ލޯބިވެރިއަކު ހުންނަ ކަމަށެވެ. އެހިސާބުން އޭނާ މާޔޫސްވިއެވެ. ނަމަވެސް އޭގެ ދުވަސްކޮޅެއްފަހުން ސައްޓޫގެ ބައްޕަގެ ފަރާތުން ހާމަވީ ކަތާ އޭނާގެ ލޯބިވެރިޔާ ދޫކޮށްލި ކަމުގެ ހަބަރެވެ. ސައްޓޫ އުފަލުން މަރުވާ ވަރުވިއެވެ. ކަތާ އާއި ގުޅެން ބޭނުންވެފައި ހުރި ވަރުން ކަތާ އަށް ލޯބި ހުށައަޅަން ނިންމީ އޭނާގެ ކުރީގެ ލޯބިވެރިޔާ އާއި ވަކިވި ސަބަބު ވެސް ދެނެގަންނަން ބޭނުންނުވެއެވެ.
"ވަން ސައިޑެޑް" ލޯތްބެއްގެ ގޮތުގައި ސައްޓޫ އެ ލޯބި ސިފަކުރި ނަމަވެސް ތަގުދީރުގައި ކަން އޮތީ އެހެނަކުން ނޫނެވެ. އެންމެފަހުން ސައްޓޫ އައް ކަތާ ލިބި ކައިވެނިކުރާ މަންޒަރު ފިލްމުން ފެނިގެންދިޔައެވެ. ކައިވެނިކުރި އިރު ކަތާ ވަރަށް ބޮޑު ސިއްރެއް ފޮރުވައެވެ. އެ ސިއްރުވެގެން ދިޔައީ އޭނާގެ ކުރީގެ ލޯބިވެރިޔާ އާއި ވަކިވާން ޖެހުނު ސަބަބުގެ ގޮތުގައެވެ. އެންމެފަހުން ކަތާގެ އެ ސިއްރު ފަޅާއެރުމުން ސައްޓޫގެ ދިރިއުޅުން އެ ފުށް މިފުށަށް ޖެހެއެވެ. ކައިވެނި ކުރިއަށް ގެންދަން ހަދާނެ ގޮތަކާ މެދު ސައްޓޫ ވިސްނަން ޖެހުނެވެ. ފިލްމުގެ މިހިސާބުން ދެން އަންނަން ފެށީ ވަރުގަދަ ޓްވިސްޓްތަކެވެ. ކާރްތިކް އާއި ކިއާރާގެ ކެމިސްޓްރީ ފެނިގެންދިޔަ މި ފިލްމަކީ ދެމީހުންގެ ވަރަށް ލޯބި ލޯބި ސީންވެސް އައި ފިލްމެކެވެ. ފިލްމުގައި ކަތާ ސިއްރުކުރީ ކޮންކަމެއްކަން ބުނެފި ނަމަ ފިލްމު އެއްކޮށް ސްޕޮއިލްވާނެ އެވެ. ފިލްމުގައި ހެއްވާ މަޖާ ބެލުންތެރިން ރޮއްވާލާ ފަދަ މަންޒަރުތަކެއް ފެނިގެންދާއިރު މި ފިލްމަކީ ކިއާރާ ކުޅުނު ވަރަށް ތަފާތު ފިލްމެއްވެސް މެއެވެ. އޭނާގެ ތަފާތު ވަރުގަދަ ކެރެކްޓާއެކެވެ. ފިލްމުގައި ދެން ކަންތައްތައް ވެގެން ދާނެ ގޮތް ބަލައިލަން ފިލްމު ބަލާށެވެ.