ޖެހިތަދުވެފައި ހުންނަ ކޮރަކަލި އައިނެއްގައި އުޅެނީ އެ އައިނާ ވަކިން އެހެނަސް ގާތުގައެވެ. ހަމަ އެގޮތަށް ބޮލަށް ފިތިފައި ހުންނަ ތާވަޅަވެސް އޭގެ އައިނުގައި އުޅެނީ ދެވޭ ނުދެވޭ ކޮޅެއް ނޭނގި ހެދޭ ނުހެދޭއެއް ނޭނގި އެނބުރި އެނބުރިއެވެ. އެހެން އުޅޭ އިރު ވަކިން ދަތުރު ކުރާ އެ ހާލަތުގެ ތާވަޅަތަކާ އެކުވެ ދެއެވެ.

މަތީގައި އޮތް މިސާލު، އެމްޑީޕީއާއި ޑިމޮކްރެޓްސް އާ ގުޅުވާލީމައި ފެންނަނީ ދާދި އެއްގޮތް މަންޒަރެކެވެ.

ރާއްޖޭގައި އޮތް ސިޔާސީ އެންމެ ބޮޑު ޕާޓީގެ ތެރެއިން ބައެއް މެންބަރުން ވަކިވެ ޑިމޮކްރެޓްސް އާ ގުޅޭ މަންޒަރެވެ. އެ މެންބަރުންނަކީ ތާވަޅަތަކެއް ކަމަށް ނުވިޔަސް އެ މެންބަރުންގެ ތެރެއިން ބައެއް މީހުންނަކީ ވެރިކަން ހިންގާ އެމްޑީޕީގެ ސަރުކާރުގެ މިހާރުގެ ސިޔާސަތުތަކާ ހިޔާލުތަފާތުވާ މެންބަރުންނެވެ. އަނެއް ބަޔަކީ، ސަރުކާރުގެ ތެރެއިން މަންފާތަކެއް ނުލިބޭތީ ނުވަތަ ބޭނުންވާ ވަރަށް ނުލިބޭތީ ހިތްހަމަ ނުޖެހޭ ބައެކެވެ. ދެން ނިކުތް ބަޔަކީ، އެ ޕާޓީގެ ރައީސް ކަމުގައި ހުންނެވި ރައީސް މުހައްމަދު ނަޝީދު ޖައްސަވާހާ ބެރަކަށް ނައްޓަވާ ބައެކެވެ.

"އެވެސް މިވެސް ހަމަ އެކައްޗެއް، އެމްޑީޕީގެ ސިޔާސަތު ކަމުނުދިޔަ ކަމަށް ބުނެ އުފެއްދި ޕާޓީގެ ސިޔާސަތަކީވެސް ހަމަ އެ، ތަފާތަކީ ކުލަ" ޑިމޮކްރެޓްސްގެ މެންބަރަކު ބުނެފައި ވެއެވެ.

ނަޝީދު އެމްޑީޕީ ދޫކޮށްލީ ކީއްވެ؟

އެމްޑީޕީގެ ރިޔާސީ ޕްރިމަރީން ބަލިވުމުން ރައީސް ނަޝީދުގެ ސިޔާސީ ހަޔާތްޕުޅު ނިމުމީ ކަމަށް ގިނަ ބަޔަކު ހީކުރިއެވެ. ވެރިކަން ނޫން އެއްޗެއް ނަޝީދު ބޭނުންފުޅު ނުވާ ކަމަށާއި އެމަނިކުފާނުގެ އެ ހުވަފެން އެމްޑީޕީން ކަފުންވެގެން ދިޔަ ކަމަށް ގިނަ ބަޔަކު ބުންޏެވެ. ޕްރައިމަރީގައި ބަލިވެވަޑައިގަތުމުން ގޭގައި އޮންނަވާނީ ކަމަށް ނަޝީދު ވިދާޅުވި ނަމަވެސް އެކަން އެހެން ކުރައްވާނެ ކަމަށްވެސް ގިނަބަޔަކު ގަބޫލެއް ނުކުރެއެވެ. ނަޝީދަކީ އާންމުކޮށް ވިދާޅުވާ ގޮތާ އިދިކޮޅަށް އެއަށް ވުރެ ބާރަށް ނިކުންނަވާ ބޭފުޅެއް ކަމަށާއި ބަސް އަހައިގެން މަޑުން ގެކޮޅުގައި އޮންނެވޭނެ ބޭފުޅެއް ނޫން ކަމަށް ވެސް މީހުން ދެކެއެވެ.

ދުރަށް ނުގޮސް ދާދިފަހުން، 19 ވަނަ މަޖިލީހުގެ ދައުރުގެ ފަހުކޮޅުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވި ވާހަކަ އާއި އޭގެ ބަރާބަރު 3 ދުވަސް ފަހުން ވިދާޅުވި ވާހަކަ އަކީ އެކަމުގެ ދެކޮޅު ސާފުކޮށް ފެންނަ މިސާލެކެވެ.

އެދުވަހު މަޖިލީގެ ޕްރެސްގައި ވިދާޅުވީ، އެމްޑީޕީން ވަކިވެވަޑައި ނުގެން ހުންނެވީ ޕާޓީ އަތުލައްވަން ކަމަށެވެ. އަދި އެކަން ކުރައްވާނެ ކަމަށެވެ.

"އެމްޑީޕީ ދޫކޮށްނުލާ މިހާރު މި ހުންނަނީ، މި ޕާޓީ ޑިމޮކްރެޓްސް ތެރެއަށް، މުޅި އެމްޑީޕީ ގެނައުމުގެ ނިޔަތުގައި. އެ މަސައްކަތް ހިނގާނެ ސެޕްޓެމްބަރު 9ގެ އިންތިހާބުގެ ފަހުން،"
ރައީސް މުހައްމަދު ނަޝީދު

އޭގެ ފަހުން ޖެހިގެން އައި 3 ވަނަ ދުވަހު ނަޝީދު ވިދާޅުވީ، އެމްޑީޕީން ވަކިވެވަޑައިގެންފި ކަމަށެވެ. އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލަށް އެޑްރެސް ކުރައްވައި އާންމު ކުރެއްވި އިސްތިއުފާގެ ސިޓީގައި ނަޝީދު ލިޔުއްވާފައި ވަނީ؛ "ރާއްޖޭގައި މިވަގުތު ކަންކަން ހިނގަމުން ދާ ގޮތަށް ބަލައި އަޅުގަނދު ތިޔަ ޕާޓީގައި ހުރުން އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ނުދެކޭ ކަމުން އަޅުގަނޑު ތިޔަ ޕާޓީން ވަކިވި ވާހަކަ ދެންނެވީ" އެވެ.

ނަޝީދު އެމްޑީޕީ ދޫކޮށްލެއްވީ އެމްޑީޕީގައި ހުންނަވައިގެން ވެރިކަން ލިބިވަޑައިގަންނަވަން ނެތުމުން ކަމަށް އާންމުންގެ ގިނަބަޔަކު ބުނެއެވެ. އެމްޑީޕީ ދޫކޮށްލެއްވުމާ ހަމައަށް ފާއިތުވި 4 އަހަރެއްހާ ދުވަހުގެ ތެރެއިން ކުރީ ކޮޅުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލުކުރައްވައި "ﷲ ގެ އިރާދަފުޅުން އަޅުމެންގެ މި އޮޑިއެއް ނުފެތޭނެ" ކަމަށް ވިދާޅުވެ ސަރުކާރާ އެކުގައި ހުންނެވި ކަމަށް ވިދާޅުވަމުން ގެންދެވި ނަމަވެސް މިދައުރުގެ ފަހުކޮޅަށް އައިއިރު ނަޝީދު ވަނީ ރާގު ބައްދަލުކުރައްވައި ފާޅުގައި ސަރުކާރަށް ފާޑުވިދާޅުވެ، ރައީސް ސޯލިހު ލައްވައިގެން އެމްޑީޕީއަށް ވެރިކަން ނުހޯދޭނެ ކަމަށް ވިދާޅުވެފައެވެ. އެއް ފަހަރަށް ވުރެ ގިނަ ފަހަރު އެވާހަކަ ތަކުރާރު ކުރައްވަމުން ގެންދެވި އިރު، ނަޝީދުގެ ބައިވެރިން، މަޖިލީހުގެ ތެރެއިންނާއި ބޭރުން ގެންދެވީ ސަރުކާރަށް ކަމެއް ނުވާކަން ދައްކާ، ކޮރަޕްޝަނާއި ފަސާދައިގެ ތުހުމަތުތައް ކުރައްވަމުންނެވެ.

އައްޑޫން އުފަންވެގެން އައި "ޗޯރޭ"، "ޗޯރު އިބުރޭ" އަށް ބަދަލުކޮށް، އިދިކޮޅާ ބައިވެރިވެ ރައީސް ސޯލިހަށް ވަގަށް ގޮވަމުންނެވެ.

ކަށިކެޔޮގަނޑެއް ރޫޅޭހެން އެމްޑީޕީ ރޫޅާލާނެ ކަމަށް ނަޝީދު ގަދަބަސް ވިދާޅުވުން

ކަށިކެޔޮގަނޑު ރޫޅަން އެންމެ ފަސޭހައީ ފޫވަކުން ފެށިގެންކަން އެކަމުގައި އުޅޭ އިހުތިބީންނަށް އެނގޭނެއެވެ. ނަމަވެސް ކަށިކެޔޮގަނޑަކީ ފާވެ ނުވަތަ ފީވާން ދާއިރުވެސް ވަށްތަށް އެހެން ވެއްޓޭ އެއްޗެއް ނޫންކަންވެސް އެވެރިންނަށް އެނގޭނެއެވެ. އެމްޑީޕީން ނިކުތް ބައެއް މެންބަރުންނާއެކު 'ދަ ޑިމޮކްރެޓްސް' އުފަން ކުރި މަރުހަލާގައި އެވެރިންވެސް ހީކުރީ އެމްޑީޕީ ލުހިގެން ދާނެ ކަމަށެވެ. ނަމަވެސް ޕާޓީ ރަޖިސްޓަރީވެ މިއަދާ ހަމައަށް ވީ މުއްދަތުގައި 3000 އެއްހާ މެންބަރުން ހަމަނުވީމައި އެމްޑީޕީ އެހެން ނުރޫޅޭކަން އެބަފެނެއެވެ.

އެމްޑީޕީ އަކީ ފިކުރެކެވެ. ޑިމޮކްރެޓްސް އަކީ އެ ފިކުރުގެ ގޮތްޕެކެވެ. އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީ އަކީވެސް އެފަދަ ފިކުރެކެވެ. ނަމުން ތަފާތަސް ކުރަނީ އެއްކަމެކެވެ.

"އަޅުގަނޑު ދަންނަވާނަން އެމްޑީޕީގެ ހުރިހާ މެމްބަރުންނަށް. ތި ޕާޓީ އިރާދަކުރެއްވިއްޔާ އަޅުގަނޑު ރޫޅާލާނަން. ރޫޅާލާނަން. ރޫޅާލާނަން. ރޫޅާލާނަން. ރޫޅާލާނަން. ރޫޅާލާނަން. ތި ކެޔޮގަނޑުގެ ފޫ ވައް، ވެއްޓިއްޖެ، ތި ޕާޓީ އަޅުގަނޑުމެން ރޫޅާލާނަން،"
ރައީސް މުހައްމަދު ނަޝީދު

ނަޝީދަކީ، ރާއްޖޭގެ ސިޔާސީ ލީޑަރުންގެ ތެރެއިން އެބޭފުޅެއްގެ ކެރުމާއި މަސައްކަތްޕުޅު މިން ކުރާ އިރު އެހެން އެއްވެސް ސިޔާސީ ލީޑަރަކަށް ކުރައްވަން ކެރިވަޑައިނުގަންނަވާ ކިތަންމެ ކަމެއް ކުރައްވާ ލީޑަރެކެވެ. ރަށްރަށަށް، ގޭގެއަށް، މެދުގެއަށް، ބަދިގެއަށް، ފާހާނާއަށް ވަދެވަޑައިގަންނަވަން ޖެހިވަޑައިގަތަސް ފަސްޖެހުމެއް ނެތި ވަދެވަޑައިގަންނަވާ ބޭފުޅެކެވެ. އެހެން ލީޑަރުންގެ 'އަބުއިކަމުން' ނަޝީދު އުޅުއްވާ ގޮތަށް އުޅުއްވަން ކެރިވަޑައިނުގަތުމަކީ އެބޭފުޅުންގެ އުނިކަމެއް ކަމަށް ބައެއް މީހުން ގަބޫލު ކުރެއެވެ.

"ޕާޓީ ރޫޅާލުމުގެ ވާހަކައަކީ އެމަނިކުފާނު [ނަޝީދު] ދެކޭ ހުވަފެނެއް ފަދަ ކަމެއް. އެކަމެއް ނުވާނެ. ވިޔަކަވެސް ނުދޭނަން،"
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް

ނަޝީދަށް ރައްދު ދެއްވައި އެމްޑީޕީގެ ޗެއާޕާސަން ދެއްވި އިންޒާރަކީ ސިޔާސީ ނާޅިއަކުން މިނާއިރު ދެގޮތަކަށް މިން ކުރެވޭ އިންޒާރެކެވެ. އެމްޑީޕީގެ ވެރިކަމުގެ ކުރީކޮޅުގައި ފައްޔާޒާއި ރައީސް ނަޝީދާ ދެމެދު 'ކަރާޓީ" ހިނގަމުން ދިޔަ ގޮތާއި ފައްޔާޒަށް އެ ޕާޓީގެ ޗެއާޕާސަންކަން ލިބިވަޑައިގަން މަރުހަލާގައި ހިނގާ ދިޔަ ކަންކަން ޑޮކިއުމަންޓް ކުރެވިފައި އެބަހުއްޓެވެ. ފައްޔާޒުގެ އިތުބާރު ނެތް ކަމަށް ނަގައި މިނިސްޓަރުކަމުން ބޭރުކޮށްލަން ކުރެވުނު މަސައްކަތާއި ޗެއާޕާސަނަކަށް އަޔަ ނުދިނުމަށް ކުރި މަސައްކަތާއި، އެފަހުން ޕާޓީގެ ތެރޭގައި ނަޝީދުގެ ފެކްޝަނެއް އުފެދި ޕާޓީގެ ސެކްރެޓޭރިއޭޓަށް އެއްބާރުލުން ނުދީ 'ފިކުރެއްގެ ދިރުން' އުފެދިގެން ދިޔަގޮތް ފެންނަން އެބައޮތެވެ.

އެ ދިރުމުގައިވެސް ނަޝީދާއެކު ނިކުތީ މަދު މެންބަރުންކޮޅެކެވެ. ޕާޓީ ރޫޅިގެނެއް ނުދިޔައެވެ. އެ ފިކުރުގައި ރަސްމީ ވިލު ނޫކުލަ ޖައްސައި ޕާޓީއެއް ހެދުމުންވެސް ފޫވަކާއެކު މުޅި ގަނޑު ރޫޅިގެން ދާތަނެއް ނުފެނެއެވެ.

ސުލްހަވެރި ސިޔާސީ ހަރަކާތާއި ސިޔާސީ ހަރަކާތް ހިންގުމުގެ ފުރުސަތު އެންމެނަށް ފަހިވެފައި އޮތުމަށް ވަކާލާތު ކުރައްވާ ރައީސް ނަޝީދު އެމްޑީޕީ ރޫޅާލާ ވާހަކަ ވިދާޅުވުމަކީ ޑިމޮކްރަސީގެ ހަމަތަކާ ބީރައްޓެހި ވާހަކަފުޅެއްވެސް މެއެވެ.

'ދަ ޑިމޮކްރެޓްސް' އުފެއްދުމުގައި އިލެކްޝަނުން ކުރިމަތިވި ހުރަސްތަކާ ގުޅިގެން އެދުވަހު މަޖިލީހުގައި ބޭއްވި ޕްރެސްގައި ވެސް ނަޝީދު ވިދާޅުވީ، ޕާޓީ ހެދުމަށް މަސައްކަތް ކުރަނީ މަޖިލީހުގެ 13 މެންބަރުން ކަމަށާއި ސިޔާސީ ޕާޓީއެއް ހަދަން އުޅޭ ފަރާތްތަކަށް ހިތްވަރު ނުދޭތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.

އިތުރަށް ވިދާޅުވީ، ސިޔާސީ ޕާޓީއެއް ހެދުމަށް ހުރަސް އަޅަނީ [ސަރުކާރުން] ފައިދާއެއް ވާނޭ ކަމަށް ކަމަށާއި ނަމަވެސް ސިޔާސީ ޕާޓީއެއް ރަޖިސްޓާ ކުރަން ޑިމޮކްރެޓްސް އިލެކްޝަނަށް ދާންވެސް ނުޖެހޭ ކަމަށެވެ.

"އެއްވެ އުޅުމުގެ މިނިވަންކަން އެބައޮތް، ހިޔާލުފާޅުކުރުމުގެ މިނިވަން އެބައޮތް، ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގުމުގެ މިނިވަންކަން އެބައޮތް" ނަޝީދު ވިދާޅުވިއެވެ.

"ކޮބާ ނުރޫޅިފައި؟ ސުޕާ މެޖޯރެޓީ ރޫޅިއްޖެ. ޕާޓީ ރޫޅިއްޖެ. ހަރުގެ ރޫޅިއްޖެ. އޮފީސް ރޫޅިއްޖެ. ދެން ކޯޗެއް ރޫޅަންވީ؟،"
އެކްޓިވިސްޓެއް

ޑިމޮކްރެޓްސްގެ އެކްޓިވިސްޓުންނާއި އިދިކޮޅު ސިޔާސީ ބައެއް ފަރާތްތަކުން މިވަގުތަށް ބުނަނީ އެމްޑީޕީ ރޫޅިއްޖެ ކަމަށެވެ. އަދި އެއްކޮށް ރޫޅިގެން ދާނީ، އަންނަ ސެޕްޓެމްބަރުގައި އޮންނަ އިންތިހާބުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު "ކަޓާ ހިސާބުން" ކަމަށެވެ. އިދިކޮޅުން ގަބޫލު ކުރާ ގޮތުގައި ރައީސް ސޯލިހަށް އިންތިހާބު ގެއްލިއްޖެއެވެ. ސަޕޯޓެއް ނެތެވެ. ވަޑައިގަންނަވާ ކޮންމެ ރަށަކުން އިވެނީ އިސްތިއުފާގެ އަޑެވެ. ދައްކަވަނީ ހަމެނުޖެހޭ ވާހަކަފުޅެވެ. ވައުދެއް ނުފުއްދެވެއެވެ. އަޅުވަނީ އަނދުނެވެ.

"ނަޝީދު ވިދާޅުވާ ރޫޅުމަކީ އެއީ ކަމަށް ގަބޫލު ކުރާނަމަ ރާއްޖޭގެ އުތުރުން ފެށިގެން ދެކުނަށް އެ ހިންގާ ތަރައްގީގެ ބޭނުމެއް ނެތް ދޯ، ކޮންރަށެއްގައި ކަމެއް ނުހިނގަނީ، ކޮންފަދަ ބޮޑު ހޭދައެއް ހިނގަނީ، މިއިން ޒަމާނެއްގައި ނާންނަހާ ތަރައްގީ ރަށްރަށަށް އަތުވެއްޖެ" އެމްޑީޕީގެ ދާއިރާއެއްގެ ރައީސަކު ބުންޏެވެ.

ވެރިކަން ކުރާ އެމްޑީޕީގެ މެންބަރުންގެ ފިކުރާއި ހިޔާލު އަދި ގަބޫލު ކުރުން ހުރީ އެގޮތަށެވެ. ރަށްރަށުގެ ބަނދަރާއި، މަގުބައްތި އާއި، އޮފީސް އިމާރާތްތަކާއި، ކުޅިވަރު ހޯލްތަކާއި ކޯޓުތައް ހަދާ ހުޅުވަނީއެވެ. އެކި ސިނާއަތަތްތަކަށް ބޭނުންވާ ވަސީލަތްތައް ގާއިމުކޮށް ނިމެނީއެވެ. އުމްރާނީ ތަރައްގީ އަކީ ފަރުދުންގެ ތަރައްގީ ކަމަށް އެމީހުން ގަބޫލުކުރެއެވެ. އެހެން ކަމުން އެމްޑީޕީގެ މެންބަރުން ތިބީ ގަދަކޮށް ރައީސް ސޯލިހު ހޮވަން ކަމަށް ވެސް ބުނެއެވެ.