ރާއްޖެއިން ބޭރުގައި ދިރިއުޅޭ ރައްޔިތުން ވޯޓުލާން ރަޖިސްޓަރީވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އީސީ އިން ކުރި އިއުލާނުގައި ވަނީ ރާއްޖެއިން ބޭރުގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން ވޯޓުލާން ރަޖިސްޓަރީވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމުގެ ފުރުސަތު ޖުލައި 16 2023 ވާ އާދިއްތަ ދުވަހުން ފެށިގެން އޮގަސްޓު 5، 2023 ވާ ހޮނިހިރު ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ. މި ގޮތުން :

1- އިންޑިޔާ/ ޓްރިވެންޑްރަމް: ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ ޓްރިވެންޑްރަމްގައި ހުންނަ ރާއްޖޭގެ ކޮންސުލޭޓު ޖެނެރަލް އޮފީސް

2- އިންޑިޔާ/ ނިއުދިއްލީ: ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ ދިއްލީގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަން

3- ސްރީލަންކާ/ ކޮލޮމްބޯ: ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ ކޮލަންބޯގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަން

4- މެލޭޝިއާ/ ކުއަލަލަމްޕޫރް: ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ ކުއަލަލަމްޕޫރުގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަން

5- އިނގިރޭސިވިލާތް/ ލަންޑަން: ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ ލަންޑަންގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަން

6- ސިންގަޕޫރު: ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ ސިންގަޕޫރުގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަން

7- ތައިލެންޑް/ ބެންކޮކް: ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ ތައިލޭންޑް ގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ

8- ޖަޕާން/ޓޯކިއޯ: ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ ޓޯކިއޯގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ

9- އެކުވެރި އަރަބި އިމާރާތް / އަބޫ ދާބީ: ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ އެކުވެރި އަރަބި އިމާރާތުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ

ރާއްޖެއިން ބޭރުގައި ފޯމުތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ހޯމަ ދުވަހުން ފެށިގެން ހުކުރު ދުވަހަށް 10:00 އިން 15:00 އަށެވެ. އީސީ އިން ބުނީ ރަޖިސްޓަރީ ވުމަށް އެދި ހުށަހަޅާނީ "ރަށްވެހިވެފައިވާ ރަށްނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް އެދޭ ފޯމު" އިންކަމަށެވެ. ފޯމު ހުށަހަޅާއިރު، ފޯމު ހުށަހަޅަން އަންނަ މީހާ، އެމީހާގެ ވޯޓުލުމަށް ބޭނުންކުރެވޭ ކާކުކަން އަންގައިދޭ، ފޮޓޯޖެހި ރަސްމީ ލިޔުމެއްގެ އަސްލު ހުށަހަޅަންވާނެކަމަށް އީސީ އިން ވަނީ ބުނެފައެވެ.

މީގެ އިތުރުން އީސީ އިން ބުނީ ފޯމު ބަލައިގަނެވޭނީ ފޯމު ހިފައިގެން އަންނަ މީހާ އެފޯމަށް ޒިންމާވާ ގޮތަށް ކަމަށާ އީމެއިލް އިން ސީދާ އިލެކްޝަންސް ކޮމިޝަނަށް ފޮނުވާ ފޯމު ބަލައިނުގަނެވޭނެކަމަށެވެ. ރާއްޖެއިން ބޭރުގައި ފޯމު ދޫކުރުން ހަމަޖެހިފައިވަނީ ރާޖެއިން ބޭރު ގައުމުތަކުގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލޭޓް އޮފިސްތަކުންނާ ދިވެހިރާއްޖޭގެ ހައިކޮމިޝަންތަކުން އަދި ދިވެހިރާއްޖޭގެ އެމްބަސީ ތަކުންނެވެ.