ފިލްމެއް ބެލުމަށް ނެޓްފްލިކްސް ހުޅުވާލީ ނުނިދިގެންނެވެ. ނެޓްފްލިކްސް ހާވަމުން ދަނިކޮށް ފެނުނީ ރާއްޖޭގެ އެންމެ ގިނަ މީހުން ބަލާފައިވާ ފިލްމުތަކުގެ ލިސްޓެވެ. ގަދަ 10 އެއްގައި އެއްވަނަ އަށް އޮތް ފިލްމު "ދައައުޓްލޯސް" ބެލުމަށް ޝައުގުވެރިކަން އުފެދުނެވެ. އެޑަމް ލެވިން އުޅޭ ފިލްމެއްކަން އެނގުމުން އިތުރު އެއްވެސް ވިސްނުމަކާ ނުލައި ފިލްމު ބަލަން ފެށީމެވެ.

  • ތަރިން

ނީނާ ޑޮބްރޭވް (ޕާކާ)، އެލެން ޕާކިން (ލިލީ)، އެޑަމް ޑެވިން (އޮވެން)، ޕިއާސް ބްރޮސްނާން (ބިލީ)، ލޯރެން (ފީބީ ކިންގް) އަދި ޕޫމާ (ރެހާން) އެވެ.

  • މައިގަނޑު ވާހަކަ (ސްޕޮއިލާ ނުލާ)

ފިލްމު ފެށިގެންދަނީ އޮވެން އާއި ޕާކާގެ ކައިވެންޏަށް ހަފްތާ އެއްހާ ދުވަސް އޮންނަ ހިސާބުންނެވެ. ފިލްމުގައި ޕާކާ އަކީ ޔޯގާ އިންސްޓްރަކްޓަރެކެވެ. އަދި އޮވެން އަކީ ބޭންކު މެނޭޖަރެވެ. ޕާކާ އާއި ކައިވެނިކުރަން އުޅޭތީ އޮވެން، ޕާކާގެ މައިންބަފައިންނާ ބައްދަލުކުރެއެވެ. ޕާކާގެ މައިންބަފައިންނަކީ ވަރަށް ވަރުގަދަ ޝަހުސިއްޔަތެއް ހުންނަ ބައެކެވެ. އެއް ސިކުންތުގައި ހީހީފައި އުޅުނަސް އަނެއް ސިކުންތުގައި ރުޅިއައިސްގެން އެއްޗެހި ކިޔާލަފާނެއެވެ. އެގޮތަށް ޕާކާ، އޮވެން ގާތު ބަލައިގެން އުޅުމަށް ނަސޭހަތްތެރި ވެއެވެ. އޮވެން އާއި ޕާކާގެ އާއިލާ އާ އޮންނަ ގުޅުން ބަދަހިކުރުމަށް އެ ތިން މީހުން ރެސްޓޯރަންޓަކަށް ދެއެވެ. އަދި އެތަނުން އޮވެން މަސްތުގެ ހާލުގައި ހުރެގެން އޮފީހުގެ ވަރަށް ޕްރައިވެޓް ކަންކަން އެއާއިލާ އަށް ހިއްސާކުރެއެވެ. އޭގެ އަނެއްދުވަހު އޮވެން އޮފީހަށް ދިޔަތަނާ އޮފީހަށް ދެމީހަކު ވަދެގަނެއެވެ. ބެންކް ރޮބަރީއެކެވެ. އަންހެނަކާއި ފިރިހެނެކެވެ. އޮވެން އަކީ ދިރިއުޅުމުގައި ވަރަށް ފިނޑިކޮށް އުޅޭ މީހަކަށް ވުމުން އެވަގުތު އޭނާ ބިރުންގޮސް ފިލިއެވެ. ނަމަވެސް އޮވެން އަށް ވަގުންގެ ތެރެއިން އެކަކުގެ ގައިން ދަންނަ ވަހެއް ދުވިއެވެ. ކަމަކުދާކަށް ނެތެވެ. ޕާކާގެ ބައްޕަ ޖަހާ ސެންޓުގެ ވަހެވެ. އޮވެން އަށް ޔަގީންވީ ބޭންކު ފަޅާލީ ޕާކާގެ މައިންބަފައިން ކަމަށެވެ.

ޕާކާ ގާތު އޮވެން އެ ވާހަކަ ބުނެއެވެ. ނަމަވެސް އެކަން ޕާކާ ގަބޫލެއް ނުކުރެއެވެ. އޮވެން އާއި ޕާކާ އާއި ބިލީ އަދި ލިލީ ދެން ދަނީ ކޭކު ފިހާރަކައަށެވެ. އެއީ ދެމީހުން ކައިވެނި ހަފްލާގައި ބޭނުންކުރާ ކޭކެއް ޗޫޒް ކުރުމަށެވެ. އެތަނުން ބަޔަކު އައިސް ޕާކާ ކިޑްނެޕް ކުރެއެވެ. ޕާކާ އަށް އެހިސާބުން އޮވެން މަސައްކަތްކުރާ ބޭންކު ފަޅާލީ އޭނާގެ މައިންބަފައިންކަން އެނގެއެވެ. ޕާކާ ކިޑްނެޕް ކުރީ ރެހާން އެވެ. ރެހާން އަކީ ބިލީ އާއި ލިލީގެ ކްރައިމް ޕާޓްނަރެކެވެ. އޭނާއަށް ދޭންޖެހޭ ފައިސާތަކެއް ނުދިނުމުގެ ސަބަބުން ޕާކާ ހައްޔަރު ކުރީއެވެ. އޮވެން ވަގުތުން ރުޅިއާދެއެވެ. އަދި ޕާކާ ސަލާމަތްކުރުމަށް ޕާކާގެ މައިންބަފައިންނާއެކު އެހެން ބޭންކެއް ފަޅަން ޕްލޭންކުރެއެވެ. ލޯބިވެރިޔާގެ ހައްގުގައެވެ. ޕާކާ ސަލާމަތްވާން އޮތް ހަމައެކަނި މަގަކީ ރެހާން އަށް ފަސް މިލިއަން ޑޮލަރު ދިނުމެވެ. ފުރަތަމަ ބޭންކު ފަޅާލަން ގޮސް އުޅުމުގެ ތެރޭގައި އެމީހުން ބެދި އެކަން ކާމިޔާބު ވާ ގޮތެއް ނުވެއެވެ. އަނެއްކާވެސް އެހެން މީހެއްގެ ބޭންކެއް ފަޅާލަން އޮވެން ރާވައެވެ. މި ފަހަރު ފީބީގެ ބޭންކެވެ.

ދެން ފިލްމުގައި ވާނެ ގޮތް ބަލާނީ ބެލުންތެރިންނެވެ. ހެއްވާ މަޖާ ކަންތައްތަކެއް ފެނިގެންދާ މި ފިލްމަކީ ވަރުގަދަ ޓްވިސްޓްތަކެއް ފެނިގެންދާ ފިލްމެކެވެ. އެޑަމް އުޅޭ ގޮތުން ބައެއްފަހަރު ހީހީ ހަލާކުވާވަރުވެއެވެ. މި ފިލްމުގެ ހީރޯ އަކީ އެޑަމްއެވެ.