ހެލީނާ ރެއިން ޑައިރެކްޓްކޮށް ނެޓްފްލިކްސްގައި ސްޓްރީމް ކޮށްފައިވާ "ބޮޑީސް ބޮޑީސް ބޮޑީސް" މި ފިލްމު ފެށިގެން ދިޔައީ އެހެން ބިރުވެރި ފިލްމުތަކާ ހިލާފަށް ވަރަށް ތަފާތުގޮތަކަށެވެ. ފިލްމު ފެށިއިރު އެންމެ ފުރަތަމަ މި ފިލްމަކީ ތްރިލާ/ހޮރޯ އެއްކަމާމެދު ޝައްކުވެގެން ގޫގްލްގައި ދެފަހަރަށް ސާޗްވެސް ކޮށްލީމެވެ. ހަމަ ތްރިލާ/ހޮރޯއެކެވެ.

  • ތަރިން

އަމަންޑްލާ ސްޓޭންބާގް (ސޯފީ)، ރޭޗަލް ސެނޮޓް (އެލިސް)، ޕީޓް ޑޭވިޑްސަން (ޑޭވިޑް)، ޗޭސް ސުއީ ވޮންޑާސް (އެމާ)، މާރިއާ ބަކްލޮވާ (ބީ)، ލީ ޕޭސް (ގްރެގް) އަދި މައިހާލާ ހެރޮލްޑް (ޖޯޑަން) އެވެ.

  • މައިގަނޑު ވާހަކަ (ސްޕޮއިލާ ނުލާ)

ފިލްމު ފެށިގެންދަނީ ބީ އާއި ސޯފީ އޭނާގެ އެންމެ ގާތްއެކުވެރިޔާ ޑޭވިޑްގެ ގެއަށް ދާ ހިސާބުންނެވެ. އޭރު އެގޭ ތެރޭގައި އެމާ، ޑޭވިޑް، އެލިސް އަދި ގްރެގް ވެސް އުޅުނެވެ. އަބަދުވެސް އެއްކޮށް އުޅޭ މިއެކުވެރިން ޑޭވިޑް މެންގެ ގެއަށް ދިޔައީ މަޖާ ކޮށްލާ ސަކަރާތް ޖަހާލުމަށެވެ. އިރުކޮޅެއްނުވެ ވަރަށް ވައިގަދަކޮށްލުމަށްފަހު ވާރޭ ވެހެން ފެށިއެވެ. ހީވީ ތޫފާނެއް އައި ހެންނެވެ. އެންމެ އަވަސްވެގަތީ ގެއަށް ވަނުމަށެވެ. ގެއަށް ވަނުމަށްފަހު ހުރިހާ އެންމެން މަޝްވަރާ ކުރުމަށްފަހު "ބޮޑީސް ބޮޑީސް ބޮޑީސް" ކިޔާ ގޭމެއް ކުޅެން އެއްބަސްވިއެވެ. ގޭމުގެ ކުރު ތައާރަފެއް ދޭނަމެވެ. ވެއާވުލްފް ގޭމް އޭ ބުނެއްޖެނަމަ ގިނަ ބަޔަކަށް އެނގިގެންދާނެއެވެ. ވެއާވުލްފް ގޭމާއި ދާދި އެއްގޮތަކަށް ގުޅޭ މި ގޭމުގައި ވެސް ކޮންމެވެސް އެއް މީހަކު މަރާ މީހެއް އުޅޭނެއެވެ. އެންމެ ފިލުމަށްފަހު މީހާ މަރާ މީހާ އައިސް އެހެން މީހެއްގެ ގައިގައި އަތްލުމުން އެމީހާ ޖެހޭނީ މަރުވެފައި އޮންނާށެވެ. އޭގެ ފަހުން އެންމެ އެކުވެ މީހާ މަރާ މީހަކީ ކާކުކަން ދެނެގަނެ ވޯޓްކުރަންޖެހެއެވެ.

ފިލްމުގައި ވޯޓްކުރަންޖެހޭ ހިސާބުން އެންމެން އެންމެންނާ ޒުވާބު ކުރަންޖެހުމުން ގްރެގް ފޫހިވެގެން ނިދަން ދިޔައެވެ. އޭގެ ފަހުން ހުރިހާ އަންހެނުންވެސް އެއްބަސްވީ ޑޭވިޑަށް ވޯޓު ދިނުމަށެވެ. އެކަމާ ޑޭވިޑް ރުޅިއައިސްގެން ފެންޑާއިން ބޭރުވިއެވެ. ބާކީ ކުޅެން ތިބީ ފަސް އަންހެން ކުދިންނެވެ. ދެވަނަ ރައުންޑް ފެށިގެން ކުޅުން ކުރިއަށް ދަނިކޮށް ބީ އަށް ފެންނަނީ ޑޭވިޑް މަރުވާ މަންޒަރެވެ. އޭރު އޭނާގެ ކަރުން ލޭ ފައިބަފައިބާ ހުއްޓެވެ. ބީ، ޑޭވިޑް ގާތު ހުއްޓާ އެތަނަށް ސޯފީ އައެވެ. ދެން އެހެން އެންމެން ވެސް އާދެއެވެ. ޑޭވިޑް މަރާލީ ކާކުކަން ހޯދުމަށް އެންމެން ޝައުގުވެރިވިއެވެ. ތޫފާނުގެ ސަބަބުން ފޯނަށް ސާވިސް ނުލިބުނުއިރު އެހީއަށް އެދި ގޮވާނެ މީހެއްވެސް އެހިސާބުގައި ނެތެވެ.

ހުރިހާ އެންމެން އެއްބަސް ކިޔައިގެން ޑޭވިޑް މަރާލީ ގްރެގް ކަމަށ ބުނެއެވެ. އެއީ އެތަނުގައި އެވަގުތު ގްރެގް ނެތީމައެވެ. ގްރެގް ދިފާއުކުރުމަށް އޭނާގެ ލޯބިވެރިޔާ އެލިސް ވަރަށް ދިފާއުކުރިއެވެ. ނަމަވެސް ދެން ތިބި އެކަކުވެސް އެލިސްގެ ވާހަކަތަކެއް އަޑެއް ނާހައެވެ. ގްރެގް ހޯދަން އޭނާ ކޮޓަރިއަށް ދިޔައިރު އޭނާ ކޮޓަރިއަކު ނެތެވެ. އެހިސާބުން ފިލްމު ބަލަން އިންނަ މީހާއަށްވެސް ހީވީ ޑޭވިޑް މަރާލީ ހަމަ ގްރެގް ކަމަށެވެ. ގްރެގް ހޯދަމުން ދަނިކޮށް އޭނާ ފެނުނީ ހުސް ކޮޓަރިގަނޑެއްގައި ހެޑްސެޓް ޖަހައިގެން ލަވަ އަޑުއަހަން އޮތް މަންޒަރެވެ. ހުރިހާ އަންހެން ކުދިން ތިބީ އޭރު ބިރުންގޮސް ހަތިޔާރު ހިފައިގެންނެވެ. އަތުގައި ޖެހުނު އެއްޗެއް ހިފައިގަނެގެން ގްރެގް ގާތަށް ގޮސް އޭނާ ގާތު އެހުމުން އެއްބަހެއް ނުވިއެވެ. ޖޯޑަން، ގްރެގަށް ހަމަލާ ދެއެވެ. އޭގެ ސަބަބުން ގްރެގް ވެސް އެންމެންނަށް ހަމަލާ ދޭން ފަށައެވެ. އެކުވެރިން ސަލާމަތްކުރުމަށްޓަކައި ބީ އައިސް ގްރެގްގެ ބޮލުގައި އެތިފަހަރަކުން ޖަހައެވެ. އެއާއެކު ގްރެގް މަރުވިއެވެ.

ގާތިލަކީ ގްރެގް ކަން ޔަގީންވުމުން އެންމެންވެސް ހަމަނޭވާއެއް ލިއެވެ. އޭގެ 10 މިނެޓު ފަހުން ފެނުނީ އެމާ މަރުވެފައި އޮންނަ މަންޒަރެވެ. އެމާ މަރާލީ ކާކުން ހޯދަން އަނެއްކާވެސް އެންމެން މަސައްކަތްކުރެއެވެ. އެމާ މަރާލީ ބީ ކަމަށް އެންމެން ތުހުމަތުކުރެއެވެ. ސަބަބަކީ ގްރެގް މަރާލީ ބީ ކަމަށްވުމާއެކުގައެވެ. ގާތިލް ހޯދަން މަސައްކަތްކުރަމުން ދަނިކޮށް އަނެއްކާވެސް އެހެން ދެ މީހަކު މަރުވެއެވެ. މިފަހަރު މަރުވި ދެމީހުންނަކީ ކާކުކަމެއް ނުބުނާނަމަވެ. އެގެއިން ސަލާމަތްވީ ކޮންބައެއްކަމާއި ޑޭވިޑް މަރުވި ގޮތެއް ވެސް ނުބުނާނަމަވެ. މި ހުރިހާ ސުވާލުތަކެއްގެ ޖަވާބު ހޯދުމަށް މި ފިލްމު ބަލައިލާށެވެ. ނެޓްފްލިކްސް އިން ބަލާލެވޭ މި ފިލްމަކީ މި ޗުއްޓީ ތެރޭގައި ޕޮޕްކޯން ހިފައިގެން ރަހުމަތްތެރިންނާއެކު ބަލައިލަން ރަނގަޅު ފިލްމެކެވެ.