ބޮލީވުޑްގައި މިވަގުތު އެންމެ އަގުބޮޑު ތަރިންގެ ތެރޭގައި ހިމެނޭ ދީޕިކާ ޕަޑުކޯން އާއި ރަންވީރު ސިންހް އަކީ ސްކްރީން ކުރިމަތީގެ އިތުރުން ސްކްރީނުން ފަހަތުގެ ވެސް ޖޯޑެވެ. ދެމީހުންގެ ކައިވެންޏަށް މިއަހަރު ފަސް އަހަރުވެގެންދާއިރު ދީޕިކާ އާއި ރަންވީރު އަކީ އޮން ސްކްރީން ކެމިސްޓްރީ ވަރަށް ވަރުގަދަ ދެ އެކްޓަރުންނެވެ. ސަންޖޭ ލީލާ ބަންސާލީ 2013 ވަނަ އަހަރު ގެނެސްދިން ފިލްމު "ރާމް ލީލާ" އިން ދެމީހުން ދިމާވިއިރު، ދީޕިކާގެ ވަރުގަދަ ލޯބީގެ ހިސްޓްރީ އެއް އޮތެވެ. ކުޅަދާނަ އެކްޓަރު ރަންބީރު ކަޕޫރު އާއެކު އުޅުމަށްފަހު ދެމީހުން 2009 ވަނަ އަހަރު ވަކިވިއެވެ. ރަންބީރުގެ އާއިލާ އިން ވެސް ދީޕިކާ ދެކެ އެހާ ލޯބިވިއިރު މިދެތަރިންގެ ގުޅުން ނިމިގެން ދިޔައީ ވަރަށްވެސް ހިތްދަތިކޮށެވެ. ރަންބީރު، ދީޕިކާ އަށް ދޯކާ ދިނުމުގެ ސަބަބުން ދީޕިކާ ޑިޕްރެޝަންގެ ޝިކާރައަކަށް ވެގެން ދިޔައެވެ. އެކަމުން ސަލާމަތްވަމުން އައި ދަނޑިވަޅުގައި ދީޕިކާ އާއި ރަންވީރު ދިމާވުމަކީ ދީޕިކާގެ ނަސީބެކެވެ.
2012 ވަނަ އަހަރު ފިލްމުގެ ސެޓުން ރަންވީރު އާއި ދީޕިކާ ދިމާވިއިރު ދެމީހުން ވަގުތުން ލޯބީގެ ގޮތުން ގުޅުނެވެ. ދެމީހުން އެކުގައި ފެނިގެންދިޔަ ފިލްމު ރާމް ލީލާ އަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބިގެންދިޔައިރު ފޭނުން ބޭނުންވީ ދެތަރިން އަނެއްކާވެސް ފިލްމެއް ކުޅޭށެވެ. ފޭނުންގެ އެ ހުވަފެން ހަގީގަތަކަށް ހަދައިދިނީ އަނެއްކާވެސް ސަންޖޭ ލީލާ ބަންސާލީ އެވެ. އޭގެ ފަހުން 2015 ވަނަ އަހަރު "ބާޖިރާއޯ މަސްތާނީ" އިން ދެމީހުން ފެނިގެންދިޔައެވެ. ރަންވީރު ވަނީ ސްޓޭޖްމަތީގައި އެތައްފަހަރެއްގެ މަތިން ސަންޖޭ އަށް ޝުކުރުއަދާކޮށްފައެވެ. ހަޔާތުގެ ބައިވެރިޔާ ދީޕިކާ އާއި ދިމާވީ ބަންސާލީ ގެ ސަބަބުން ކަމަށް ރަންވީރު ބުންޏެވެ. އޭގެ ފަހުން ދެމީހުންގެ އެކުގައި "ޕަދްމާވަތް" ކުޅުނެވެ. 2018 ވަނަ އަހަރު ދެމީހުން ކައިވެނި ކުރުމުގެ ކުރިން މި ފިލްމު ރިލީޒްކުރި އިރު މި ފިލްމުގައި ދީޕިކާ އުޅެނީ ޝާހިދު ކަޕޫރާއި ކައިވެނި ކޮށްގެންނެވެ. ރަންވީރު ކުޅުނީ ވިލަން އެއްގެ ރޯލެވެ. މި ފިލްމުގައި ދީޕިކާ އާއި ރަންވީރުގެ ކެރެކްޓާ ވަރަށް ފުރިހަމައަށް ކުޅެދީފައިވާއިރު ދެމީހުން "ކަޕްލް" އެއްގެ ގޮތުގައި ފިލްމުން ނުފެނުނަމަވެސް މި ފިލްމުވެގެންދިޔައީ ބެލުންތެރިންނަށް ކަމުދިޔަ ފިލްމަކަށެވެ. ކްރިޓީކުންގެ މަސްހުނި ހިޔާލުތަކެއް މި ފިލްމަށް ލިބުނު ނަމަވެސް ފިލްމު ވަނީ ބޮކްސްއޮފީހުގައި ގަދައަށް ވިދާލާފައެވެ.
އޭގެ ފަހުން 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހު ދެމީހުން ކައިވެނިކުރިއެވެ. އަބަދުވެސް ވަރަށް ލޯބިން އުޅޭ ދީޕިކާ އާއި ރަންވީރު ކައިވެނި ހަފްލާ ވަރަށް ކުލަގަދަކޮށް ބޭއްވިއެވެ. ކައިވެންޏަށްފަހު ދެމީހުން އެކުގައި ކުޅުނު ފިލްމަކީ "83" އެވެ. މި ފިލްމަކީ ރަންވީރު މަޝްހޫރު ކްރިކެޓް ކުޅުންތެރިއެއްގެ ރޯލު ކުޅުނު ފިލްމެކެވެ. މި ފިލްމު ނެޓްފްލިކްސް އިން މިހާރު ފެނިގެންދާނެއެވެ. ކައިވެންޏަށް މިއަހަރު ފަސް އަހަރުވެގެންދިޔައިރު ދެމީހުންނަށް އަދި ކުއްޖަކު ލިބިފައެއްނުވެއެވެ. ދެމީހުންވެސް ބުނީ މިވަގުތު ބޭނުންވަނީ ކެރިއަރަށް ފޯކަސް ކުރަން ކަމަށާއި ކުއްޖަކު ހޯދުމާއި މެދު ނުވިސްނާ ކަމަށެވެ.
އަބަދުވެސް ސޯޝަލް މީޑިއާގައި ވެސް ދެމީހުން އެކަކު އަނެކަކުގެ ފޮޓޯތައް ހިއްސާކުރަމުން ގޮސް މިދޭތެރެއިން އެކަން ކުއްލިއަކަށް ހުއްޓުނެވެ. އަދި ދެމީހުން އެކުގައި އިވެންޓުތަކުން ފެނުން މަދުކުރިއެވެ. މީޑިއާތަކުން ރަންވީރު އާއި ދީޕިކާގެ ގުޅުން ހީނަރުވެ ވަރިވާން އުޅޭކަމަށް ރިޕޯޓްކުރުމުން ފޭނުންގެ ހިތް ކުދިކުދި ވިއެވެ. ނަމަވެސް އެ ހުރިހާ ވާހަކަ އެއް ދޮގުކުރަމުން ދީޕިކާ ބުނީ ބަޔަކު ކޮންމެ ވާހަކައެއްވެސް ދައްކަފާނެ ކަމަށާއި އެއީ އެއްވެސް އަސްލެއް ނެތް ވާހަކަތަކެއް ކަމަށެވެ. ދާދިފަހުން ރަންވީރުގެ އުފަންދުވަސް ފާހަގަކުރުމަށްފަހު އޭނާއަށް ވިޝްކުރި އެންމެންނަށް ޝުކުރު އަދާކުރަމުން ރަންވީރު ވަނީ ދީޕިކާ އާއެކު ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމް ސްޓޯރީއަށް ލާފައެވެ. އެ ފޮޓޯއާއެކު ނޫސްވެރިންގެ އަނގަތައް ބަންދުވެގެން ދިޔައެވެ. ފިލްމީ ދާއިރާގައި މިވަރުގެ ކެމިސްޓްރީ ދިމާވާ ބަޔަކު މަދުކަމަށް ގިނަ ބަޔަކު ދެކޭއިރު ހަގީގީ ދިރިއުޅުމުގައިވެސް މިދެމީހުންނަކީ ލޯބީގެ މިސާލެކެވެ. ދީޕިކާ އަށް ރަންބީރު ނުލިބުނު ނަމަވެސް ރަންވީރު އަކީ ދީޕިކާ އާއި އެންމެ އެކަށީގެންވާ މީހާއެވެ.