ބޭންކް ކާޑު ބޭނުން ކޮށްގެން ދިވެހި ރުފިޔާ އެކައުންޓުތަކުން ކުރެވޭ ޑޮލަރުގެ މުއާމަލާތްތައް އިތުރުކުރުމަށް ގޮވާލައި ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފިއެވެ.
ކޮވިޑް 19 އާ ގުޅިގެން ދިމާވި މާލީ ދަތިތަކުގެ ސަބަބުން ދިވެހި ރުފިޔާ އެކައުންޓުތަކުގެ ކާޑުތަކުން ބޭރުގެ މުއާމަލާތް ކުރުމުގައި ލިމިޓު ކުރުމަށް ފަހު މިހާތަނަށް އެ އުސޫލު އުވައެއް ނުލައެވެ.
ދިވެހި ރުފިޔާ ކްރެޑިޓް ކާޑުން މަހެއްގެ މައްޗަށް މުއާމަލާތް ކުރެވެނީ 750 ޑޮލަރު ކަމަށް ވާއިރު ދިވެހި ރުފިޔާ ޑެބިޓު ކާޑުތަކުން ބޭރުގައި ނެގޭނީ އަދި މުއާމަލާތް ކުރެވޭނީ މަހެއްގެ މައްޗަށް 250 ޑޮލަރާ ހަމައަށެވެ. އެހެންވެ އެ ލިމިޓު އުވާލަން ގޮވާލާ ޕެޓިޝަނެއްގައި އިއްޔެއިން ފެށިގެން ސޮއިކުރަން ވަނީ ފަށާފައެވެ.
އޮންލައިންކޮށް ހިންގަމުންދާ އެ ޕެޓިޝަނުގައި މިހާތަނަށް 500 އަށް ވުރެ ގިނަ މީހުން ވަނީ ސޮއިކޮށްފައެވެ.
އެ ޕެޓިޝަނުގައި ބުނެފައި ވަނީ ރާއްޖޭގައި މަސައްކަތް ކުރާ ގިނަ މީހުންނަށް އާމްދަނީ ލިބެނީ ދިވެހި ރުފިޔާއިން ކަމަށާއި އިންސްޓަގްރާމުގައި ހިންގާ ގިނަ ވިޔަފާރިތަކަކީ އޮންލައިންކޮށް ރާއްޖޭން ބޭރުން މުދާ ގަނެގެން ވިއްކާ މީހުންނަށްވާއިރު ކާޑު ލިމިޓު އޮތުމުން ޑޮލަރުން މުއާމަލާތް ހިންގަން ދަތިވާ ކަމަށެވެ.
މީގެ އިތުރުން ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަނެގެން ވިޔަފާރި ކުރަން ދަތިވާ ކަމަށާއި މިއީ ސަރުކާރުން ވެސް ބޭނުންވާނެ ގޮތެއް ނޫން ކަމަށް އެ ޕެޓިޝަނުގައި ވަނީ ބުނެފައެވެ.
އެ ޕެޓިޝަނުގައި ވަނީ ކޮވިޑުގެ ކުރިން ޑެބިޓު ކާޑުގެ ޑޮލަރު ލިމިޓް ހުރި އަދަދަށް އަލުން ލިމިޓް ބޮޑުކޮށްދިނުމަށް ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކަށާއި އެމްއެމްއޭއަށާއި ބޭންކުތަކަށް ގޮވާލާފައެވެ.