ބޮލީވުޑްގައި މިވަގުތު އެންމެ ޑިމާންޑް ބޮޑު ތަރިންގެ ތެރޭގައި ވަރުން ދަވަން އާއި އާލިއާ ބަޓް ހިމެނެއެވެ. މިދެތަރިންނަކީ އެދެމީހުން ކުޅުނު ފުރަތަމަ ފިލްމުން ފެށިގެން މަޑުމަޑުން މަޝްހޫރުވަމުން އައިސް މިހާރު ބޮލީވުޑްގެ އެންމެ ޕީކަށް ގޮސްފައިވާ ދެތަރިންނެވެ. 2012 ވަނަ އަހަރު ކަރަން ޖޯހަރު ގެނެސްދިން ފިލްމު "ސްޓޫޑަންޓް އޮފް ދަ އިޔާ" އިން ބޮލީވުޑަށް ތައާރަފްވި ވަރުން އާއި އާލިއާ ކުޅުނު ފުރަތަމަ ފިލްމަކީ ވެސް ދެތަރިން އެކުގައި ފެނިގެން ދިޔަ ފިލްމެކެވެ. އެ ފިލްމަށް އާންމުންގެ ސަމާލުކަން ލިބުނުއިރު މިއަދުވެސް ޒުވާނުން މި ފިލްމު ބަލައި، މި ފިލްމުގެ ލަވަތައް ޖަހައެވެ.
ފިލްމުގެ ސެޓުން ދެމީހުން ގުޅުން ބަދަހިވެ އެކުވެރިކަން ވަރަށް ބަދަހިވިއެވެ. އަދި ބޮލީވުޑްގައި ވެސް ދެމީހުންގެ އަމިއްލަ ދިރިއުޅުމުގައިވެސް އެންމެ ގާތް ދެ ރަހުމަތްތެރިންނަށް ވިއެވެ. ގިނަ މީހުން އާލިއާ އާއި ވަރުން ސިފަކުރަނީ ކާޖޮލް އާއި ޝާހްރުކްގެ ޒުވާން ބެޗުގެ ގޮތުގައެވެ. "ސްޓޫޑަންޓް އޮފް ދަ އިޔާ" އިން ވަރުން އާއި އާލިއާގެ ފެނިލުން ގިނަ ބަޔަކަށް ކަމުދިޔައެވެ. ދެމީހުންގެ ކެމިސްޓްރީ ވަރުގަދަ ކަމުން ދެމީހުން އެކުގައި ފިލްމުތަކުން ފެންނަން ބެލުންތެރިން ބޭނުންވިއެވެ. އޭގެ ނަތީޖާ އަކަށްވީ އެ ފިލްމުގެ ފަހުންވެސް ދެތަރިން އެކުގައި ތިން ފިލްމެއް ކުޅުމެވެ. އެއީ "ހަމްޓީ ޝަރްމާ ކީ ދުލްހަނިޔާ"، "ބަދްރިނާތް ކި ދުލްހަނިޔާ" އަދި ކަލަންކް އެވެ. މި ތިން ވެސް ހިޓަކަށް ވެގެން ދިޔައިރު 2019 ވަނަ އަހަރު ރިލީޒްކުރި "ކަލަންކް" އަކީ ދެމީހުން އެކުގައި ކުޅުނު އެންމެ ފަހު ފިލްމެވެ. އެ ފިލްމަށްފަހު ދެތަރިންވެސް އެހެން ތަރިންނާއެކު މަސައްކަތް ކުރަން ބޭނުންވުމުން އެކި ތަރިންނާއެކު މަސައްކަތްކުރަން ފެށިއެވެ.
ފިލްމީ މަސައްކަތުގައި ކިތަންމެ ބުރަކޮށް އުޅުނު ނަމަވެސް ދެމީހުން އެކަކު އަނެކަކާ އެއްކޮށް ވަގުތު ހޭދަކޮށް ހިޔާލު ބަދަލުކުރާއިރު ވަރުން ބުނަނީ އާލިއާ އަކީ އޭނާގެ ހަޔާތަށް އައި މަލެއް ކަމަށެވެ. އަދި އާލިއާ އަކީ ދިރިއުޅުގައި ދިމާވާ ކޮންމެ ކަމެއްގައިވެސް އެންމެ ގާތުގައި ހުންނަ އެކުވެރިޔާ ކަމަށްވެސް އެކްޓަރު ވަނީ ބުނެފައެވެ. ބަތަލާ އާލިއާ ބުނީ ވަރުން އަކީ ވަރަށް މަޖާ މީހެއް ކަމަށާއި އޭނާގެ ކުރިމަތީގައި ހުރުމުން ވެސް ހިތް އުފާވާ ކަމަށެވެ. ދެރަވެއްޖެނަމަ ހެއްވާލާނެ ކަމަށާއި ދިރިއުޅުމުގައި މުހިއްމު މީހުންގެ ލިސްޓުތެރޭގައި ވަރުން ހިމެނޭ ކަމަށް އާލިއާ ވަނީ ބުނެފައެވެ.
މިއަދު ދެމީހުން ވެސް އެހެން މީހުންނާއެކު އަމިއްލަ ދިރިއުޅުމެއް ފަށައިގެން އުޅޭއިރު އާލިއާ އަށް ވަނީ އޭނާގެ ކައިވެންޏަށް އަންހެން ކުއްޖަކު ވެސް ލިބިފައެވެ. އާލިއާ މިހާރު މަސައްކަތް ކުރަމުން އަންނަނީ އޭނާގެ ކުރިއަށް އޮތް ފިލްމު "ރޮކީ އޯރް ރާނީ ކީ ކަހާނީ" ގެ ޕްރޮމޯޝަން މަސައްކަތުގައެވެ. ރަންވީރު ސިންހް އާއެކު އާލިއާ ފެނިގެންދާ މި ފިލްމު ރިލީޒް ކުރާނީ މި މަހުގެ 28 ވަނަ ދުވަހުއެވެ. އެކްޓަރު ވަރުން މިވަގުތު މަސައްކަތް ކުރަނީ "ބަވާލް" ކިޔާ ފިލްމެއްގެ ޕްރޮމޯޝަން މަސައްކަތުގައެވެ. ޖާންވީ ކަޕޫރާއެކު ވަރުން ފެނިގެންދާ މި ފިލްމު އެމެޒޮން ޕްރައިމް ވީޑިއޯގައި މިމަހު 21 ވަނަ ދުވަހު ރިލީޒް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ބޮލީވުޑްގެ އޮން ސްކްރީން ޖޯޑުގެ ގޮތުގައި އާލިއާ އާއި ވަރުން ފާހަގަ ކޮށްލެވޭއިރު ފޭނުން އިންތިޒާރު ކުރަމުން އަންނަނީ އަނެއްކާވެސް މިދެތަރިން އެކުގައި ސްކްރީނުން ފެނިގެންދާނެ ދުވަހަކަށެވެ.