ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފުރަވަޑައިގަތުމަށް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބަށް ހުއްދަދީފައިވަނީ ރާއްޖެއިން ނުހެދޭ ޓެސްޓުތަކެއް ހަދަން ކަމަށް ކަރެކްޝަނަލް ސާވިސްއިން ބުނެފިއެވެ.

ކަރެކްޝަންސްއިން ބުނީ އަދީބު ރާއްޖޭގައި ހެދެން ނެތް ޓެސްޓްތަކެއް ހެދުމަށް ރާއްޖޭން ބޭރަށް ފުރުމުގެ ހުއްދަ މެޑިކަލް ބޯޑުގެ ލަފައާއެކު ދީފައިވާނެ ކަމަށާއި ރާއްޖެއިން ބޭރުގައި ހުންނަ މުއްދަތުގައި ކަރެކްޝަންސްއިންނާއި ދިވެހި ފުލުހުން ގުޅިގެން މޮނިޓާ ކުރަމުން ގެންދާނެ ކަމަށެވެ.

އެނގިފައިވާ ގޮތުގައި އަދީބު ބޭސްފަރުވާއަށް ފުރުމަށް ހަމަޖެހިފައި ވަނީ ސިންގަޕޫރަށެވެ. ދާދިފަހުން އަދީބަށް އައިޖީއެމްއެޗްގައި އެޑްމިޓްކޮށް ފަރުވާ ދީފައިވާއިރު އޭނާ ހޮސްޕިޓަލުން ދޫކޮށްލާފައި ވަނީ މިދިޔަ އާދިއްތަ ދުވަހެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި އަދީބުގެ މައްޗަށް ދައުލަތުން ކޮށްފައިވާ ހަތް ދައުވާއަށް، 20 އަހަރަށް ޖަލަށްލައި، 2 މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމަށް މިދިޔަ 2020 އަހަރުގެ ތެރޭގައި ވަނީ ހުކުމް ކޮށްފައެވެ. އެހެންނަމަވެސް މިހާރު އަދީބު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނީ ގޭގައި ހުންނަވައިގެންނެވެ.

މިހާރު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދާ ރ. ފުއްގިރި ކުއްޔަށް ދޫކުރުމާ ގުޅޭ މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކޮށްފައިވާ ދައުވާތަކާ ދެކޮޅަށް އަދީބު ހެކިބަސް ދެއްވާފައި ވާއިރު މީގެ ކުރިން ވަނީ އެ މައްސަލާގައި ޔާމީނާ ދެކޮޅަށް ހެކިބަސް ދެއްވައިފިނަމަ އަދީބު ރާއްޖެއިން ބޭރަށް ފުރުވާލާނެ ކަމުގެ އަޑުތައް ފެތުރިފައެވެ.