ގުމްރާހް ގެ ޓްރެއިލާ އެންމެ ފުރަތަމަ ބެލިއިރު މި ފިލްމު ބެލުމަށް ހިތްއެދުނެވެ. ފިލްމު ރިލީޒް ކުރުމަށް ފަހު ނެޓްފްލިކްސް ގައި މި ފިލްމު ސްޓްރީމް ކުރި ފުރަތަމަ ދުވަހު މި ފިލްމު ބަލާ ނިންމާލީމެވެ. އަދިތްޔާ ރޯއީ ކަޕޫރުގެ ފޭނަކަށް ވުމާއެކު މި ފިލްމުވެސް ރީތިވާނެ ކަމަށް އުންމީދު ކުރަމުން ފިލްމު ބަލަން ފެށީ ވަރަށް ފޮނި އުންމީދާ އެކުގައެވެ. ފިލްމު ބަލަން ފެށިއިރު ވެސް ފިލްމުގައި އަދިތްޔާ ކުޅޭނީ ޑަބަލް ރޯލެއްކަން އެނގުނެވެ. އެކަމަކު ނޭނގުނީ އަދިތްޔާގެ ޑަބަލް ރޯލު ފިލްމަށް ގެންނާނީ ކޮން ގޮތަކަށް ކަމާމެދުއެވެ. މި ފިލްމަކީ 2019 ވަނަ އަހަރު ނުކުތް ކާމިޔާބު ތަމަޅަ ފިލްމު "ތަޅަމް" ގެ ހިންދީ ރިމޭކެވެ. މިއީ ކްރައިމް ތުރިލާ ޖޯންރާ އަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ. ހީކުރިގޮތާއި އެއްގޮތަށް ގުމްރާހް ވަރަށް ކަމުދިޔައެވެ. އަދިތްޔާގެ އެކްޓިން ފާހަގަކޮށްލެވުނުއިރު ފިލްމުގެ ބަތަލާ މުރްނާލް ތާކޫރުގެ އެކްޓިން ވަރަށް ފާހަގަ ކޮށްލެވުނެވެ. މުރްނާލް ހަމަ މޮޅީއެވެ.
- ތަރިން
އަދިތްޔާ ރޯއީ ކަޕޫރު (އަރްޖުން ސޭގާލް/ސޫރަޖް ސޭގާލް)، ވެދިކާ ޕިންޓޯ (ޖާންވީ)، މުރްނާލް ތާކޫރު (ޝިވާނީ މާތުރު)، ދީޕަކް ކަލްރާ (ޗައްޑީ) އަދި ރޯނިތު ރޯއީ (ދިރެން ޔާދަވް) އެވެ.
- މައިގަނޑު ވާހަކަ (ސްޕޮއިލާ ނުލާ)
ފިލްމު ފެށިގެން ދަނީ ނަން މަޝްހޫރު މީހެއްގެ ގެއަށް ވަދެ އަދިތްޔާ އެމީހަކު މަރާލާ މަންޒަރުންނެވެ. އޭނާގެ ހަށިގަނޑުގެ އެތަން މިތަނަށް ތޫނު އެއްޗަކުން ހަމަލާ ދިނުމަށްފަހު އޭނާ މަރުވިކަން ޔަގީން ކުރުމަށްފަހު އަދިތްޔާ އެގެއިން ދަނީ ފުލުހުންނަށް އެއްވެސް ހެއްކެތް ނުފެންނަ ގޮތް ހަދާފައެވެ. އަދިތްޔާ އަކީ މި ފިލްމުގައި ވަރަށް ރަނގަޅު މަގާމެއްގައި މަސައްކަތްކުރާ އަހްލާގް ރަނގަޅު ޒުވާނެކެވެ. ގަޑިން ގަޑިއަށް އޮފީހަށް ގޮސް މީހުންނަށް ހެޔޮ އެދޭ އަދިތްޔާ މީހަކު މަރާލަންވީ އެއްވެސް ސަބަބެއް ފިލްމު ފެށިއިރު ނޭނގުނެވެ. އެއްވެސް މީހަކާ ރުޅިވެރި ކަމެއް ނޯންނަ އަދިތްޔާގެ އެ ކޭސް އިންވެސްޓިގޭޓް ކުރަން އަންނަނީ އިންސްޕެކްޓާ ޝިވާނީއެވެ. އެންމެ ފުރަތަމަ ވެސް އަދިތްޔާ އޭނާގެ ބޮލުގައި އެޅިފައިވާ ތުހުމަތަށް އިންކާރުކުރިއެވެ.
ދެން ފެނިގެންދަނީ ރާ ބޮއެގެން މަގުމަތީގައި ހޫރެނިކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަ ސޫޖަލް ހައްޔަރު ކުރާ މަންޒަރެވެ. އެ ހިސާބުން އަދިތްޔާގެ ޑަބަލް ރޯލު ފިލްމަށް ފާޅުވިއެވެ. ސޫރަޖް އާއި އަރްޖުން ވަކި ކޮޓަރިއެއްގައި އިންވެސްޓްކުރުމަށް ބެހެއްޓިއިރު ފުލުހުންނަށް އެންމެ ބޮޑު އުނދަގުލަކަށްވީ މި ދެމީހުންގެ ތެރެއިން އެ މީހާ މަރާލީ ކާކުކަން ދެނެގަތުމަށެވެ. ޝިވާނީގެ މައްޗަށް ހުންނަ އިންސްޕެކްޓާ ދިރެން އުޅުނީ މާކުރިންވެސް އަރުޖުން އަށް ހަސަދަ ލައިގެންނެވެ. ސަބަބަކީ އޭނާގެ ހުރި ހަމައެކަނި ކޮއްކޮ ޖާންވީ އާއި އަރުޖުން އާއި ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު ވީނުވީއެއް ނޭނގި ޖާންވީ ގެއްލުމުންނެވެ. ޖާންވީ ގެއްލުމުގެ ފަހަތުގައި ވަނީ އަރުޖުން ކަމަށް ދިރެން ގަބޫލުކުރެއެވެ. ނަމަވެސް އޭރު އަރުޖުންގެ މައްޗަށް އެ މައްސަލަ ސާބިތުނުވުމުން ދިރެން ބޭނުންވީ ކޮންމެ ގޮތެއް ހަދާފައިވިޔަސް މީހާގެ މަރުގެ މައްސަލަ އަރުޖުންގެ މައްޗަށް ސާބިތުކުރާށެވެ.
ނަމަވެސް އެކަމަށް ހުރަސް އަޅަނީ ޝިވާނީއެވެ. ފިލްމުގެ މެދެއްހާ ހިސާބުން ޝިވާނީ އަރުޖުން އާއި ސޫރަޖް އަށް ވަކިން ސުވާލުކުރެއެވެ. އޭރު ދެމީހުން ބުނީ ދެމީހުންވެސް މީހަކު މަރާނުލާ ކަމަށެވެ. އޭގެ ސަބަބުން މުރްނާލަށް އެ މައްސަލަ ނިންމަން ކޮޅެއް ނުފެނުނެވެ. އަލުން ބަލުން ކްރައިމް ސީނަށް ގޮސް އެ ގޭތެރެއިން ފެނުނު އެއްޗަކާއި ސޫރަޖް އާއި އަރުޖުންގެ ޑީއެންއޭ ޓެސްޓް ހެދުވިއެވެ. އެ އެއްޗާއި ޑީއެންއޭ ދިމާވަނީ ކޮން މީހެއްކަން ބެލުމަށެވެ. ކަންދިމާ ކުރި ގޮތުން ޓެސްޓުގެ ނަތީޖާ އައި އިރު ދެމީހުންގެ ޑީއެންއޭ ވެސް އެއަށް މެޗުވެއެވެ. ސަބަބަކީ އަރުޖުން އާއި ސޫރަޖް އަކީ އެއްމާބަނޑު ދެމީހުންނަށް ވުމުންނެވެ. މުރްނާލަށް މަޖުބޫރުވީ ދެމީހުންގެ ތެރެއިން ކޮންމެވެސް އެކަކު ލައްވައި ހަގީގަތް އަނގައިން ބުނުވުމަށެވެ. ނަމަވެސް ފިލްމު ނިމިގެންދިޔައިރު ވެސް ސޫރަޖްވެސް އަރުޖުން ވެސް އެ ތުހުމަތުތަކަށް އެއްބަހެއް ނުވިއެވެ.
ފިލްމުގެ މިހިސާބުން ފެނިގެންދިޔައީ ސޫރަޖް އާއި އަރުޖުންގެ ހިތްދަތި މާޒީގެ ވާހަކައެވެ. ގަބޫލުކުރަން ދަތިވި މަންޒަރުތަކެއް ދެމީހުންގެ މާޒީ އިން ފެނިގެންދިޔައިރު އެ މީހުންގެ މާޒީގައި ވެސް ވަނީ އެމީހުންނަށް ހިދުމަތްކޮށްދިން ޑަކްޓަރަކަށް ތޫނުއެއްޗަކުން ހަމަލާ ދީފައެވެ. އެކަމަކު އޭރުވެސް އެތަނުން ހަމަލާ ދިނީ ކާކުކަމެއް އެކަކަށްވެސް ނޭނގުނެވެ. އެންމެ ފަހުން މީހާގެ މަރުގެ މައްސަލަ ކޯޓުން ނިންމީ ދެމީހުންކުރެ އެކަކަށްވެސް ހުކުމް ނުކުރެވޭނެ ކަމަށެވެ. ސަބަބަކީ ދެމީހުންވެސް އެ ކުށަށް އެއްބަސްނުވުމާއެކު ދެމީހުންގެ ޑީއެންއޭވެސް މެޗު ވުމުންނެވެ. ނަތީޖާއަކަށްވީ ސޫރަޖް އާއި އަރުޖުން ފުލުހުންގެ ހައްޔަރުން މިނިވަންވުމެވެ.
ފިލްމުގައި ދެން ފެނިގެންދަނީ އަދިތްޔާ އެމީހާ މަރާލަން ޖެހުނު ސަބަބެވެ. ފިލްމުގެ ޓްވިސްޓް މިހިސާބުން އައިއިރު ފިލްމު ފެށިގެން މެދަކާ ހަމައަށް އައިއިރުވެސް މީހާ މަރާލީ އަރުޖުން ކަމެއް ސޫރަޖް ކަމެއް ނޭނގުނެވެ. ނަމަވެސް ފިލްމުގެ ޓްވިސްޓާއެކު އެ މީހާ މަރާލީ ކާކުކަން އެނގިގެން ދިޔައެވެ. އަވަސް މަންޒަރުތަކެއް ފެނިގެންދިޔަ މި ފިލްމުގެ ޓްވިސްޓް ވަރަށް ކަމުދިޔައެވެ. ފިލްމުގައި އަދިތްޔާ އާއި މުރްނާލްގެ އެކްޓިން ކަމުދިޔައެވެ. ހަގީގީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ގެނެސްދީފައިވާ މި ފިލްމު މިހާރު ނެޓްފްލިކްސް އިން ބަލާލެވޭނެއެވެ.