ޑާކްރެއިން އެންޓަޓެއިންމަންޓުގެ ކުރިއަށް އޮތް ފިލްމު "ފުރޭތަ" ގެ ޓީޒާއެއް އިއްޔެ ދައްކާލައިފިއެވެ.
ފިލްމުގެ ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) "ދަ ޕްރެސް" އަށް ބުނީ މި ފިލްމުގެ ރަސްމީ ޓްރެއިލާ މި މަހުގެ 17 ވަނަ ދުވަހު ދައްކާލަން ހަމަޖެހިފައިވާ ކަމަށެވެ. މޮގާ ބުނީ ފިލްމުގެ ޓްރެއިލާ އަންނަ ހޯމަ ދުވަހު ރިލީޒްކުރި ނަމަވެސް މި ފިލްމު އަޅުވާނެ ވަކި ތާރީހެއް އަދި ބުނަން ނޭނގޭ ކަމަށެވެ. ސަބަބަކީ އޮލިމްޕަހުގައި މިވަގުތު ފުލުފުލުގައި އަޅުވަން ތާވަލް ކޮށްފައި އޮތުމުން ކަމަށެވެ.
އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކޮށް މޮގާ ޕްރޮޑިއުސްކުރާ މި ފިލްމުގެ ސްކްރީންޕްލޭ ލިޔުނީ އަހްމަދު ތޮލާލެވެ. ފިލްމުގެ ފައިޓް ކޮރިއޯގްރަފަރަކީ ކުޅަދާނަ އެކްޓަރު ރަވީ ފާރޫގެވެ. "ފުރޭތަ" ގެ ތަރިންގެ ތެރޭގައި އަހްމަދު މަނިކު، ރަވީ ފާރޫގް، މުހައްމަދު ރިފްޝާން، ޝަރަފް އަބްދުﷲ، އަހްމަދު ސައީދު، އަހްމަދު ނާޝިތު އަދި އަންޖު އެވެ. ޑާކްރެއިނުން ބުނީ މި ފިލްމަކީ 18 އަހަރުން މަތީގެ މީހުންނަށް ތައްޔާރު ކޮށްފައިވާ ފިލްމެއް ކަމަށާއި މި ފިލްމަކީ ރިވެންޖް ތްރިލާ އެއް ކަމަށެވެ.
ޑާކްރެއިން އެންޓަޓެއިންމަންޓުން ވަނީ މިއަހަރު އެމީހުންގެ ފިލްމު "ބީވީމާ" އޮލިމްޕަހަށް ގެނެއްސައެވެ. ފިލްމުގެ ކާމިޔާބީ އަށްފަހު ޑާކްރެއިންގެ އާ ފިލްމެއް ހަމަ މިއަހަރު އޮލިމްޕަހަށް ގެންނަން ވަނީ ނިންމާފައެވެ. އެއީ "ބަޅިނދު"އެވެ. ޑާކްރެއިން އިން ބުނީ މި ފިލްމު އޮލިމްޕަސް ސިނަމާތަކަށް އަންނާނީ އަންނަ ޑިސެމްބަރު މަހުގެ ހަތަރު ވަނަ ދުވަހު ކަމަށެވެ. ބަޅިނދުގެ ތަރިންނަކީ އާޝާ، ޖުމައިހު، ހުނޫ، ދޮން އައްޔަ، ނުޒުހަތު ޝުއައިބު، އައިޝާ، ޝަރަފް އަދި މަޖޫ އެވެ. މީގެ ކުރިން "ބަޅިނދު"ގެ ޓީޒާ އެއް ސޯޝަލް މީޑިއާއަށް ދޫކޮށްލިއިރު އެ ޓީޒާ ވަރަށް ތަފާތެވެ. އެ ޓީޒާ އިން ފެނިގެންދަނީ އަކަ ޖެހި ދޮލަގެކެވެ. އެއީ ތަށި ދުއްވަން ބޭނުންކުރާ އާލާތެކެވެ. މާލެ އަދި ހުޅުމާލޭގައި ޝޫޓްކޮށްފައިވާ މި ފިލްމަކީ ހޫދު އިބްރާހިމް ލިޔެ އަހްމަދު ޝިނާން ޑައިރެކްޓްކުރާ ބިރުވެރި ފިލްމެކެވެ. ފިލްމުގެ ޓީޒާކޮޅުން ވެސް އެ ފިލްމަކީ ބިރުވެރި ފިލްމެއްކަން ހާމަވެގެން ދެއެވެ. ޑާކްރެއިންގެ ކުރިއަށް ހުރި ޕްރޮޖެކްޓްތަކުގެ ތެރޭގައި "ނޮވެމްބަރު" އަދި "ކައިވެނީގެ އަމާޒު" ހިމެނެއެވެ.