ފިލްމުގެ ޓީޒާ ބެލުމަށްފަހު އެންމެ ފުރަތަމަ ވެސް ހިތަށް އެރީ މަޝްހޫރު ޓީން ސީރީޒް "ޓީން ވުލްފް" ގެ މަތިންނެވެ. އެ ސީރީޒްގައި ވެސް ދައްކުވައި ދެނީ އިންސިއެއްގެ ގަޔަށް ވުލްފް އަކު ހަމަލާދިނުމުން ހަލާކުވެފައި ހުރި ތަން އިންފެކްޓްވެ އެ އިންސި ވެސް ފުލް މޫން ރޭތަކުގައި ވުލްފް އަކަށް ބަދަލުވާ މަންޒަރެވެ. ބޭޅިޔާގެ ޓީޒާ ބެލިއިރު އެންމެ ފުރަތަމަ ވެސް ހިތަށް އެރީ މިއީ އެ ސީރީޒްގެ ހިންދީ ވާޝަނެއް ކަމަށެވެ. އެއީ "ޓީން ވުލްފް" އަކީ ވެސް ވުލްފް އެއް ދަތްއެޅުމާއެކު އިންސާނުން ވުލްފް އަކަށް ބަދަލުވެ އިންސާނުން ޝިކާރަ ކުރާ މަންޒަރު ދައްކުވައިދޭ ސީރީޒަކަށް ވުމުންނެވެ.
ނަމަވެސް ބޭޅިޔާ ވެގެންދިޔައީ ބޮލީވުޑްގެ އެހެން ފިލްމުތަކާ ހިލާފަށް ބެލުންތެރިންގެ ސަމާލުކަން ދަމައިގަތް ހާއްސަ އިބުރަތެއް ދިން ފިލްމަކަށެވެ. ގިނައިން ބޮލީވުޑްގައި ވެސް ހަދަނީ ކޮންމެވެެސް އަންހެނަކަށް ލިބެން ޖެހޭ ހައްގެއް ނުލިބިގެން އެކަމަށް ވަކާލާތުކުރާ މަންޒަރު ދައްކައިދޭ ފިލްމާއި ފިރިހެނުން އަންހެނުންނަށް ޖިސްމާނީ އަނިޔާ ދީ އެކަމަށް ހޭލުންތެރި ކުރުވަން ހަދާ ފިލްމުތަކެވެ. ނަމަވެސް ބޭޅިޔާ އަކީ ޖަނަވާރުންގެ ހައްގުތައް ހިމާޔަތް ކުރަންޖެހޭ ކަމާއި އެތަކެތި ގެންގުޅޭ މީހުންގެ ހައްގުތަކެއް ވެސް ވާކަން ދައްކުވައިދޭ ފިލްމެކެވެ.
އަމަރު ކޯޝިކް ޑައިރެކްޓްކޮށް ދިނޭޝް ވިޖަން ޕްރޮޑިއުސްކޮށް ގެނެސްދީފައިވާ މި ފިލްމަކީ 60 ކުރޯޑުގެ ބަޖެޓަކުން އުފެއްދި ފިލްމެކެވެ. މި ފިލްމަށް ބޮކްސް އޮފީހުގައި ވަނީ 70 ކުރޯޑުގެ އާމްދަނީއެއް ލިބިފައެވެ.
- ތަރިން
ވަރުން ދަވަން (ބާސްކަރު ޝަރްމާ)، ކްރިތީ ސެނަން (ޑރ އަނީތާ މިޓަލް)، ޕާލިން ކަބާބް (ޖޯމިން) އަދި އަބީޝޭކް ބަންޖަރީ (ޖަނާދަން/ ޖާނާ) އަދި ދީޕަކް ޑޮބްރިޔަލް (ޕާންޑާ) އެވެ.
- މައިގަނޑު ވާހަކަ (ސްޕޮއިލާ ނުލާ)
ފިލްމުގައި ބާސްކަރު ފެނިގެންދަނީ ކުއްތާ ދެކެ ވަރަށް ފަކުރުން އުޅޭ މީހެއްގެ ގޮތުގައެވެ. އޭނާ ވަޒީފާ އަދާ ކުރާ މާހައުލުގެ ގޮތުން ބާސްކަރު އަށް އެއްދުވަހަކު ވަރަށް ވަރުގަދަ ޕްރޮޖެކްޓެއް ލިބިގެން ދިޔައެވެ. ދިއްލީގައި އުޅޭ ކޮންސްޓްރަކްޝަން ކޮންޓްރެކްޓާ ބާސްކަރު އޭނާގެ އަމިއްލަ ގެދޮރު މޯގޭޖްކޮށް ހުރިހާ ވިސްނުމެއް ހުސްކުރީ އަރުނަޗަލް ޕްރަދޭޝްގައި އޮތް ޖަންގަލި ތެރެއިން ހައިވޭ އެއް ހެދުމަށެވެ. މި ޕްރޮޖެކްޓް އޭނާ އަށް ލިބުމާއެކު އަރުނަޗަލް ޕްރަދޭޝް އަށް ބާސްކަރު ދަނީ އޭނާގެ ދެބެންގެ ދެދަރި ޖާނާ ގޮވައިގެންނެވެ. އަރުނަޗަލް ޕްރަދޭޝް އިން ބާސްކަރު އާއި ޖާނާ އަށް މަރުހަބާ ކިއީ ޖޯމިން އެވެ. ޖޯމިން އަކީ އެ އަވަށުގައި ދިރިއުޅޭ މީހަކަށް ވުމުން އޭނާ އަށް އެތަނުގައި އުޅޭ މީހުންގެ ގޮތް އެނގި، ޕާންޑާ އާއި އެމީހުން ބައްދަލު ކުރުވައެވެ. އަދި ބާސްކަރުގެ މަސައްކަތް ޕާންޑާ އާއި ޖޯމިންގެ އެހީތެރިކަމާއެކު ފަށަން ތައްޔާރުވިއެވެ. އަދި އެ ރޭ ގެއަށް ދިޔުމުގެ މަގުމަތީގައި ބާސްކަރު ފާހާނައަކަށް ދާންވެގެން ޖަންގަލި ތެރެއަށް ކުޑަކަމުދިޔައެވެ. އެ މަންޒަރު ދައްކާ ނުނިމެނީސް ދެން ފެނިގެންދަނީ ޖަންގަލީގައި އުޅޭ ވުލްފެއް ބާސްކަރުގެ ހަށިގަނޑަށް ހަމަލާދީ ދަތްއަޅާތަނެވެ.
ކަންދިމާކުރި ގޮތުން ބާސްކަރު ހައިވޭ ހަދަން ނިންމާފައިވާ ބިމުގެ އެއްބައިގައި އެ އަވަށުގެ ދުވަސްވީ މީހުން އުޅެއެވެ. އެމީހުން އަތުން ބިން ގަތުމަށް ބާސްކަރު މަސައްކަތް ކުރެއެވެ. ނަމަވެސް ހަމަ ހިލާ އެކަމެއް ބާސްކަރުއަކަށް ނުވިއެވެ. ބާސްކަރު ދެން ވިސްނީ އެ އަވަށުގެ ޒުވާނުންގެ ސިކުނޑިއަށް ވަދެ އެމީހުން ހައްލާލުމަށެވެ. އެކަން ބާސްކަރު ކާމިޔާބުވެސް ކުރިއެވެ. ބާސްކަރު ބޭނުންވީ ކޮންމެ ގޮތެއް ހަދާފައިވިޔަސް ޖަންގަލި ހަލާކުކޮށްގެން ނަމަވެސް އެތަނުގައި ހައިވޭ އެއް އެޅުމަށެވެ. އެތަނުގައި ދިރިއުޅޭ ޖަނަވާރުންނަށް އެއްވެސް ވިސްނުމެއް ނެތި ބާސްކަރު ހިތްއެދޭ ގޮތަށް ކަންތައް ކުރަން ބާސްކަރު ނިންމައެވެ. މިކަންތައްތައް ވުމުގެ ކުރިން ފިލްމުގައި ހިނގާދިޔަ މުހިއްމު މަންޒަރެއްގެ ވާހަކަ ކިޔައިދޭނަމެވެ.
ވުލްފް އައިސް ބާސްކަރު ގައިގައި ދަތްއެޅުމުން ޖާނާ އަވަސްވެގަތީ ބާސްކަރު ހޮސްޕިޓަލަށް ގެންދިޔުމަށެވެ. ނަމަވެސް ޖޯމިން އެކަމަށް ހުރަސް އެޅީ އެ ވާހަކަ އަވަށާ ހަމައަށް ފޯރައިފިނަމަ ބާސްކަރުގެ ޕްރޮޖެކްޓް ނުނިމި އެކަން ބޭކާރު ވާނެ ކަމަށެވެ. އެހެން ބުނުމަށްފަހު ޖޯމިން، ބާސްކަރު ގޮވައިގެން ދިޔައީ ޖަނަވާރުންނާ ބެހޭ ޑޮކްޓަރެއްގެ ގާތަށެވެ. އެއީ ޑރ އަނީތާ އެވެ. އަނީތާ، ބާސްކަރުއަށް ޕެއިން ކިލާ އިންޖެކްޝަނެއް ޖަހައެވެ. އޭގެ އަނެއް ދުވަހު ކުއްލިއަކަށް ވުލްފް ހަމަލާ ދީފައި ހުރިތަން އެއްކޮށް ރަނގަޅުވިއެވެ. ބާސްކަރު އަށް އިވެން ނުޖެހޭ އަޑުއަޑު އިވި މާ ދުރު ހިސާބުތަކުން ދުވާ ވަސްތައް ދުވަން ފެށިއެވެ. އަދި ރޭގަނޑު އޭނާ ވުލްފް އަކަށް ބަދަލުވެގެން ދިޔައެވެ.
މިކަންތައްތައް ޖޯމިން، ޖާނާ އަދި އަނިކާ އަށް އެނގި ބާސްކަރުއަށް ފަރުވާދޭން މަސައްކަތް ކުރެއެވެ. ނަމަވެސް ކޮންމެ ރެއަކު ބާސްކަރު ޖަނަވާރަކަށް ބަދަލުވެ އަންނަނީ އަވަށުގެ ކޮންމެވެސް މީހެއް ކާލައިގެންނެވެ. އެ ހުރިހާ ކަމަކަށް ހައްލު ހޯދައިދޭން މަސައްކަތްކުރީ ޕާންޑާއެވެ. އެ އަވަށުގައި އުޅޭ ވަރަށް މުސްކުޅި މީހެއްގެ ގާތަށް ބާސްކަރު ގެންގޮސް ކަންތައް ކުރަންވާ ގޮތް ޕާންޑާ ކިޔައިދެއެވެ. އަދި އެ މުސްކުޅި މީހާ ބުނި ގޮތަށް ބާސްކަރު އެކަން ކުރެއެވެ. އެހިސާބުން ފެނިގެން ދިޔައީ ފިލްމުގެ ޓްވިސްޓެވެ. އެންމެ ހީނުކުރާ ގޮތަށް ފިލްމުގެ ޓްވިސްޓް ފެނިގެން ދިޔައިރު އެ ޓްވިސްޓް ވެގެން ދިޔައީ އެންމެންނަށްވެސް ކަމުދިޔަ މޮޅު ޓްވިސްޓަކަށެވެ. ބާސްކަރުގެ ގައިގައި ދަތް އެޅި ވުލްފް ބޭނުންވީ ބާސްކަރު އަށް އިބްރަތެއް ހާސިލް ކޮށްދޭށެވެ. ޖަންގައްޔަކީ ޖަނަވާރުން ދިރިއުޅެެން ހުންނަ ތަން ކަމަށާއި އެތަނަކީ އެސޮރުމެންގެ ގެދޮރުކަން އެ ޖަނަވާރު ބާސްކަރުއަށް އަންގައި ދެއެވެ.
ހެއްވާ މަޖާ މަންޒަރުތަކެއް ފެނިގެންދިޔަ ހޮރޯ ކޮމެޑީ މި ފިލްމުގެ ބައެއް މަންޒަރުތަކުގައި ހީހީ ގޮސް ހަލާކުވެއެވެ. ވަރުން އާއި ކްރިތީގެ އެކްޓިން ފުރިހަމަކަން ފިލްމު ބެލި އެންމެންނަށް އެނގޭއިރު ފިލްމުގައި ސައިޑް ކެރެކްޓާ ކުޅުނު ދެމީހުންގެ އެކްޓިންގެ ހުނަރުވެސް ވަރަށް މޮޅެވެ. ކޮންމެ ސީނަކަށްވެސް ފުރިހަމައަށް ތައްޔާރުވެފައި ހުރި ވަރު ފިލްމުން ފެނިގެން ދިޔައެވެ. ބޭޅިޔާ އަކީ ހަމަ ވަރުގަދަ ޖަނަވާރެކެވެ.