ޒުވާނުންގެ މެދުގައި މަގުބޫލު ޕަބްޖީ ކުޅުމުގެ ތެރެއިން ދިމާވި އިންޑިއާ މީހެއް ކަމަށް ވާ އުމުރުން 25 އަހަރުގެ ސަޗިން އާ ހިތާވި އުމުރުން 30 އަހަރުގެ ޕާކިސްތާން އަންހެނެއް ކަމަށް ވާ ސީމާ، ޖަލުން ދޫކޮށްލައިފިއެވެ.

ސީމާގެ ދަތުރަކީ ބޮލީވްޑް ފިލްމުތަކުން ފެންނަ ކަހަލަ ހާދިސާއެކެވެ.

ޕަބްޖީން ދިމާވެ ހިތާވެގެން ސީމާވެސް ދިޔައީ ނޭޕާލަށެވެ. ސަޗިންވެސް ނޭޕާލަށް ދިޔައެވެ. ދެމީހުން އެތަނުގައި ކައިވެނި ކޮށް ދަރިން ހޯދާ އުޅުމަށް ފަހު ސަޗިން އެނބުރި އިންޑިއާ އަށް ދެއެވެ. ސީމާ ދަނީ ދަރިކޮޅު ގޮވައިގެން ޕާކިސްތާނަށެވެ.

ދުވަސްތަކަކަށް ފަހު، ސީމާގެ ނަމުގައި އޮއް ބިމެއް 12 ލައްކަ އިންޑިއާ ރުޕީސް އަށް ވިއްކާލައި ދަރިންނަށާއި އޭނާއަށް ވިސާ ހައްދައިގެން ދުބާއީ މަގުން އަނެއްކާ ސީމާ ނޭޕާލަށް ދެއެވެ. އެތަނުން ބަހެއްގައި އިންޑިއާގެ ނޮއިޑާއަށް ދިޔުމުން ސަޗިން އޭނާ އާ ހަވާލުވެ ގެންދަނީ ކުއްޔަށް ހިފާފައި ހުރި ގެއަކަށެވެ. ސީމާ އަކީ ޕާކިސްތާނަށް ނިސްބަތްވާ މީހެއްކަން ސިއްރު ކޮށްގެން އުޅެނިކޮށް ފުލުހުންގެ ޖާސޫސީ ޓީމުތަކަށް އިންޑިއާ އިން ޕާކިސްތާނަށް ކުރާ ފޯނު ކޯލުތަކެއް އަތުވެއެވެ. ކޮންމެ ދުވަހަކުހެން ނޮއިޑާއިން އެ ކޯލުތައް ޕާކިސްތާނަށް ދާތީ، ފާރަލަމުން ގޮސް ފުލުހުން ސީމާ އާއި ސަޗިން އަތުލައެވެ.

ދެމީހުން ކުށްވެރި ވީއެވެ. ސީމާ ކުށްވެރިވަނީ ޕާކިސްތާންގެ ރައްޔިތަކު ސައްހަ ލިޔެކިޔުން ނެތި އިންޑިއާ އަށް އެތެރެ ވުމުގެ ކުށުގައެވެ. ސަޗިން ހައްޔަރު ކުރީ ޕާކިސްތާން މީހަކަށް ހިމާޔަތް ދިން ކަމުގެ ކުށުގައެވެ.

ޖަލުގައި އެތައް ދުވަހެއް ހޭދަ ކުރުމަށް ފަހު، ސަޗިން މިނިވަން ވެ މިހާރު ހުރި ސައުދީގައި ވަޒީފާއެއްގައެވެ. ސީމާ މިނިވަން ވަނީ ކަފާލާތުގެ ދަށުންނެވެ.

"އަހަރެންގެ ތަނަކީ މިހާރު އިންޑިއާ، މިހުރީ ވަރަށް އުފަލުން، ފިރިމީހާއާ ބައްދަލުވެ އިންޑިއާ ރައްޔިތަކަށް ވާން ބޭނުން"

ސީމާ ބުނީ، އޭނާގެ ފިރިމީހާ އަކީ ހިންދޫ އެއް ކަމަށާއި އޭނާވެސް މިހާރު ހިންދޫއަކަށް ބަދަލުވީ ކަމަށެވެ.

މިހާރު 4 ކުދިން ތިބި އެ ދެމަފިރިން އެއްތަންވެ އެކުގައި އުޅުމުގެ އުއްމީދު އާކުރަމުން ދާ އިރު ސަޗިން މިހާރު މަސައްކަތް ފަށާފައި ވަނީ ސައުދީ ދޫކޮށް އިންޑިއާ އަށް އެނބުރި އަންނާށެވެ. ސީމާ އަނބުރާ ޕާކިސްތާނަށް ދާކަށް ބޭނުމެއް ނުވެއެވެ. އޭނާ ބުނަނީ، ޕާކިސްތާނަށް ގޮސްފިނަަމަ އޭނާގެ ފުރާނައަށް ނުރައްކާ އެބައޮތް ކަމަށެވެ.

ލޯބީގެ މިފަދަ ކިތަންމެ ހާދިސާތަކެއްގެ މައްޗަށް ބޮލީވްޑްގައި ފިލްމުތައްވެސް އުފައްދާފައި ވެއެވެ. އޭގެ ތެރެއިން އެއް ފިލްމަކީ ސަނީ ޑިއޯލް އާއި އަމީޝާ ޕަޓޭލް ކުޅެފައިވާ "ގަދަރު އޭކް ޕްރޭމްކަތާ" އެވެ. މި ފިލްމަކީވެސް އިންޑިއާ ފިރިހެނަކާއި ޕާކިސްތާންގެ އަންހެނެއްގެ މެދުގައި އުފެދޭ ލޯބީގެ ގުޅުމެއްގެ މައްޗަށް އުފައްދާފައިވާ ހިޓް ފިލްމެކެވެ.