ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިކުމެ ވަޑައިގަންނަވާ އިރު އެމްޑީޕީ ކޯލިޝަނުގައި 77،700 މެންބަރުން އެބަތިބިކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ތައްޔާރުވުމުގެ ގޮތުން މިއަދު އިއްޒުއްދީން ސްކޫލް ހޯލުގައި ބޭއްވި މޮޓިވޭޝަނަލް ސެޝަންއަށް ފަހު ރައީސް މިހެން ވިދާޅުވެފައި ވަނީ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނާ، ދަ ޑިމޮކްރެޓްސް އަށް ނުސީދާ ރައްދެއް ދެއްވަމުންނެވެ. މިފަހަރުގެ ރިޔާސީ އިންތިހާބަށް ނުކުންނަވާ އިރު ރައީސް ސޯލިހްއާއި އެކު ކޯލިޝަން ހެދި ޕާޓީތަކެއް ފެއަށް ޖެހި، އެންމެ ފަހު ވަގުތު އެމަނިކުފާނު އެކަނި ވާނެކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ.

މި ވާހަކަތަކާ ގުޅިގެން ރައީސް ސޯލިހް ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ނުކުންނަވަނީ ރާއްޖޭގައި މިހާތަނަށް އިންތިހާބަކަށް ނުކުންނަ އެންމެ މެންބަރުން ގިނަ ކޯލިޝަނާއެކުގައި ކަމަށެވެ. މި އަހަރު ބާއްވާ ރިޔާސީ އިންތިހާބަށް އެމްޑީޕީން، އަދާލަތު ޕާޓީ އާއި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އާއެކު ކޯލިޝަން ހަދައިފައިވާއިރު ރައީސް ވިދާޅުވީ އެމްޑީޕީ ހިމެނޭ ގޮތަށް މި ކޯލިޝަނުގައި މިހާރުވެސް 77،700 މެންބަރުން އެބަތިބި ކަމަށެވެ.

މި ހަފްލާގައި ވާހަކަދައްކަމުން ރައީސް ސޯލިހް ވިދާޅުވީ މިއަދު ހެނދުނު ބޭއްވި ސެޝަންގެ ކުރިން އެ މަނިކުފާނަށް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑީޑޭޓެއްގެ ފޯނު ކޯލެއް އައި ކަމަށެވެ. އަދި އެ ބޭފުޅާ އާއި 45 މިނިޓް ވަންދެން ވާހަކަދެއްކުނު ކަން ފާހަގަކޮށް ރައީސް ވިދާޅުވީ އެ ކޯލުގައި ވަރަށް ރަނގަޅު ވާހަކަތަކާ، އަދި ތަފާތު ވިސްނުންތަކުގެ ވާހަކަތައް ދެކެވުނު ކަމަށެވެ. އެހެންނަމަވެސް މި ކޯލު ކުރެއްވި ބޭފުޅަކު ރައީސް ސޯލިހް ހާމަކުރައްވާފައި ނުވާއިރު މި ކޯލުގައި ދެއްކި ވާހަކަތަކުގެ މާ ބޮޑު ތަފްސީލެއް ވެސް ރައީސް ހާމަކުރައްވާފައެއް ނުވެއެވެ.

މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީ އާއި އެކު މިދިޔަ ރިޔާސީ އިންތިހާބުގައި ކޯލިޝަން ހަދާފައިވާ ޖުމްހޫރީ ޕާޓީން ކެންޑިޑޭޓަކު ނެރުމަށް އަންނަނީ ތައްޔާރުވަމުންނެވެ.