އިންޑިއާގެ މަދްޔަ ޕްރަދޭޝްގައި ނިކަމެތި ޕަގީރެއްގެ މޫނަށާއި ބޮލަށް އަދި ގަޔަށް ހީސްލީ މީހާ ހައްޔަރު ކޮށް އޭނާގެ ގެ ސަރުކާރުން ތަލާލައިފިއެވެ.
ދަރަޖައިގެ ގޮތުންނާއި ނަސްލުގެ ގޮތުން އޮންނަ ތަފާތު ކުރުމުގެ ތެރެއިން، އިންޑިއާގެ ފޯރާ މީހަކު މަގުގެ އެއްފަރާތުގެ އޮޅިގަނޑެއްގައި އިންނަ މީހެއްގެ ގަޔަށް ކޮޅަށް ހުރެ ހީސްލާ މަންޒަރު ފެންނަ ވީޑިއޯ އެއް ސޯޝަލް މީޑިއާގައި ވައިރަލް ވަމުން ދަނިކޮށް، އޭނާ ހަައްޔަރު ކޮށްފައި ވާ އިރު މަދްޔަ ޕްރަދޭޝްގެ ސަރުކާރުން އޭނާ ދިރިއުޅޭ ގެ މިއަދު ތަޅާލީ އެއީ ގަވައިދާ ހިލާފަށް ހަދާފައި ވާ ތަނަކަށް ވާތީއެވެ.
މަދްޔަ ޕްރަދޭޝްގައިވެސް ބާރުގަދަ އަދި ވެރިކަން ކުރާ ބީޖޭޕީއަށް ނިސްބަތްވާ މީހެއް ކަމަށް ބުނާ އެމީހާގެ މައްސަލައިގައި އެޕާޓީން ބުނެފައި އެއީ އެ ޕާޓީއާ ގުޅުމެއް އޮތް މީހެއް ނޫން ކަމަށެވެ. މި ކަމުގައި ފުލުހުންވެސް ބުނެފައި ވަނީ، ފުރަތަމަ ބަލަނީ އެ މައްސަލަ ކަމަށާއި އެގެ ފަހުން ތަފްސީލުތައް ހާމަ ކުރާނެ ކަމަށެވެ.
ޕްރަވޭޝް ޝުކުލާ ނަމަކަށް ކިޔާ އެމީހާ ހައްޔަރު ކުރުމަށް ފަހު ސަރުކާރު އޮފިޝަލެއް ކަމެއް ވާ ނިލަމްބާ މިޝްރާ ހިންދުސްތާން ޓައިމްސް އަށް ބުނެފައި ވަނީ 400 ސްކެއާފޫޓުގެ މިސްރާގެ ގެ ހަދާފައި ހުރީ ގަވައިދާ ހިލާފަށް ކަމަށެވެ. އެހެން ކަމުން އޭނާ ހައްޔަރު ކޮށް ގެ ތަޅާލީ ކަމަށް ބުނެފައި ވެއެވެ.
މި މައްސަލައިގައި މަދްޔަ ޕްރަދޭޝްގެ ސަރުކާރަށް ފާޑުކިޔުންތައް އަމާޒުވެ، ގިނަ ބަޔަކު ނުރުހުން ފަޅުކުރަމުން ދާން ފެށުމުން އެ ސިޓީގެ ސީފް މިނިސްޓަރު ޝިހްރާޖް ސިންގް ޗައުހާން ވަނީ އެ ނިކަމެތި މީހާ އޭނާގެ ގެއަށް ގެންދަވާ، ގޮނޑިއެއްގައި ބައިންދެވުމަށް ފަހު އޭނާގެ ފައި ދޮއްވައިދެއްވާފައެވެ. އަދި އޭނާގެ ކިބައިން ޗީފް މިނިސްޓަރު ވަނީ މައާފަށް ވެސް އެދިވަޑައިގެންފައެވެ.
ފާޑުކިޔާ ފަރާތްތަކުން ބުނެފައި ވަނީ ޗީފް މިނިސްޓަރު އެކަން އެގޮތަށް ކުރެއްވީ ބޯމަތިވެފައި އޮތް އިންތިހާބެއް އޮތުމުން، އާންމުންގެ ރުޅިން ސަލާމަތްވެ ވަޑައިގަތުމަށްޓަކައި ކަމަށާއި އެއީ ކަންދެއްކުމެއް ކަމަށެވެ.
މި މައްސަލަގައި އިދިކޮޅު ކޮންގްރެސް ޕާޓީން ވަނީ އެ މައްސަލަ ބަލައި ސަރަހައްދީ ސަރުކާރުގެ ގަވަރުނަރާ ބައްދަލު ކުރާނެ ކަމަށް ބުނެފައެވެ. އަދި އެއީ ބީޖޭޕީއަށް ނިސްބަތް ވާ މީހުން އެ ސިޓީގެ ބައިމަދު ދަލީތް ދަރިކޮޅާ މެދު ގެންގުޅޭ ތަފާތު ކުރުމާއި އިހާނެތިކޮށް ހިތުމުގެ ތެރެއިން ކުރި ކަމެއް ކަމަށް ވެސް ބުނެފައި ވެއެވެ.
ހިސާބުތަކާ ހަވާލާދީ ބައެއް ރިޕޯޓުތައް ބުނާގޮތުން އިންޑިއާގައި ބައިމަދު އަދި ދަށްފަންތީގެ ދަރިކޮޅުތަކާ މެދު ކޮންމެ ދުވަހަކުވެސް އިހާނެތިކޮށް ހިތާ ތަފާތު އެކި އެކި ލާއިންސާނީ ކަންކަން ކުރާ ކަމަށާއި އެވްރެޖްކޮށް ދުވާލަކު 200 މިލިއަނެއްހާ މީހުންނަށް މިފަދަ ކަންކަމާ ކުރިމަތިވެއެވެ.