މާލެ ދަތުރު ކުރި ލޯންޗެއްގެ ބެޓެރި ގޮވާ 6 މީހަކަށް އަނިޔާވެއްޖެއެވެ. މި ލޯންޗަކީ ރ. އުނގޫފާރުން 39 މީހުންނާއެކު މާލެ އަށް ދަތުރު ކުރި ލޯންޗެކެވެ.

ހާދިސާ ހިނގީ އެރިޔަދޫ ރިސޯޓް ކައިރީގައި ކަމުން އަނިޔާ ލިބުނު މީހުން މިހާރު ވަނީ އެ ރިސޯޓުގެ ކްލިނިކަށް ގެންގޮސްފައި ކަމަށް މައުލޫމާތު ލިބެއެވެ.

ބާކީ މީހުން ތިބީ އަދި ލޯންޗުގައި ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

އެމްއެންޑީއެފުން ބުނީ، 39 މީހުންނާ އެކު ދަތުރުކުރަމުން ދިޔަ ލޯންޗެއް ކަމަށްވާ "ކްރިސްޓަލް ސްޕީޑް"ގައި ބެޓެރިއެއް ގޮވި ކަމުގެ މައުލޫމާތު ލިބިފައި ވަނީ މިއަދު ހަވީރު 4 ޖަހާކަން ހާއިރު ކަމަށެވެ. މާލޭގެ އުތުރުން 47 ކިލޯމީޓަރު ދުރުގައި އޮންނަ އެރިޔަދޫ އައިލެންޑް ރިސޯޓު ކައިރީގައި ލޯންޗުގެ ބެޓެރިއެއް ގޮވައި ހިނގި އެ ހާދިސާގައި ހަ މީހަކަށް އަނިޔާވެފައިވާ ކަމަށާއި، އެ ހަ މީހުންނަށް އެރިޔަދޫ ރިސޯޓުގެ ކްލިނިކްގައި ފަރުވާ ދެމުންދާ ކަމަށް، އެމްއެންޑީއެފުން ބުންޏެވެ.

ނަމަވެސް އެ މީހުންނަށް ލިބުނު އަނިޔާގެ ތަފްސީލެއް ހާމައެއް ނުކުރެއެވެ. ބާކީ ތިބި ހުރިހާ ފަސިންޖަރުން ތިބީ ލޯންޗުގައި ކަމަށާއި، ލޯންޗު އޮތީ އެރިޔަދޫ ރިސޯޓުގެ ފަޅުގައި ކަމަށް ވެސް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.