މުމްބާއީ އަށް އުފަން އުމުރުން 47، އަހަރުގެ އަމީޝާ ޕަޓޭލް އަކީ 2000 ގެ އަހަރުތަކުގައި އިންޑިއަން ސިނަމާގައި ވިދާލި ބަތަލާއެވެ. 2000 ވަނަ އަހަރު ރޮމޭންޓިކް ތްރިލާ "ކަހޯނާ ޕިޔާރު ހޭ" އިން ފިލްމީ ދާއިރާއަށް އެޅި ފުރަތަމަ ފިޔަވަޅުންވެސް އަމީޝާ ވަރަށް ބޮޑަށް މަޝްހޫރުވެގެންދިޔައެވެ. ފުލުފުލުގައި އޭނާއަށް ޕްރޮޖެކްޓްތައް ލިބެމުން އައިއިރު އޭނާ ވަނީ ބޮލީވުޑްގެ ގިނަ ބްލޮކްބަސްޓާ ފިލްމުތަކުގައި ވެސް އަންހެން ލީޑު ރޯލު ކުޅެފައެވެ. ވިދިވިގެން އޭނާ ކުޅުނު ތިން ފިލްމަކީ ވެސް އިންޑިއާ ސިނަމާގައި ބޮޑު ކާމިޔާބީއެއް ހޯދި ފިލްމުތަކެކެވެ.
ބޮލީވުޑްގައި އެހާ މަޝްހޫރުވި ދަނޑިވަޅެއްގައި ކުއްލިއަކަށް އަމީޝާ ބޮލީވުޑުން ގެއްލުމުން ގިނަ ބައެއްގެ ހިތުގައި ސުވާލު މާކެއް އުފެދުނެވެ. ކާމިޔާބު އެކްޓަރު ސަނީ ޑިއޯލް އާއެކު "ގަދަރު: އޭކް ޕްރޭމް ކަތާ" ގައި ލީޑު ރޯލު ކުޅުނު ބަތަލާ އަމީޝާގެ ކެރިއަރުގައި ފަހަތަށް ފިޔަވަޅެއް ނަގަންޖެހުނީ އޭނާ ލޯބީގެ ގޮތުން ގުޅުނު މީހެއްގެ ސަބަބުންނެވެ. ބޮލީވުޑްގައި ނަން މަޝްހޫރު ޑައިރެކްޓަރު ވިކްރަމް ބަޓް އާއި ލޯބީގެ ގޮތުން ގުޅުނު އަމިޝާ ވަނީ ހަޔާތުގައި ފުރަތަމަ ފަހަރަށް އެގުޅުމާ ގުޅޭގޮތުން މީޑިއާތަކުގައި ވާހަކަދައްކާފައެވެ. ބޮލީވުޑް ހަންގާމާ އަށް ދިން އިންޓަވިއުއެއްގައި އަމީޝާ ބުނީ ފިލްމު އިންޑަސްޓްރީ އަކީ ވަރަށް ފާޑެއްގެ އިންޑަސްޓްރީއެއް ކަމަށާއި ތެދު ހަދާ މީހުންނާ، އިންޑަސްޓްރީ ދެކޮޅު ކަމަށެވެ. އޭނާގެ ދިރިއުޅުމަކީ މީހުންނަށް އެނގޭ ވަރަށް ފާޅު ދިރިއުޅުމެއް ކަމަށެވެ. އިންޑަސްޓްރީގައި އޭނާ އަށް ހެދުނު އެންމެ ބޮޑު ގޯހަކީ ހަޔާތުގެ ބައިވެރިޔާ އާއެކު މާ އޯޕަން ކޮށް އުޅެވުމުން ކަމަށެވެ. އޭގެ ފަހުން 13 ވަރަކަށް އަހަރު ސިންގަލް ކޮށް އުޅުނު ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ. އަމީޝާ އާއި ވިކްރަމް ފަސް އަހަރު ދުވަހު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު ވަކިވީ އަމީޝާ، ވިކްރަމް އާއި ގުޅިގެން އުޅޭކަން މީޑިއާތަކުގައި ހާމަކުރުމާ ގުޅިގެންނެވެ.
"އާންމުކޮށް ހުސްކޮށް ހުންނަ ރީތި ކުދިން ގިނަ މީހުން ބޭނުންވާނީ ފިލްމުތަކުގައި މަސައްކަތްކުރުވަން ވެސް. ގިނަ ބަޔަކު ދެން ގަބޫލުކުރަނީ މަޝްހޫރު މީހަކާ ލޯބީގެ ގޮތުން ގުޅިގެން އުޅެންޏާ އެއީ އެމީހާގެ ފައިދާ ނަގައިގެން މަޝްހޫރު ވަނީ ކަމަށް، އެކްޓަރުން އެކްޓްރަސް އާއި ލޯބީގެ ގޮތުން ގުޅިގެން މަސައްކަތްކޮށް މަޝްހޫރުވެވޭ. އެކަމަކު ޑައިރެކްޓަރަކު ނޫނީ ޕްރޮޑިއުސަރަކާ ގުޅިއްޖެނަމަ އެވާނީ ފައިދާ ނަގަން ކުރާ ކަމަކަށް،"
އަމީޝާ އާއި ވިކްރަމް އޭރު ރުޅިވި ދުވަސްވަރު ބޭރުގެ މީޑިއާތަކުން ވަނީ އެކި ގޮތްގޮތަކަށް އެ ގުޅުމާ ގުޅޭގޮތުން ވާހަކަ ދައްކާފައެވެ. ވިކްރަމްގެ ކުރީގެ ލޯބިވެރިޔާ އެދެމީހުންނަށް ސިހުރު ހަދައިގެން ދުރުކުރުވީ ކަމަށްވެސް އޭރު ތުންތުން މަތިން އަޑުއިވުނެވެ. އަމީޝާ އާއި ވަކިވުމަށްފަހު ވިކްރަމް، ބިޕާޝާ ބާސޫ ހިމަނައިގެން ކުޅުވި "ރާޒް 3" އަކީ ވެސް އަމީޝާ އަށް ބިނާކޮށް އުފައްދާފައިވާ ފިލްމެއް ކަމަށް އޭރު ރިޕޯޓްތައް ބުންޏެވެ. ވިކްރަމް އާއި އަމީޝާގެ ގުޅުމުގެ ސަބަބުން އަމީޝާ އާއި އޭނާގެ އާއިލާ އާއި އޮތް ގުޅުވުން ވެސް ހީނަރުވެ ފިލްމުތަކުން ވެސް އޭނާ އަށް ފުރުސަތު ނުލިބެން ފެށިއެވެ. އަދި އާންމު ރައްޔިތުންވެސް އަމީޝާގެ ނަން ހަޑިކޮށް ފާޑުފާޑުގެ ވާހަކަތައް އޭރު ދެއްކިއެވެ. އޭގެ ފަހުން އޭނާ ކުޅުނު ހުރިހާ ފިލްމެއް ފްލޮޕް ވިއެވެ.
2013 ވަނަ އަހަރުފަހުން ފިލްމެއް ނުކުޅެ ހުރުމަށްފަހު އަމީޝާ ފިލްމެއް ކުޅުނީ 2018 ވަނަ އަހަރުއެވެ. ސައިޑް ކެރެކްޓާ އަކުން އަމީޝާ އެ ފިލްމުން ފެނިގެންދިޔައިރު އޭގެ ފަހުން މަދުން މަދުން އަމީޝާ އަންނަނީ ފިލްމުތަކުގެ ސައިޑް ރޯލު ކުޅެމުންނެވެ. އޭގެ ފަހުން ފުރަތަމަ ފަހަރަށް އަމީޝާ ކުޅުނު "ގަދަރު: އޭކް ޕްރޭމް ކަތާ" ގެ ދެވަނަ ބައެއް ހަދަން އުޅޭކަން އިއުލާންކޮށް އެ ފިލްމުގެ ލީޑު ރޯލު ވަނީ އަމިޝާ އަށް ދީފައެވެ. މި ފިލްމުގެ ދެވަނަ ބައިން ވެސް ފެނިގެންދާނީ އަމީޝާ އާއެކު ފިލްމުގެ ފުރަތަމަ ބައިންވެސް ފެނިގެންދިޔަ އެކްޓަރު ސަނީ ޑިއޯލްއެވެ. މި ފިލްމުގެ ޓީޒާ ޓްރެއިލާ މިހާރު ދައްކާފައިވާއިރު މި ފިލްމުގެ ޓީޒާ އަށް ގިނަ ބަޔަކު އަންނަނީ ތަރުހީބު ދެމުންނެވެ. އަންނަ މަހުގެ 11 ވަނަ ދުވަހު ސިނަމާތަކަށް އަންނަ މި ފިލްމުގެ ދެވަނަ ބައި ރިލީޒް އެ ކުރަނީ ފިލްމުގެ ފުރަތަމަ ބައި ރިލީޒްކުރިތާ 22 އަހަރު ފަހުންނެވެ. މި ފިލްމުގެ ފުރަތަމަ ބަޔަށް ބޮކްސް އޮފީހުގައި 133 ކުރޯޑު ގެ އާމްދަނީއެއް ލިބުނު އިރު މި ފިލްމުގެ ދެވަނަ ބަޔަށްވެސް ގިނަ ބަޔަކު އަންނަނީ އިންތިޒާރުކުރަމުންނެވެ. އަމީޝާގެ އެނބުރި އައުން ކިހިނެއްވާނެ ތޯ ބަލަން ގިނަ ބަޔަކު ތިބީ ކެތްމަދުވެފައެވެ.