ޕާސްޕޯޓް ހެއްދުމުގެ ހިދުމަތް މާދަމާ އިން ފެށިގެން މުޅިން ޑިޖިޓަލައިޒް ކޮށްފިއެވެ.

އިމިގްރޭޝަން އިން ބުނީ، ޕާސްޕޯޓް ހައްދަން ބޭނުންވާ ފަރާތްތަކުން މާދަމާ އިން ފެށިގެން އޮންލައިންކޮށް ހުށަހަޅާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ. އެ ގޮތުން އިމުގަ ޕޯޓަލް މެދުވެރިކޮށް ޕާސްޕޯޓަށް އެދި ހުށަހެޅޭނެއެވެ. މި ކަމަށް އެދި ހުށަހަޅާއިރު އައިޑީ ކާޑް ކޮޕީ އަދި ޕާސްޕޯޓް ހުށަހަޅަން ނުޖެހޭނެ ކަމަށް ވެސް އިމިގްރޭޝަނުން ބުނެއެވެ.

އެހެންކަމުން މާދަމާ އިން ފެށިގެން މި ހިދުމަތް ފަށާއިރު، ޕާސްޕޯޓް ހިދުމަތް ދޭ ވަގުތު ރޭގަނޑު 9 އަކާ ހަމައަށް އިތުރު ކޮށްފައިވާ ކަމަށް ވެސް އިމިގްރޭޝަނުން ބުނެއެވެ.

މީގެ ކުރިން ފޯމް ހުށަހަޅައި ކިއުގައި ޖެހިގެން ދެމުންދިޔަ ހިދުމަތްތައް އޮންލައިންކޮށް ދެވޭ ގޮތަށް ހަމަޖެއްސުމަށް މި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ޑިޖިޓަލް އައިޑީ ކާޑް ވެސް ވަނީ ތައާރަފް ކޮށްފައެވެ.

މުޅި ރާއްޖެ ޑިޖިޓައިޒް ކުރުމުގެ މަގްސަދުގައި މިއަހަރު ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައި ވަނީ، ހިދުމަތްތައް ބޭނުން ކުރުމުގައި ތަކުރާރުކޮށް އައިޑީކާޑާއި އެކި ލިޔުންތަކުގެ ކޮޕީ ސަރުކާރަށް ހުށަހަޅަން ޖެހުމަކީ ރައްޔިތުންނަށް އޮތް ވަރަށް ބޮޑު ތަކުލީފެއް ކަމަށާއި ހިދުމަތް ލަސްވެ، އޮޅުންބޮޅުންވެ، އެކަމެއްގައި ތާށިވެ ރައްޔިތުން ތިބެން ދެން ނުޖެހޭނެ ކަމަށެވެ. ހަމައެއާއެކު ހިދުމަތް ލިބުމުގާ ރައްޔިތުންނަށް އޮތް އަނެއް ތަކުލީފަކީ ކިޔުގާ ޖެހުމާއި، ފޯނު ނުނެގުމާއި، ޖަވާބެއް ނުލިބުމުގެ މައްސަލަ ކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.