އީދު ދުވަހު ފަތިހުގެ ވަގުތެއްގައި މާލޭގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި ގައުމީ ޔުނިވާސިޓީގެ ސީނިއާ ލެކްޗަރާ އަލީ ހަފީޒް، އިތުރު ފަރުވާއަށް މިއަދު އިންޑިއާއަށް ފުރުވާލައިފިއެވެ.

ހަފީޒްގެ ހާލަތު ދެރަކަމުން ކޮމާޝަލް ފްލައިޓެއްގައި ރާއްޖެއިން ބޭރަށް ގެންދެވެން ނެތުމުން އެއާ އެމްބިއުލާންސްގައި ހަފީޒް ގެންދިއުމަށް އާއިލާއިން މަސައްކަތް ފަށާފައި ވަނީ މީގެ ދެ ދުވަސް ކުރިންނެވެ. އަދި މިކަމުގައި ހަފީޒްގެ ގާތް ފަރާތްތަކުގެ ދީލަތި އެހީ ލިބިފައި ވާއިރު އޭގެ ތެރޭގައި އެމްއެންޔޫގެ މުވައްޒަފުންނާއި ދަރިވަރުންނާއި އާންމު ފަރުދުންގެ އިތުރުން ސަރުކާރުގެ އެހީ ލިބިފައިވާ ކަމަށް އާއިލާއިން ވަނީ ބުނެފައެވެ.

އީދު ދުވަހުގެ ފަތިހު ހިނގި މި އެކްސިޑެންޓަކީ ފަތިސް ނަމާދަށް ފަހު ހަފީޒް ގެއަށް ވަޑައިގަންނަވަނިކޮށް ހިނގި އެކްސިޑެންޓެކެވެ. އެކްސިޑެންޓަށް ފަހު އޭނާ އަށް ވަނީ އޭޑީކޭގެ އައިސީޔޫގައި ފަރުވާ ދީފައެވެ.

މި އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން 22 އަހަރުގެ ޒުވާނާ ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައި ވަނީ އިއްޔެއެވެ. އަދި އޭނާ އަތުގައި ލައިސަންސް ނެތް ކަމަށް ފުލުހުން ވަނީ މީގެ ކުރިން ބުނެފައެވެ.

އޭނާ ހައްޔަރު ނުކޮށް ގިނަ ދުވަސް ވުމުން ކަމާ ބެހޭ އިދާރާތަކަށް އާންމުންގެ ފާޑުކިއުން ވަނީ ފުލުހުންނަށް އަމާޒިވެފައެވެ. އެކަމާގުޅިގެން ފުލުހުން ބުނެފައި ވަނީ، އޭނާ ހައްޔަރު ކުރުން ފަސްކުރީ އެކްސިޑެންޓްގައި އޭނާއަށް ވެސް ބޮޑެތި އަނިޔާތަކެއް ލިބިފައި ވުމާއެކު ފަރުވާދެމުން ދާތީ ކަމަށެވެ.

އެކްސިޑެންޓުގައި އަނިޔާވި އުމުރުން 50 އަހަރުގެ އަލީ ހަފީޒަކީ ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީޒްގެ ލެކްޗަރާއެކެވެ. ހަފީޒް ވަނީ 18 އަހަރު ކިޔަވައި ދިނުމުގައި ހޭދަކޮށްފައެވެ.