ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއާ ގުޅިގެން ދައުވާލިބޭ ތަހުމީން އަހުމަދު ހުށަހަޅާފައިވާ ދިފާއީ ހެކިތަކެއް ބަލައިނުގަންނަން ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައިކޯޓުން ބާތިލްކޮށްފިއެވެ.
މި މައްސަލައިގައި ތަހުމީނުއަށް ދިފާއީ ހެކި ހުށަހެޅުމަށް ދިން ފުރުސަތު ހަމަވެގެން އެތައް ދުވަހެއް ފާއިތުވެގެން ދިޔައިރު ވެސް ހެކި ހުށަހަޅާފައި ނުވާއިރު، އޭގެ ފަހުން ތަހުމީނުގެ ފަރާތުން ދިފާއުގައި ހެކި ހުށަހެޅުމަށް އިތުރު ފުރުސަތެއް ދިނުމަށް އެދުމުން މައްސަލަ ބައްލަވާ ގާޒީ ވަނީ އެ ފުރުސަތު ދެއްވާފައެވެ.
އޭނާގެ ފަރާތުން ދިފާއީ ހެކީގެ ގޮތުގައި ހުށަހަޅާފައި ވަނީ ކުށުގެ އަމަލު ހިންގި ތަނުގައި އޭނާ ނެތް ކަން ސާބިތު ކޮށްދިނުމަށް ހުށަހެޅި ހެކީންނެވެ. އެހެންނަމަވެސް ދައުލަތުން ވަނީ ތަހުގީގު ނުކުރާ އަދި ދިފާއުން ވެސް ތަހުގީގު މަރުހަލާގައި ނުދައްކާ ވާހަކައެއް ސާބިތުކުރުމަށް ހެކި ހުށަނޭޅޭނެ ކަމަށް ބުނެ އެ ހެކި ބަލައި ނުގަތުމަށް އެދިފައެވެ. މި މައްސަލައިގައި ކްރިމިނަލް ކޯޓުން ވަނީ ކުށުގެ އަމަލު ހިންގި ތަނުގައި ނެތްކަން ސާބިތުކުރުމަށް ހުށަހެޅި އެ ދެ ހެކިން ބަލައި ނުގަތުމަށް ނިންމާފައެވެ.
ކްރިމިނަލް ކޯޓުގެ ނިންމުން އިސްތިއުނާފު ކުރުމަށް ހައި ކޯޓަށް ހުށަހަޅާފައި ވާއިރު އިއްޔެ ހައިކޯޓުން ވަނީ ކުށުގެ އަމަލު ހިންގި ތަނުގައި ނެތްކަން ސާބިތުކުރުމަށް ހުށަހެޅި އެ ދެ ހެކިން ބަލައިގަންނަން ޖެހޭ ކަމަށް ނިންމާފައެވެ. މި ގޮތުން ހައި ކޯޓުން ބުނީ އޭނާގެ މައްޗަށް ތަހުގީގު ހިންގިއިރު ކުށްކުރި ތަނާއި ތާރީހުގެ މައުލޫމާތު ފޯރުކޮށްދީފައި ނުވާތީ ތަހުގީގު މަރުހަލާގައި ދިފާއު ނުނެގި އޮތުމަކީ އެ ހައްގު އޭނާ ދޫކޮށްލީ ކަމުގައި ނުބެލެވޭނެ ކަމަށެވެ. އެހެންކަމުން ތަހުމީނަށް ހެކި ހުށަހެޅުމަށް ކްރިމިނަލް ކޯޓުން އަލުން ފުރުސަތު ދޭން ޖެހޭކަމަށް ހައިކޯޓުން ވަނީ ހުކުން ކޮށްފައެވެ.
ރައީސް ނަޝިދުއަށް ދިން ބޮމުގެ ހަމަލާއާއި ގުޅިގެން ދައުލަތުން ދައުވާ އުފުލާފައިވަނީ އަލީ ހައިޝަމް (ނޫރީގެ، ނ. މަނަދޫ،)، މުޖާޒް އަހުމަދު (މއ. ފޭރުގޭ) މުހައްމަދު ނާޒިމް (އަސަރީގެ، އއ. މާޅޮސް،)، ފަހުމީ އަލީ (ހުދުރުވާގެ، ގއ. ވިލިނގިލި) އިސްހާގު (މ. ކުދެހިގެ) ގެ މައްޗަށެވެ. މި މައްސަލައާ ގުޅިގެން އަދުހަމް އަހްމަދު ރަޝީދު (ވ. ތިނަދޫ، ހިޔާ) ގެ މައްޗަށް ވަނީ 23 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.