އުމުރުން 32 އަހަރުގެ އަފާން އަބްދުލް އަންސާރީ އާއި ނާސިރު ހުސައިން (24އ) ދިޔައީ މަހާރާސްތްރަ ސްޓޭޓުގެ ނާސިކް ގައި ކާރެއްގައެވެ. އެއީ ބޮމްބޭ އާ 220 ކިލޯމީޓަރު ދުރުގައި އޮންނަ ސަންގަމްނާރުން މަސްގަނެގެންނެވެ. އެމީހުން ކާރުގައި ނާސިކް އަވަށް ހުރަސް ކުރަމުން ދިޔަ އިރު ޝައްކުގެ ނަޒަރަކުން ބަލަމުން ދިޔަ ހަރުކަށި ބަޔަކު ކާރު ހުއްޓުވިއެވެ. އެއީ ގެރިއަކީ އެމީހުންގެ މުގައްދަސް ޖަނަވާރެއް ކަމަށް ބަލައި އެއަށް އަޅުކަން ކުރާ ޖަމާއަތުގެ ހަރުކަށި ބައެކެވެ.

އެމީހުންނަށް އެ ކާރު ފެނުމާއެކު ހުއްޓުވައި ކާރު ބަލައި ފާސްކުރިއިރު އެއިން ފެނުނު މީޓް [މަސް] އެއީ ގެރީގެ މަސް ކަމަށް ވަގުތުން ނިންމިއެވެ. އެއާއެކު ކާރުގައި ތިބި ދެ ޒުވާނުން ޖަމާ ނެރެ ތަޅާ އަނިޔާކުރަން ފެށިއެވެ. ހަމައެއް ލަމައެއް ނެތި އެމީހަކަށް އަތުޖެހުނު އެއްޗަކުންނާއި ފަޔާއި އަތުން ތަޅާ ބިންމައްޗަށް ވައްޓާލިއެވެ. އެވަރުން ފުއްދާލީކީ ނޫނެވެ. އެ ދެ ޒުވާނުން ވާގަނޑަކުން ބަނދެ ބޮލާއި ގައިގައި ލަކުޑި ފަތިބުރިތަކުންވެސް ތަޅަން ފެށިއެވެ.

ލިބުނު އަނިޔާތަކުގައި އަފާން މަރުވި އިރު ނާސިރު ދަނީ ބޮމްބޭގެ ކެމް ހޮސްޕިޓަލުގައި ފުރާނައާ ހަނގުރާމަ ކުރަމުންނެވެ. އޭނާގެ ބޯ ފަޅައިގެން ގޮސް ލިބިފައިވާ ޒަހަމްތަކުގެ ފުންކަމުން، ހާލު ވަރަށް ނާޒުކު ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެ ދުވަހަކީ އަފާންގެ 32 ވަނަ އުފަންދުވަހެވެ. އާއިލާގެ މީހުން އިންތިޒާމުކޮށް އިންތިޒާރު ކުރަމުން ދިޔައީ އޭނާގެ އުފަންދުވަސް ފާހަގަ ކުރުމަށެވެ.

"އަހަންނަން ލިބުނީ ފޯން ކޯލެއް، އެއީ ފުލުހުން، ބުނީ އަފާން އާ ގުޅޭ ކަމެއް ކަމަށާއި ފުލުސް އޮފީހަށް އައުމަށް"
އަފާންގެ ބޭބެއެއް ކަމަށް ވާ މުހައްމަދު އަސްގަރު (38އ)

އޭނާ ބުނީ، ފުލުސް ސްޓޭޝަނާ ހަމައަށް ދެވުނީ ގާތްގަނޑަކަށް 3 ގަޑިއެއް ހާއިރު ފަހުން ކަމަށާއި އަފާންގެ ހަށިގަނޑު ފެނުމާއެކު ހުއްޓުން އެރި ކަމަށެވެ.

"އަހަންނަށް ގަބޫލެއްވެސް ނުކުރެވުނު، ކޮއްކޮގެ މޫނު އޮތީ ފެހިވެފައި، ނިއްކުރިމަތީގައި ވެސް ޒަހަމެއް ހުރި، ކޮނޑުހުޅުން ނެއްޓި އިނގިލިތައް ވަނީ ބިނދިފައި"
އަފާންގެ ބޭބެއެއް ކަމަށް ވާ މުހައްމަދު އަސްގަރު (38އ)

އުމުރުން 6 އަހަރާއި 4 އަހަރުގެ ދެ އަންހެން ދަރިންގެ ބައްފަ އަފާންގެ މަރާއެކު އާއިލާއަށް ސިހުން ލިބިފައި ވާ އިރު އޭނާގެ އަންހެނުން އަދިވެސް އިނީ ގަބުވެފައެވެ. އަފާން އަކީ އާދައިގެ އާއިލާއަކަށް އުފަން އާދައިގެ ދިރިއުޅުމެއް އުޅޭ މީހަކަށް ވާއިރު، އެ ކުދިންގެ މުސްތަގުބަލާމެދު ކަންބޮޑުވާ ކަމަށް އަސްގަރު ބުނެފައި ވެއެވެ.

އަފާންގެ މަރާއި ނާސިރަށް ދިން އަނިޔާ އާ ގުޅިގެން ފުލުހުން މިހާރު ވަނީ 11 މީހަކު ހައްޔަރު ކޮށްފައެވެ. ނާސިކް ޑިސްޓްރިކްޓަށް ނިސްބަތްވާ އެ މީހުންގެ ތެރެއިން އެކަކު ފިޔަވައި އެންމެންނަކީވެސް 19 އަހަރާއި 30 އަހަރާ ދެމެދުގެ އުމުރުފުރައިގެ މީހުންނެވެ. އެކަކުގެ އުމުރަކީ 42 އަހަރެވެ.

އެ 11 މީހުން ހައްޔަރު ކުރި ނަމަވެސް ފުލުހުން ދައުވާ ކުރީ އެ 2 މުސްލިމުންނަށެވެ. މަހާރާސްތުރައިގައި ގެރިއާއި، ބުލްސް އާއި އޮކޮސް މެރިމަކީ ގާނޫނީ ކުށެކެވެ. އެމީހުން ގަބޫލު ކުރާ ގޮތުން އެއީ މުގައްދަސް ޖަނަވާރުތަކެކެވެ.

ނާސިރު ކާރު ކައިރީގައި ފޮޓޯއަކަށް ހުއްޓިގެން

އެ 2 ޒުވާނުން ދުއްވި ކާރުގައި ހުރީ ގެރިކަމަށް ކުރެވޭ ތުހުމަތާ އެކު އެ ދެ ޒުވާނުންނަށް ދައުވާ ކުރަން ފުލުހުން ނިންމާފައި ވާ އިރު، އެ ކާރު މިހާރު ވަނީ ފޮރެންސިކް ތަހުލީލުތަކަށް ހިފަހައްޓާފައެވެ.

މަހާރާސްތުރައިގައި މެރުން ނުވަތަ ކެއުމަށް ބޭނުން ކުރުން ހުއްދަ އޮންނަނީ ފެނުގައި އުޅޭ ބަފަލޯ ކަމަށް ވާއިރު، އެ ކާރުގައި އުފުލީ 450 ކިލޯގެ ބަފަލޯ އާއި ބުލްސް ގެ މަސް ކަމަށް ނާސިރާ ހަވާލާދީ ރިޕޯޓުތައް ބުނެއެވެ.

ނާސިރު އިތުރަށް ބުނީ، އެމީހުން ޖޫން 24 ގައި ނާސިކްގެ ގޯތީ ޓޮލް އިން ހުރަސް ކުރި އިރު އެމީހުންގެ ފަހަތުން ފާރަލަމުން އައި 3 ފުރޮޅުލީ ވެހިކަލަކާއި ސައިކަލުތަކެއް ފާހަގަ ވި ކަމަށާއި ލަސްތަކެއް ނުވެ އެމީހުން އައިސް ނާސިރުމެން ތިބި ކާރު ކުރިމައްޗަށް އަރާ ހުއްޓުވި ކަމަށެވެ. އެއާއެކު އެމީހުންގެ ތެރެއިން އެކަކަށް ފޯނު ކޯލެއް އައި ކަމަށާއި އެ ކޯލުގައި "ކިލް ދަ ލޯންޑިޔާސް' [އެމީހުން މަރާލާ] ށޭ ބުނި ކަމަށެވެ.

ނާސިރު ބުނީ، އޭނާ ހޭނެތިފައި އޮތް ކަމަށް ނުހެދިނަމަ އޭނާވެސް މަރާލީސް ކަމަށާއި ހަމަލާ ދީން މީހުން އޭނާ ނޭވާލާތޯ ބެލި އިރު ނޭވާ ހިފަހައްޓާލައިގެން އޮތީ ކަމަށެވެ.

ނާސިރުގެ މޮހޮސިން (22އ) އާ ހަވާލާދީ އަލްޖަޒީރާއިން ބުނީ، އެމީހުން އެ 2 މީހުން ދަމާ ކޫތާފައި ކައިރީގައި އޮތް ޖަންގަލިތެރެއަށް ގެންދިޔަ ކަމަށާއި އެއްސީ އެތާގައި ކަމަށެވެ. އަދި ގަހަކަށް ވާ ހިފާ، ދަގަނޑު ރޮޑާއި ހޮޅިބުރި އާއި ލަކުޑި ބުރިއާއި ބޫޓުން ތަޅާ އަނިޔާ ކުރި ކަމަށާއި ގާތްގަނޑަކަށް 3 ގަޑިއެއް ހާއިރު އަނިޔާ ކުރި ކަމަށެވެ. އެއަށް ފަހު އެ ދެމީހުންގެ ހަށިގަނޑު ހައިވޭއަށް އެއްލާލައިފައި އަނިޔާކުރި މީހުން ދިޔައީ ކަމަށް ބުނެފައި ވެއެވެ.

އެމީހުން ހައިވޭއަށް އެއްލާލައިފައި ތިބީ ދެއަތް ފުރަގަހަށްލައި ބަނދެފައި ކަމަށާއި ކައިރި ހޮސްޕިޓަލަކަށް އެމީހުން ގެންދިޔައީ ހައިވޭއިން ދަތުރުކުރި މީހަކަށް ފެނިގެން އެމީހާ ކަމަށް ވެސް ބުނެފައި ވެއެވެ.

އަފާން މަރުވީ އެތާނގައި އޮއްވައެވެ.