އަންނަ މަހުގެ ހަވަނަ ދުވަހު އޮލިމްޕަސް ސްކްރީނުގައި ޕްރިމިއާކުރުމަށް ހަމަޖެހިފައިވާ އައިފިލްސް ގެ ދެވަނަ ފީޗާ ފިލްމު "ނީނާ" ގެ ޕްރޮމޯޝަނަލް ލަވަ އާންމުކޮށްފިއެވެ.
ޔޫޓިއުބްގައި މި ލަވަ ރިލީޒްކުރިއިރު މި ލަވައަށް ދީފައިވާ ނަމަކީ "އަލިފާން"އެވެ. މަޝްހޫރު ލަވަކިޔުންތެރިޔާ އަންދަލާ ހަލީލްގެ ހިތްގައިމު އަޑުން ކިޔައިދީފައިވާ މި ލަވަ އަކީ ވަރަށް ބާރުވެރި ލަވައެކެވެ. ލަވައިގައި ކިޔައިދެނީ އަންހެނަކު، އޭނާ އަށް ކުރިމަތިވަމުންދާ އަނިޔާ އާއި ދެކޮޅަށް ކުރާ ހަނގުރާމައިގެ ވާހަކައެވެ. ލަވައިގައި ކިޔައިދެނީ އަނިޔާ ދޭ މީހާ ހޯދާނެ ކަމަށާއި އެ ނުބައި އަނިޔާވެރިޔާ ނުހޯދިއްޖެނަމަ "ނީނާ" އަކަށް ނީނާ އެއް ނުކިޔާނެ ކަމަށެވެ. އިލްޔާސް ވަހީދު އަދި އާސިމް އަލީ ގެ ލިރިކްސް އަށް ތައްޔާރުކޮށްފައިވާ މި ލަވައިގެ މިއުޒިކް ހެދީ މިސްޓީއެވެ.
މި އަހަރު ރިލީޒްކުރާ އެންމެ އުންމީދީ އެއް ފިލްމު ކަމަށްވާ "ނީނާ" އޮލިމްޕަސް ސްކްރީނަށް އަންނަ އޮގަސްޓް މަހުގެ ހަވަނަ ދުވަހު އަންނައިރު މި ފިލްމަކީ ނުޒުހަތު ޝުއައިބު ޝަރަފް އަބްދުﷲ ލީޑު ރޯލުން ފެނިގެންދާ ފިލްމެކެވެ. މި ފިލްމަކީ ޝަރަފް ކުޅުނު ފުރަތަމަ ފިލްމުވެސްމެއެވެ. މި ފިލްމުގެ މަސައްކަތް ނިމި ފިލްމު އަޅުވަން ތައްޔާރުވެފައި އޮއްވާ ކޮވިޑް19 ގެ ވަބާގައި މުޅި ރާއްޖެ ލޮކްޑައުން ކުރުމާއެކު ފިލްމު އެޅުވުމުގެ މަގު އެއްކޮށް ބަންދުވިއެވެ. ދިވެހި އުފެއްދުންތައް އޮންލައިން ޕްލެޓްފޯމުން ފެނިގެންދިޔައިރު ޝަރަފް ގެ އެކްޓިން ވެސް ފެނިގެންދިޔައެވެ. ނަމަވެސް މި ފިލްމަކީ ޝަރަފް ކުޅުނު ފުރަތަމަ ފިލްމުކަން ފާހަގަކޮށްލެވެއެވެ. ބެލެވޭ ގޮތުގައި މި ފިލްމުވެގެންދާނީ މިއަހަރު ސިނަމާގައި އަޅުވާ އެންމެ ކާމިޔާބު އެއް ފިލްމަށެވެ. ފިލްމާ ދޭތެރޭ ކުރެވޭ އުންމީދު ވަރަށް ބޮޑެވެ. ފިލްމުގެ ޓީޒާ ޓްރެއިލާ މިހާރު އާންމުންނަށް ދޫކޮށްލާފައިވާއިރު މި ޓްރެއިލާ އަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބިގެންދިޔައެވެ. މި ފިލްމަކީ ނުޒޫގެ ވަރަށް ތަފާތު މޮޅު އެކްޓިންނެއް ފެނިގެންދާނެ ފިލްމެއްކަމަށް ބެލެވެއެވެ. ސަބަބަކީ ފިލްމުގެ ޓްރެއިލާ އިން ވެސް ނުޒޫގެ ތަފާތު ލުކް ފެނި ވަރުގަދަ އެކްޝަން މަންޒަރުތަކެއް ފެނިގެން ގޮސްފައިވާތީއެވެ.
ފިލްމުގެ ޝޫޓިން އަށް ޖުމްލަ 18 ދުވަސް ހޭދަވިއިރު މި ފިލްމު 16 ދުވަސްވަންދެން ޝޫޓްކުރީ ލ އަތޮޅުގައެވެ. ފިލްމުގެ ބާކީ ބައި ޝޫޓްކުރީ މާލޭގައެވެ.