އިންޑިއާގެ މަގްދަޔަ ޕްރަދޭޝްގައި ހެދުން ފެކްޓަރީއެއް ހަދަން މަކަރާއި ހީލަތުން 34 މީހެއްގެ އަތުން ފައިސާ ހޯދި މީހަކު 170 އަހަރަށް ޖަލަށް ލައިފިއެވެ.

މިހާރު އުމުރުން 55 އަހަރުވެފައި ވާ މީހާ 34 މީހުންގެ އަތުން ފައިސާ ހޯދީ އޭނާ ކުރަ އިންވެސްޓްމަންޓަކަށް ބޭނުންވާ 72 ލައްކަ ރުޕީސް (8 ލައްކަ އެމެރިކާ ޑޮލަރު) ހަމަ ކުރުމަށެވެ. އެ 34 މީހުންގެ އަތުން ނެގި އަދަދު ސާފު ނުވިނަމަވެސް އެކަން ކުރި މީހާއަށް ސެޝަން ކޯޓަކުން ކުރި ހުކުމުގައި ބުނެފައި ވަނީ 34 މީހުން ކުރެ ކޮންމެ މީހަކަށް 5 އަހަރު ޖެހޭ ގޮތަށް ޖުމްލަ 170 އަހަރުގެ ހުކުމެއް އިއްވާ ކަމަށެވެ.

މީގެ އިތުރުން އެއިން ކޮންމެ މީހަކަށް ބަދަލުގެ ގޮތުގައި 10،000 ރުޕީސް ދޭންވެސް އޭނާގެ މައްޗަށް ވަނީ ހުކުމް ކޮށްފައެވެ.

މިއީ އިންޑިއާގައި މިފަދަ ހުކުމެއް ކުރި ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން 'ޗިޓް ފަންޑް' ކުންފުންޏެއްގެ ޑައިރެކްޓަރަކު ވަނީ 250 އަހަރަށް ޖަލަށް ލައިފައެވެ. އެއީ އޭނާ 34 ލައްކަ ކަސްޓަމަރުން ނުވަތަ އިންވެސްޓަރުންނަށް އޮޅުވާލައިގެން 4000 ކްރޯޑް ރުޕީސް ހޯދާފައި ވާ މައްސަލައެއްގައެވެ.

މި ގާމަންޓް ފެކްޓަރީ ނުވަތަ ހެދުން ފެކްޓަރީ ހަދާ މީހާ އާންމުންގެ އަތުން ފައިސާ އަތުލީ އޭނާގެ ވިޔަފާރި ދުބާއީ، ވިއެޓްނާމް އަދި ކެމްބޯޑިއާގައި ހުރިކަމަށް ބުނެ އިންވެސްޓް ކުރާ މީހުންނަށް ޝެއާ ދޭން ބުނެ ހައްލާލައިގެންނެވެ.