ރާނީ މުކަރްޖީ އާއި ސައިފް އަލީ ހާން އެކުގައި ކުޅޭ ފިލްމެއް އިއުލާން ކޮށްފި ނަމަ އެ ފިލްމެއް ބަލަން ދާން ފަހެއް ނުޖެހެއެވެ. ކިތަންމެ އަގުބޮޑުކޮށް ޓިކެޓް ގަނެގެންވިޔަސް މި ފިލްމެއް ބަލަން ބެލުންތެރިން ސިނަމާއަށް ވަންނާނެއެވެ. ސަބަބެއް ނެތިއެއްވެސް ނޫނެވެ. ބޮލީވުޑްގައި އުފެދުނު އެންމެ ވަރުގަދަ ތަރިންގެ ތެރޭގައި ހިމެނޭ ސައިފް އާއި ރާނީގެ އޮން ސްކްރީން ޖޯޑަކީ އެންމެންނަށްވެސް ވަރަށް ލޯބި ޖޯޑެކެވެ. ގިނަ ބަޔަކަށް ކަމުދާ ޖޯޑެއްވެސްމެއެވެ.
ދެތަރިން އެކުގައި މިހާތަނަށް ގިނަ ފިލްމުތަކެއް ކުޅުނުއިރު ދެމީހުން އެކުގައި ކުޅުނު އެންމެ ފުރަތަމަ ފިލްމަކީ 2004 ވަނަ އަހަރު ގެނެސްދިން ފިލްމު "ހަމް ތުމް" އެވެ. މި ފިލްމަކީ ވަރަށް ޔުނިކް ލަވް ސްޓޯރީއެކެވެ. ރާނީ (ރިއާ) އާއި ސައިފް (ކަރަން) ދިމާވަނީ ފްލައިޓެއްގެ ތެރެއިންނެވެ. ފުރަތަމަ ދިމާވުމުންވެސް ދެމީހުން ތަޅާފޮޅެއެވެ. އަދި ދަތުރު ނިމެންދެންވެސް ދެމީހުން ތިބޭ އެކަކު އަނެކަކާ ކޯޅޭށެވެ. އޭގެފަހުން ދެމީހުންނަށް އެކަކު އަނެކަކު ނުފެނި ޒަމާންތަކެއް ވެގެންދެއެވެ. އަދި ހަޔާތުގެ ކޮންމެވެސް ހިސާބަކުން ދެމީހުން އެކަކު އަނެކަކާ ދިމާވެ ވާހަކަ ދެކެވި ލޯބިވެއެވެ. މި ފިލްމަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބިގެންދިޔައިރު ބޮކްސް އޮފީހުގައި މި ފިލްމަށް ވަނީ 426.3 މިލިއަން އިންޑިއަން ރުޕީސްގެ އާމްދަނީއެއް ލިބިފައެވެ. ފިލްމުގައި ސައިފް އަށް ވަނީ ނޭޝަނަލް ފެންވަރުގެ އެވޯޑެއްވެސް ލިބިގެން ގޮއްސައެވެ.
މި ފިލްމު ބޮޑު ހިޓަކަށްވުމާއެކު ޑައިރެކްޓަރުން ސައިފް އާއި ރާނީ ލައްވައި ގިނަ ފިލްމުތަކެއް އެކުގައި ކުޅުއްވަން ބޭނުންވިއެވެ. މިދެތަރިން އެކުގައި ކުޅުނު އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި "ތާރާ ރަމް ޕަމް"، "ބަންޓީ އޯޜް ބަބްލީ 2" އަދި "ތޯޑާ ޕިޔާރު ތޯޑާ މެޖިކް" ހިމެނެއެވެ. ޒަމާންގަނޑަކަށްފަހު ރާނީ އާއި ސައިފް އެކުގައި ފެނިގެންދިޔަ ފިލްމު "ބަންޓީ އޯރް ބަބްލީ 2" އިއުލާންކުރުމާއެކު ބެލުންތެރިން އުފަލުން ފޮޅުނެވެ. ދުވަސްގަނޑަކަށްފަހު ދެމީހުން އެކުގައި އޮން ސްކްރީނުން ފެންނަން ބޭނުންވެފައި ހުއްޓާ އެ ހުވަފެން ހަގީގަތަކަށް ހަދައިދިނީ ވަރުން ވީ ޝަރުމާއެވެ. މި ފިލްމު 2021 ވަނަ އަހަރު ރިލީޒްކުރިއެވެ.
ސައިފް އާއި ރާނީ ގެ ލޯބި އޮން ސްކްރީން ޖޯޑަކީ ގިނަ ޑައިރެކްޓަރުންނަށްވެސް ވަރަށް ކަމުދިޔަ ޖޯޑެކެވެ. ދެމީހުންގެ އޮން ސްކްރީން ކެމިސްޓްރީ ގުޅޭވަރުން ފިލްމުގެ ބައެއް މަންޒަރުތައް ނަގާއިރު ރޮވޭ ކަމަށްވެސް ބައެއް ޑައިރެކްޓަރުން ބުނެއެވެ.
މިއަދު މިދެތަރިންނަކީ އެންމެ ގާތް ރަހުމަތްތެރިންނެވެ. ދެމީހުންގެ ވަކި ދިރިއުޅެއް އޮތްނަމަވެސް ސައިފް އާއި ރާނީ އަކީ އެކަކު އަނެކަކާ ވާހަކަ ބަދަލުކުރެވޭ ވަރުގެ ގާތް ރަހުމަތްތެރިންނެވެ. އަނެއްކާވެސް ބެލުންތެރިން ބޭނުންވަނީ މިދެމީހުންގެ އަސަރުގަދަ ލޯބީގެ ވާހަކަ އެއް ސްކްރީނަށް އައުމަށެވެ. ރާނީ އާއި ސައިފް އަކީ މިއަދުވެސް އެބައެއްގެ ހިތުގައި ބިންވަޅު ނެގިފައިވާ ލޯބި އޮން ސްކްރީން ޖޯޑެކެވެ.