އަންނަ ރިޔާސީ އިންތިހާބަށް ކުރިމަތިލާ މީހުންގެ އެޕްލިކޭޝަން ބަލައިގަންނާނީ އަންނަ ޖުމައި މަހުގެ 23 އިން އޮގަސްޓް މަހުގެ 7 އާ ދެމެދު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ، އެ މުއްދަތުގައި ރިޔާސީ އިންތިހަބަށް ކުރިމަތިލާ މީހުންގެ އެޕލްިކޭޝަންތައް ބަލައިގަންނާނީ އިންތިހާބާބެހޭ މަރުކަޒު (ދަރުބާރުގެ) އިން ކަމަށެވެ. ރިޔާސީ އިންތިހާބުގެ ގާނޫނުގައި ކެންޑިޑޭޓުންގެ އެޕްލިކޭޝަން ބަލައިގަތުުގެ މުއްދަތަށް ގެނައި ބަދަލުގެ ސަބަބުން، ކެންޑިޑޭޓުންގެ ނަން ތަރުތީބު ކުރާ ތާރީހަށް ވެސް ބަދަލު އަންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެގޮތުން ރިޔާސީ އިންތިހާބުގެ މުހިންމު ތާރީހުތައް ކަނޑައަޅާފައި ވަނީ، ގާނޫނަށް ބަދަލު އަތުވެދާނެ ކަމަށް ވިސްނައިގެން ކަމަށް އޭނާ ވިދާޅުވިއެވެ. ގުރުއަތުލުން އޮންނާނީ ކެމްޕެއިން ކުރުމަށް ތިރީސް ދުވަސް ލިބޭގޮތަށް، އޮގަސްޓް 9 ވާ ބުދަ ދުވަހު ކަމަށް ވެސް ހަބީބް ވިދާޅުވިއެވެ.
މީގެ އިތުރުން ހާއްސަ ޓެމްޕްލޭޓެއް ބޭނުން ކޮށްގެން، ފެނުމުން މަހްރޫމްވެފައިވާ މީހުން އަމިއްލައަށް ވޯޓުލުމަށްޓަކައި، އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް ގެނައި އިސްލާހަކީ، ހަމަހަމަ ކަމާއެކު ވޯޓުދިނުމުގެ ހައްގު އަދާކުރުމަށް އެޅި ވަރަށް މުހިންމު ފިޔަވަޅެއް ކަމަށާއި އިންތިހާބީ ނިޒާމަށް ލިބުނު ވަރަށްބޮޑު ކުރިއެރުމެއް ކަމަށް ހަބީބް ވިދާޅުވިއެވެ. މިކަމާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތަކަށް އީސީ ތައްޔާރުވެފައިވާ ކަމަށާއި ހޭލުންތެރިކަން އިތުރުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ގުޅުންހުރި މުއައްސަސާތަކާ އެކު މަޝްވަރާ ފަށާފައިވާ ކަމަށް ހަބީބް ވިދާޅުވިއެވެ.
މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓް ދިނުމުގެ ހައްގު ލިިބިފައިވާ ލިސްޓު އީސީން އާންމު ކޮށްފައިވާ އިރު، އެ ލިސްޓުގައި އުމުރުން 18 އަހަރުން މަތީގެ 282،672 މީހުން އެބަ ތިއްބެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރާ ސިޔާސީ ޕާޓީތަކުން މިހާރު އަންނަނީ ފޯރިއާއި އެކު ތައްޔާރުވަމުންނެވެ. އިންތިހާބުގައި ވާދަކުރާނެ ކަން އިއުލާންކޮށްފައިވާ މީހުންގެ ތެރޭގައި އެމްޑީޕީން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ދެވަނަ ދައުރަކަށް ކުރިމަތި ލައްވަން ވަނީ ނިންމަވާފައެވެ. ހަމައެއާއެކު އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި އެމްއެންޕީގެ ރައީސް ކާނަލް މުހައްމަދު ނާޒިމް ހިމެނެއެވެ.
މި ޕާޓީތަކުގެ އިތުރުން އަމިއްލަ ގޮތުން ވެސް ބައެއް ބޭފުޅުން އިންތިހާބުގައި ވާދަކުރައްވާނެ ކަން އޮތީ އިއުލާން ކުރައްވައިފައެވެ. އޭގެތެރޭގައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު ހިމެނިވަޑައިގަންނަވައެވެ.